މި ސަރުކާރުގައި ދިފާއީ ވަޒީރުކަން އަންހެނަކާ ހަވާލުކުރުމުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންހެންނަށް ކުރައްވާ އިތުބާރު އެނގިގެންދާ ކަމަށް ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

130 ވަނަ ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން "މިނިސްޓަރުގެ ގަލަންކޮޅުން" މި ނަމުގައި މިނިސްޓްރީ އޮފް ޑިފެންސުން އާންމުކުރި ލިޔުމެއްގައި މިނިސްޓަރު މާރިއާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާނަށް އަލިއަޅުއްވާފައެވެ. އެގޮތުން ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ރައީސަށް މަތިވެފައިވާ އެންމެ އިސް ވާޖިބަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި އަމާން، ސުލްހަވެރި މާހައުލެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވި ކަމަށް މާރިއާ ވަނީ ފާހަގަ ކުރައްވާފައެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ދިވެހި އަސްކަރިއްޔާއިން ދިވެހި ގައުމާއި ދިވެހި ރައްޔިތުން ފަހުރުވެރިވާ ފަދަ އެތައް ކާމިޔާބިއެއް ހޯދައިފައިވާ ކަމަށާއި ސިފައިންގެ ތެރޭގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށްވެސް އެކި ފެންވަރުގައި މަސައްކަތް ކޮށްފައިވާނެކަން މާރިއާ ވިދާޅުވިއެވެ. އަދި މީގެ ކުރިން ދެކެފައިނުވާފަދަ ކުރިއެރުންތަކެއް އަންހެން ސިފައިންނަށް ހާސިލުކުރެވިއްޖެކަމަށް ވެސް މާރިއާ ވަނީ ވިދާޅުވެފައެވެ.

މާރިއާ ވިދާޅުވި ގޮތުގައި ދިވެހި އަސްކަރިއްޔާއަށް ހޯދިފައިވާ ކާމިޔާބީތަކުގެ ފަހަތުގައި ވަނީ ރައީސް ސޯލިހު ސިފައިންގެ ކަންކަމަށް ދެއްވާ ހާއްސަ އަހަންމިއްޔަތުކަމެވެ.