ދިވެހިންނަކީ މަސައްކަތްތެރި ބައެކެވެ. ކާބަފައިންގެ ޒަމާނުން ފެށިގެން ބެލި ކަމުގައި ިޔަސް އަމިއްލަ އުފެއްދުންތައް އުފެއްދުމަށް ދިވެހިން ލޯބި ކުރާ ތަން އައި ފެންނަމުންނެވެ. އެ ގޮތުން އެތައް އަހަރުތަކެއް ކުރިން، ސީނުކަރަ، އަސޭކަރަ އަދި އޭޝިއާގެ ގައުމުތަކުން ދިވެހިންގެ ތެރެއަށް ވެސް އައިސްފައިވާ މަސައްކަތެއް ކަމަށް ވާ ލިޔެލާ ޖެހުމަކީ ދިވެހި ފިރިހެނުން ކޮށް އުޅުނު ވަރަށް ހުނަރުވެރި މަސައްކަތެވެ.

ލިޔެލާޖެހުމަކީ ލަކުޑިގަނޑެއް ދިގުހަރުގައި އަޅައިގެން ލިޔާކަށްޓަކުން ކޮށައި އެއަށް ބޭނުންވާ ސިފައެއް ގެނެސް އޭގައި ލާހިއްޕުމެވެ. މި މަސައްކަތުން އުފައްދާ ތަކެތީގެ ތެރޭގައި މާޖަހާ އެއްޗެއްސާއި މަލާފަތް ފަދަ ތަކެތި ހިމެނެއެވެ. އިހު ޒަމާނުއް ސުރެއް ދިވެހިންގެ ތެރޭގައި ކުރަމުން އައި މި މަސައްކަތަކީ އަދިވެސް ބައެއް ދިވެހިން އާމްދަނީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން މި މަސައްކަތަށް އެންމެ މޮޅު މީހުން ތިބީ ބ. އަތޮޅު ތުޅާދޫގައި ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ލިޔެލާ ޖެހުމުގެ މަސައްކަތް ކުރަނީ

"ދަ ޕްރެސް" އިން ރޯދަ މަހަށް ހާއްސަކޮށްގެން ގެނެސްދޭ "މީހުން" ސިލްސިލާގައި މިއަދު މި ގެނެސްދެނީ ލިޔެލާ ޖެހުމަށް ރާއްޖޭގައި އެންމެ މަޝްހޫރު ރަށް ކަމަށްވާ ބ. ތުޅާދޫ އަށް އުފަން އިބްރާހިމް މުހައްމަދު، ނުވަތަ އާންމު ނަމުން ނަމަ އިއްބެގެ ވާހަކައެވެ. އިއްބެގެ އާއިލާ އަކީ ޒަމާނުއް ސުރެ މި މަސައްކަތް ކުރަމުން އައި ބައެކެވެ. އެ ގޮތުން އޭނާ އެންމެ ކުޑައިރު ހަނދާން ހުންނަން ފެށީއްސުރެ އޭނާގެ ބައްޕަ މި މަސައްކަތުގައި އުޅޭ ތަން ފެންނަ ކަމަށް އޭނާ ބުނެއެވެ.

އިއްބެގެ ބައްޕަ ލިޔެލާ ޖެހުމުގެ މަސައްކަތް ކުރި ދުވަސްވަރު
"މި މަސައްކަތް ފެއްޓުނީ ބައްޕަގެ ފަރާތުން. ބައްޕަ އަކީ ބ. ތުޅާދީ، ލިޔެލާގޭ، އަލްމަރްހޫމް އުމަރު އިދުރީސް. އާއިލާގެ ހުރިހާ މީހުންވެސް މި މަސައަކތް ކުރި އަދި ބައްޕަ މި މަސައްކަތް ކުރާ ތަން އަޅުގަނޑު ހަނދާން ހުންނަން ފެށީއްސުރެ ހުރޭ. ބައްޕަ އޭރުގައި ލާ ޖަހާލަފަ ދިނީމަ ލިޔެލާ ހަދާލަން. އެއީ އަޅުގަނޑު ސްކޫލްގައި އުޅުނު އިރު. އާމްދަނީ ހޯދަން މަސައްކަތެއްގެ ގޮތުގައި މި މަސައްކަތް އަޅުގަނޑު ކުރަންފެށީ މާ ފަހުން. އެއީ 2005 ގައި."
އިބްރާހިމް މުހައްމަދު

އެގޮތުން އޭނާ ވަނީ އެ މަސައްކަތް ބައްޕަ ކައިރިން ދަސްކޮށްފައި ކަމަށާއި އަދި ބައްޕަ މަސައްކަތް ކުރި އިރު އެ މަސައްކަތުގައި އޭނާ ވެސް ބައިވެރިވެގެން މަސައްކަތް ކުރަމުން ދިޔަ ކަމަށް އޭނާ ބުނެއެވެ. މި މަސައްކަތަށް އޭނާ ނިކުތް އިރު އޭނާއަށް އެންމެ ބޮޑު ހިތްވަރަކާއި އެހީތެރިކަމެއް ލިބިގެން ދިޔައީ ބައްޕަގެ ފަރާތުން ކަަމަށް ބުނެއެވެ. އަދި ބައްޕަ ދުނިޔޭގައި ހުރި އިރު، ބައްޕަގެ ތަޖުރިބާ އޭނާއާ ހިއްސާކޮށްފައިވާ ކަމަށާއި އެއީ މި މަސައްކަތް ކުރުމަށް ލިބުނު ހިތްވަރެއްގެ ގޮތުގައި އިއްބެ ފާހަގަ ކުރެއެވެ.

މީގެ ކުރިން އިއްބެ އަކީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރި މީހެކެވެ. ކުރިން އާފަތިސް ނޫހާއި ދުވަހު ނޫހަށް 2000 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ ލިޔެދީފައެވެ. އެ މަސައްކަތް އޭރު ކުރީ ހިލޭ ސާބަހަށް ކަމަށާއި އެކަމަކީ ލިޔުންތެރިކަމަށް ހުރި ޝައުގެއްގެ ބޮޑުކަމުން ކުރި މަސައްކަތެއް ކަަމަށް އޭނާ ބުނެއެވެ. ނޫސްވެރިއެއްގެ ގޮތުގައި 5 އަހަރު ދުވަހު ހޭދަ ކުރުމަށްް ފަހު އިއްބެ ވަނީ އެޑިޓަރެއްގެ ގޮތުން އަމިއްލް މަޖައްލާއެއް ނެރެ ހިންގަން މަސައްކަތް ކޮށްފައެވެ. ފުރަތަމަ މަސައްކަތް ކާމިޔާބު ނުވުމުން 2011 ވަނަ އަހަރު އޭނާ ވަނީ ތުޅާދޫ މަލަ ނަމުގައި އޮންލައިން ނޫހެއް އުފައްދައިގެން ހިންގާފައި ކަމަށް އިއްބެ ބުނެއެވެ.

އިއްބެގެ ބައްޕަ ލިޔެލާ ޖެހުމުގެ މަސައްކަތުގައި

އޭގެ ފަހުން ނޫސްވެރިކަމުން ދުރަށް ގޮސް އިއްބެ ބޭނުންވީ މާލެ ދޫކޮށް ރަށަށް ދިރިއުޅުން ބަދަލު ކުރާށެވެ. އެ ގޮތުން 2005 ވަނަ އަހަރު އޭނާ ވަނީ ރަށަށް ބަދަލުވެ ލިޔެލާ ޖެހުމުގެ މަސައްކަތް ފަށާ އަމިއްލަ އަށް އުފައްދާ ތަކެތި ވިޔަފާރި އުސޫލުން ވިއްކަން ފަށާފައެވެ. އިއްބެ ވަނީ މި މަސައްކަތް ފެށި ހިސާބުން ފޭސްބުކް ގައި ޕޭޖެއް ހަދާފައެވެ. އަދި މިހާރު އޭނާ އަންނަނީ އިންސްޓަގްރާމްގައި ވެސް އޭނާގެ އުފެއްދުންތައް އިސްތިހާރު ކޮށް ޕޭޖެއް ހިންގަމުންނެވެ.

އިއްބެގެ އުފެއްދުންތައް

ގަލަމާއި ބަނޑިޔާއާއި، މާ ޓުކުރި، ފަދަ ތަކެތި އޭނާ އުފައްދަމުން އަްނނަ އިރު އޭނާގެ އުފެއްދުން ތަކުގެ ތެރޭގައި ރާޒުވާ ގޮނޑި ބަޔަކީވެސް ފާހަގަ ކޯށްލެވޭ މަސައްކަތެކެވެ. މި މަސައްކަތުގައި އޭނާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓޫރިޒަމް ދާއިރާއިން ކަމަށް އޭނާ ބުނެއެވެ. އޭނާގެ އުފެއްދުންތަކުގެ ތެރެއިން އެންމެ މަގްބޫލް އެއް އުފެއްދުމެއްގެ ގޮތުގައި ފެންނަނީ ގަލަން ކަމަށް އޭނާ ބުނެއެވެ. އަދި ފަތުރުވެރިންގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބެނީ ތަފާތު ކުލަތަކުން ހަދާ ގަލަމެވެ. މީގެ އިތުރުން މިހާތަނަށް ކުރި މަސައްކަތަށް ބަލާއިރު އޭނާ އެންމެ ހިތް ހަމަޖެހޭގޮތަށް ހެދިފައި ހުރި އެއްވެހީގެ ތެރޭގައި ބަނޑިޔާ އޭނާ ފާހަގަ ކުރެއެވެ.

އިއްބެގެ އުފެއްދުންތައް
"ޓޫރިސްޓް ޝޮޕެއްގެ ގޮތުގައި ހިންގާ އޮތެންޓިކް މޯލްޑިވްސްގެ ޝޮޕްތަކަށް ލައިގެން މަސައްކަތް ކުރަމުން މި ދަނީ. އޭގެ ކުރިން ޝަންދަނީ މަގުގައި ހުންނަ ކާސިބޯޓް ފިހާރައަށް ވެސް ލައިގެން ވިއްކާފަ ހުންނާނެ. މިހާރު ރިސޯޓްތަކަށް ވެސް. އެގޮތުން އޯޑަރު ލިބޭ ރިސޯޓްތަކަށް ހަދަން"
އިބްރާހިމް މުހައްމަދު

މިހާތަނަށް އައި އިރު އޭނާއަށް ގިނަ ބައެއްގެ ހިތްވަރާއި އެއްބާރުލުން ވަނީ ލިބިފައެވެ. އޭގެތެރޭގައި އާއިލާ މީހުންނާއި އެކުވެރިން ހިމެނެއެވެ. އަދި އޭނާގެ އުފެއްދުންތައް ގަންނަ އޭނާގެ ކަސްޓަމަރުންގެ ތައުރީފަކީ ވެސް އިއްބެއަށް ލިބޭ ވަރަށް ބޮޑު ހިއްވަރެއް ކަމަށް އޭނާ ބުނެއެވެ. އިއްބެގެ އުފެއްދުންތައް މާލޭގައި އަދި ހުޅުމާލޭގައި ހުންނަ "އޮތެންޓިކް މޯލްޑިވްސް" ގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް އޭނާ ބުނެއެވެ. މީގެ އިތުރުން ވެސް ރިސޯޓްތަކުން އަދި އާންމު ފަރާތްތަކުން ކުރާ އޮޑަރަށް ވެސް އޭނާ އެއްޗެހި ހަދައިދޭ ކަަމަށް ބުނެއެވެ.

މިހާރު ރަށުގައި ހުރެ މަސައްކަތް ކުރަމުން އަންނަ އިއްބެ އަކީ އެ ރަށުގެ އިމާމެއްވެސް މެއެވެ. އިމާމް ކަމުގެ ސެޓްފިކެޓް 3 ގެ ކޯސް ފުރިހަމަ ކޮށް ދާއިމީ އިމާމެއްގެ ވަޒީފާ އަދާ ކުރަމުން އަންނަ އިއްބެ ބުނީ މިހާރު އޭނާ އަންނަނީ ޑިޕްލޮމާ ފުރިހަމަ ކުރަމުން ކަމަށެވެ.

އިއްބެގެ އުފެއްދުންތައް

އަދުގެ ޒުވާނުންނަށް އިއްބެ ދޭން ބޭނުންވާ މެސެޖަކީ ލިޔެލާ ޖެހުމަކީ އުނގެނެން އެހާ އުނދަގޫ މަސައްކަތެއް ނޫން ކަމެވެ. އެމީހަކު ކުރާ ހިތުން މި މަސައްކަތް ދަސްކުރަން އުޅެފި ނަމަ މިއީ ދަސްކުރަން ވަރަށް ފަސޭހަ ކަމެކެވެ. އަދި މި މަސައްކަތަކީ އެމީހެއްގެ ހުނަރުގެ ބޭނުން ހިފައި ގޮތްގޮތަށް ފަރުމާ ކުރެވޭ އެއްޗިހި އުފައްދާ އޭގައި ބޭނުންވާ ޑިޒައިނަށް ލިޔެލާ ޖަހައިގެން އުފެއްދުންތެރި އެއްވެހިތަކެއް އުފެއްދިނާނެ މަސައްކަތެއް ކަމަށް އިއްބެ ބުނެއެވެ.

މީގެ އިތުރުން އާމްދަނީއެއް ހޯދަން ބަލާ ނަމަ މިއީ ރަނގަޅު އާމްދަނީއެއް ވެސް ލިބެ އަދި ފަތުރުވެރިން ގަޔާވާ ގޮތަށް ދިވެހިންގެ ސަގާފީ މަސައްކަތްތައް ދުނިޔެއަށް ދައްކާލަން ވެސް ކުރަން ރަނގަޅު ކަމެއްގެ ގޮތުގައި އޭނާ ދެކެއެވެ.

ލިޔެލާ ޖަހައިގެން ހަދާފައިވާ ރާޒުވާ ގޮނޑިބައެއް

އިއްބެ މިހާރު ބޭނުން ވަނީ ރަށުގައި އޭނާ މަސައްކަތް ކުރާ ތަނުގައި އޭނާގެ އުފެއްދުންތަކާއި އޭނާގެ ބައްޕަގެ ބައެއް މަސައްކަތްތައް ދައްކާ ލެވޭ ގޮތަށް ޑިސްޕްލޭ ކޮށްފައި ބެހެއްޓޭނެ ގޮތެއް ހަމަޖެއްސުން ކަމަށެވެ.

ތުޅާދޫގެ 30 އަކަށް އާއިލާ އިން މިހާރު ވެސް އާމްދަނީ ހޯދުމަށްޓަކައި ލިޔެލާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މި މަސައްކަތް އުނގެނި ދަސްކުރަން ބޭނުންވާ އެތައް ޒުވާނުންނެއް އެބަ ތިއްބެވެ. އަދި އެފަދަ ޒުވާނުންނަށް ހާއްސަކޮށްގެން ތުލާދޫގައި ހިންގާ ކޯސްތަކުގައި ޒުވާނުން ބައިވެރިވަމުން އަންނަ ކަމީ މި މަސައްކަތް ދިވެހިންގެ ތެރެއިން ނެތިގެން ނުދާނެ ކަމުގެ ހެއްކެކެވެ.