ގަލޮޅު ރަށްދެބައި މަގުގެ ގޯޅިއެއްގެ ތެރޭގައި ހުރި ގަރާޖެއްގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ރަށްދެބައި މަގާއި އަނޯނާ ގޯޅި އާ ގުޅުނު ކަންމަތީގައި ހުންނަ ގ. ނިއު ކޮލަމްބިއާ އާއި އިންވެގެން ހުރި ގަރާޖެއްގައި ރޯވި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 4:26 ހާއިރު ކަމަށެވެ.

އެ ގަރާޖުގައި ރޯވި އަލިފާނުގެ ސަބަބުން، ގަރާޖުގައި ހުރި ހުރިހާ ތަކެއްޗެއް އަނދާފައި ވާއިރު، އެ އިމާރާތުގެ ފުރަތަމަ ތިން ފަންގިފިލާ ވަރަށް ބޮޑަށް އަނދާފައި ވެއެވެ. އަދި އެ ސަރަހައްދުގައި ހުރި ބައެއް ސައިކަލުތަކަަށްވެސް އަލިފާނުގެ އަސަރުކޮށްފައި ވާއިރު، އޭގެ ތެރެއިން ބައެއް ސައިކަލުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން އެ އަލިފާންގަނޑު ހަވީރު 5 ޖަހަނިކޮށް ވަނީ ކޮންޓްރޯލް ކޮށްފައެވެ.

ނަމަވެސް އެ ހާދިސާގައި މީހަކަށް ގެއްލުން ނުވި ނަމަވެސް ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސާފެއް ނޫނެވެ.