ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓުގެ ތެރޭގައި މަރާލި ބަންގްލަދޭޝް ވެއިޓަރުގެ ހަށިގަނޑު ފޮނުވާލައިފިއެވެ.

ފުލުހުން ބުނީ، އެމްޑީ ޝާހިން، 29 ގެ ހަށިގަނޑު ރޭ ފަތިހުގެ ވަގުތެއްގައި ފޮނުވާލާފައިވާ ކަމަށެވެ. ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ "ޑެއިލީ ސްޓާ" ގައި އޭނާގެ އާއިލާ އާ ހަވާލާދީ ބުނެފައިވާ ގޮތުން، އާއިލާއިން ވަނީ އޭނާގެ ހަށިގަނޑު ގައުމަށް ފޮނުވައިދޭން ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފައެވެ.

މިދިޔަ ހޮނިހިރު ހިންގި އެ މާރާމާރީ އާ ގުޅިގެން ޝާހިންގެ މަރަށް އިންސާފު ހޯދައިދިނުމަށް އާއިލާއިން ގޮވާލާފައިވާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.

އެ މާރާމާރީ އާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ހާންޖީ ރެސްޓޯރަންޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ ޕާކިސްތާނުގެ މުހައްމަދު އާބިދު، 26 އެވެ. ފުލުހުން އާބިދު ހައްޔަރުކޮށްފައި ވަނީ ވެރިޓަރު މަރާލި ދުވަހުގެ ރޭ މެންދަމު 2 ގެ ފަހުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޭނާ ފިލައިގެން އުޅެނިކޮށެވެ. އެ މައްސަލާގައި ކޯޓަށް ހާޒިރުކުރުމުން އާބިދުގެ މައްޗަށް 15 ދުވަހުގެ ބަންދެއް ޖަހާފައިވެއެވެ.

އެ މާރާމާރީގައި މަރުވި ޝާހިން ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން، އެ ސަރަހައްދުގައި ހަރަކާތްތެރިވި އެ ރެސްޓޯރަންޓުގެ ބައެއް މުވައްޒަފުން އޭނާއަށް އިތުރު ފަރުވާ ދިނުމަށް މަސައްކަތް ކޮށްފައިވެއެވެ.