ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވާ ކަމަށް ކަނޑައަޅާ "އިންޑިއާ އައުޓް" ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފިއެވެ. ރައީސް އެގޮތަށް އަންގަވާފައި ވަނީ މިއަދު ނެރުއްވި ރިޔާސީ ގަރާރަކުންނެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅު ކަމަށް ބުނެ، އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާ ވާ ހަރަކާތެއް ކަމަށް ރައީސްގެ ގަރާރަކުން ކަނޑައެޅި މިއީ ފުރަތަމަ ފަހަރެވެ.

'އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން' ގެ ނަމުގައި މިއަދު ރައީސް ނެރުއްވި ގަރާރުގައި، އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތް ތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުމެއްގައި ކަނޑައަޅާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށާއި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ގަރާރުގައި ރައީސް ވިދާޅުވިއެވެ.

ދިވެހި ސަރުކާރުގެ ސިޔާސަތަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަން ކަމަށް، އެންމެ ފުޅާ ދާއިރާއެއްގައި ޖާގަ ދީ، ޑިކޮމްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރަމުން ދާ އަސާސްތައް ދެމެހެއްޓުން ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް އެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ބަޔަކު ނަގަމުންދާ ކަމަށް ގަރާރުގައި ވިދާޅުވެފައި ވެއެވެ.

ގަރާރުގައި ރައީސް ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވަން ޖެހޭނެ ކަމެއް ކަމަށެވެ.

"އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕެއިން ތަކަކީ، ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށާއި ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާ ހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި (މ) އިން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، ބަޔާންވެ ދިޔަ ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، މިކަން މި ގޮތުގެ މަތިން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، މި ގަރާރު އެކަށައެެޅީމެވެ." ރައީސްގެ ގަރާރުގައި ވެއެވެ.

ރައީސް ގަރާރު ނެރުއްވި އިރު، އިންޑިއާ އައުޓުގެ ހަރަކާތްތައް އިދިކޮޅު ޕީޕީއެމްއާއި އެޕާޓީގެ ލީޑަރު އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ގެންދަނީ ފުޅާކޮށް ވަރުގަދަ ކުރަމުންނެވެ. މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި އެ ކެޕްމެއިންގެ ހަރަތާކަތްތާއި ރެލީތައް ބާއްވަމުން ގޮސް މިހާރު މާލޭގެ ބޮޑެތި އުސް އިމާރާތްތަކަށް "އިންޑިއާ އައުޓް" ލިޔެ، އިންޑިއާގެ ކުލަޔަކުގެ ބޮޑެތި ބެނާތައް ވަނީ ނަގާފައެވެ.

މި ގޮތަށް ނަގާފައި ހުރި ބައެއް ބެނޭތައް ފުލުހުން ވަނީ މިއަދު އެ ގޭގެއަށް ވަދެ ނަގަން ފަށާފައެވެ.