މިއަދުން ފެށިގެން ހިޔާ ފްލެޓްތަކުގެ ހަތަރު ޓަވަރަކުން ކުނި ނެގުމަށްޓަކައި އެ ސަރަހައްދުގައި ވޭސްޓް ޔުނިޓެއް ވެމްކޯއިން ގާއިމް ކޮށްފިއެވެ.

ވެމްކޯއިން އިއްޔެ ބުނީ، މިއަދުން ފެށިގެން ހަތަރު ޓަވަރެއްގެ ކުނި ކޮންމެ ދުވަހެއްގެރޭ 9 އިން ދަންވަރު 12 އަށް، އެ ޓަވަރުތަކުގެ ތިރީގައި ގާއިމްކޮށްފައިވާ ވޭސްޓް ޔުނިޓަށް އުކާލުމަށް އެދޭ ކަމަށެވެ. އެ ޓަވަރުތަކަކީ:

  • އެޗް-13
  • އެޗް-14
  • އެޗް-15
  • އެޗް-16

ހަމަ އެއާއެކު، އުކާލާ ކުނި ހުންނަން ވާނީ ބަދިގެ ކުންޏާއި، ޕްލާސްޓިކް، އަދި އެހެނިހެން ކުނި ވަކިން ބަންދު ކުރެވިފައި ކަމަށްވެސް ވެމްކޯއިން ބުންޏެވެ.

އެހެންކަމުން އެ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުން ބޭރަށް ކުނި އުކާނުލުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

މިދިޔަ ހޯމަ ދުވަހު ވެމްކޯއިން ބުނީ، އަންނަ މަހުން ފެށިގެން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ދުވަހު ކުނި އުކާލުމުގެ ހިދުމަތަށް ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އެގޮތުން، އެ ހިދުމަތަށް ދައްކަން ޖެހޭނީ މަހަކު 150 ރުފިޔާ ކަމަށް ވެމްކޯ އިން ބުންޏެވެ.