ހައްޖަށް މީހުން ގެންދިޔުމަށްޓަކައި ރާއްޖެއަށް މިއަހަރު 453 ކޯޓާ ސައުދީ އަރަބިއްޔާއިން ދީފިއެވެ.

ސައުދީން އާންމުކޮށްފައިވާ ލިސްޓްގައިވާ ގޮތުން ރާއްޖޭއަށް މިއަހަރު 453 ކޯޓާ ދީފައިވާއިރު މިއީ މި ފަހުގެ ތާރީހެއްގައި އެންމެ މަދުން ރާއްޖެ އަށް ކޯޓާ ލިބުނު ފަހަރަށެވެ.

ކޮވިޑްގެ ކުރިން ސައުދީން ރަސްމީކޮށް ރާއްޖެއަށް ދެމުން އައީ 1000 ކޯޓާއެވެ. އަދި ބައެއްފަހަރު އެ 1000 ކޯޓާގެ އިތުރަށްވެސް ކޯޓާ ވަނީ ދީފައެވެ.

މި ލިސްޓުގައި ވާގޮތުން މިއަހަރު އެންމެ ގިނައިން ކޯޓާ ދޫކޮށްފައި ވަނީ އިންޑޮނޭޝިއާއަށެވެ. އެގައުމަށް 100051 ކޯޓާ ވަނީ ދީފައިވާއިރު ޕާކިސްތާނަށް 81،132 ކޯޓާ ވަނީ ދީފައިވެއެވެ. މީގެ އިތުރުން އިންޑިއާއަށް 79،237 ކޯޓާ، އަދި ބަންގްލަދޭޝްއަށް 57،585 ކޯޓާ ވަނީ ލިބިފައެވެ.

ރާއްޖެއަށް 453 ކޯޓާ ލިބިފައި ވާކަމަށް ސައުދީގެ ލިސްޓްގައި އޮތްނަމަވެސް ރަސްމީކޮށް އިސްލާމިކް މިނިސްޓްރީއަށް އަދި އަންގާފައި ނުވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި މިފަހަރު ރާއްޖެއަށް މަދުން ކޯޓާ ލިބޭނެކަމަށް އެންގި ނަމަވެސް މިހާރުު ލިބިފައިވާ ވަރަށްވުރެ އިތުރަށް ކޯޓާ ހޯދުމަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.