ތިމާވެއްޓާ ބެހޭ އދގެ މަޝްރޫއު (ޔުނެޕް) އިން ހޮވާ "ޗެމްޕިއަން އޮފް ދި އާތު"ގެ ލަގަބު، ގުދުރަތީ ދިރުންތަކާ ބެހޭ ޑޮކިއުމަންޓްރީތައް އާންމުންނާ ހިސާބަށް ގެނެސްދިނުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައި ވާ ޑޭވިޑް އެޓެންބަރާއަށް ދީފިއެވެ.

އުމުރުން 95 އަހަރުގެ އެޓެންބަރާއަށް "ޗެމްޕިއަން އޮފް ދި އާތު"ގެ ލަގަބު ދީފައި ވަނީ، ދުނިޔޭގެ ގުދުރަތީ ދިރުންތަކުގެ ވާހަކައާއި މޫސުމީ ނޭދެވޭ ބަދަލުތަކާ ބެހޭ ގޮތުން އޭނާ ގެނެސްދޭ ވާހަކަތަކުގެ ޝަރަފުގައެވެ.

ލަގަބުގެ އެވޯޑް ބަލައިގަންނަމުން އެޓެންބަރާ ވަނީ، ދުނިޔެއާއި ދުނިޔެއަށް ލިބިފައިވާ ގުދުރަތީ ދިރުންތައް ރައްކާތެރި ކުރުމަށްޓަކާ މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

އަދި ތިމާވެށީގެ ކާމިޔާބު ވާހަކަތަކަކީ، ބަދަލު ގެނެވިދާނެ ކަމަށް އުއްމީދެއް ކަމަށްވެސް އެޓެންބަރާ ވަނީ ފާހަގަ ކޮށްފައެވެ.

އެޓެންބަރާ ގެނެސްދީފައި ވާ އެންމެ މަގުބޫލު އަދި އެންމެ ކާމިޔާބު ޑޮކިއުމަންޓްރީތަކުގެ ތެރޭގައި "ދަ ގްރީން ޕްލެނެޓް" އަދި "އަ ޕްލާސްޓިކް އޯޝަން" ހިމެނެއެވެ.

ދުނިޔޭގެ ގުދުރަތީ ތާރީހުގެ ވާހަކަތައް ކިޔައި ދިނުމުގެ މަސައްކަތް، އެޓެންބަރާ ފެށީ 1950ގެ އަހަރުތަކުގެ ތެރޭގައެވެ. އެޓެންބަރާއަކީ މޫސުމީ ނޭދެވޭ ބަދަލުތަކާ މެދު ކަންބޮޑުވުން ފާޅު ކުރާ ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިންގެ މެދުގައި މަގުބޫލު ޝަހްސެކެވެ.