ބ. ދަރަވަންދޫގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށާއި މިހާރު ދަނީ މައި ނެޓްވޯކްގެ ހޮޅި ވަޅުމުގެ މަސައްކަތް ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ބ. ދަރަވަންދޫގެ ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތްތައް އެ ކުންފުނިން އަންނަނީ ކުރަމުން ކަމަށާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ވަނީ އެރަށް ގެންގޮސްފައި ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ނަރުދަމާ ނިޒާމްގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތް ކަމަސް ވެސް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ދަރަވަންދޫގައި 54.9 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު 780 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، 3 ޕަންޕިން ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނެއެވެ.

މީގެ އިތުރުން މި މަސައްކަތް ނިންމާލާ އިރު ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ދަރަވަންދޫގެ ނަރުދަމާގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫގެ އަގަކީ ޖުމްލަ 29.40 މިލިއަން ދިވެހި ރުފިޔާއެވެ.