ރަޝިއާއިން ޔޫކްރައިންއަށް އަރާ، ކުރަމުން ދާ ހަނގުރާމައިގެ ސަބަބުން ކާބޯތަކެތި ލިބުން އިންތިހާ ދަރަޖައަށް ދަތިވެ، އިންސާނީ ކާރިސާއަކާ ކުރިމަތިލާން ޖެހިފައި ވާ ކަމަށް، ވޯލްޑް ބޭންކުގެ ރައީސް ޑޭވިޑް މެލްޕާސް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި އިންތިހާ ފަގީރުކަން ނައްތާލުމުގެ ޒިންމާ ހަވާލު ކުރެވިފައި ވާ މައި މުއައްސަސާ ކަމުގައި ވާ ވޯލްޑް ބޭންކުގެ ރައީސް، މެލްޕާސް ވިދާޅުވީ، ހަނގުރާމައަށް ނާތުވެއްޖެނަމަ އަދި ރެކޯޑް މިންވަރަކަށް ކާބޯތަކެތީގެ އަގުތައް އުފުލެމުން ދިއުމުގެ ސަބަބުން، އެތައް ސަތޭކަ މިލިއަން ބަޔަކު އިންތިހާ ފަގީރު ކަމާއި، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބުމުގެ ތަކުލިފާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލުމުގެ ސަބަބުން ލަންކާގެ ބައެއް ރައްޔިތުން ދަނީ ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރަމުން / ފައިލް ފޮޓޯ: އިކޮނިމިކް ޓައިމްސް

ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބި، އިންސާނީ ކާރިސާއެއް ފެށިގެން ދާއިރު، އެކަމަކު ސަބަބުން ސިޔާސީ ގޮންޖެހުންތަކެއްވެސް ކުރިމަތިވާނެ ކަމަށް މެލްޕާސް ވިދާޅުވިއެވެ. އެހެނީ، އަގުތައް އުފުލިގެން ދިއުމުގައި ސަރުކާރުތަކަށް ކުރެވޭނެ ކަމެއް ނެތުން ކަމަށްވެސް ވޯލްޑް ބޭންކުގެ ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ވޯލްޑް ބޭންކުން ވަނީ ކާބޯތަކެތީގެ އަގުތައް 37 ޕަސެންޓަށް މައްޗަށް ދާނެ ކަމަށް ލަފާ ކޮށްފައެވެ. މިއީ ފަގީރުންނަށް ބަލާއިރު އިންތިހާއަށް ބޮޑު މިންވަރެއް ކަމުން ފަގީރު މީހުންގެ ކެއިންބުއިމުގެ ގާބިލިއްޔަތު ކަމަށް ބޮޑު އަސަރެއް ފޯރާނެއެވެ. ކާންބޯން ލިބޭ މިންވަރު މަދުވުމުގެ އިތުރުން، ކިއެވުން ފަދަ އިތުރު ކަމަކަށް ހޭދަ ކުރާނެ ފައިސާވެސް މަދުވެގެން ދާނެ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. އަދި މިއީ އިންސާފެއް ނެތް ފަދަ ކާރިސާއެއް ކަމަށާ، އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހޭ ބަޔަކީ ފަގީރުން ކަމަށްވެސް ވޯލްޑް ބޭންކުން ބުނެއެވެ.

އެންމެނަށް ކާންބޯން ދޭ ވަރަށް ދުނިޔޭގައި ކާބޯތަކެތީގެ ސަޕްލައި އެބަ ހުރި ކަމަށާ، ނަމަވެސް ކާބޯތަކެތި ހިއްސާކޯށް ވިއްކުމުގެ އުސޫލުތަކުގައި ވަކި އިޖުރާއަތެއް ގެންގުޅެން ޖެހޭ ކަމަށް މެލްޕާސް ވިދާޅުވިއެވެ.

އިންތިހާ ފަގީރު ހާލަތުގައި ދިރިއުޅޭ ކަމަށް ބަލާ މިންގަނޑަކީ، ދުވާލެއްގެ މައްޗަށް 1.90 ޑޮލަރު ނުލިބުން / ފޮޓޯ: މުސްލިމްހޭންޑްސް

ހަމަ މިއާއެކު މެލްޕާސް ވަނީ އުފެއްދުންތެރިކަމުގެ ސިނާއަތަށް ސަބްސިޑީޒް ދޫކުރުން ނުވަތަ ވިއްކޭނެ އެންމެ މަތީ އަގުތައް ކަނޑައެޅުން ފަދަ ކަންކަމުން ދުރުހެލިވުމަށްވެސް ގައުމުތަކަށް ގޮވާލައްވާފައެވެ. އޭގެ ބަދަލުގައި ސަމާލުކަން ދޭންވީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގަހުކާނާއާއި ކާބޯތަކެތި ސަޕްލައި ކުރާ މިންވަރު އިތުރު ކުރުމާއި ފަގީރުންނަށް ހާއްސަކޮށްގެން އެހީ ފޯރުކޮށްދިނުމަށް ކަމަށްވެސް ވޯލްޑް ބޭންކުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ހުރި ގޮތަށް ބަލާއިރު، މާޗް މަހު ކުރިމަތިލާން ޖެހުނު 13 ޕަސެންޓްގެ އިތުރުވުމާއެކު، އަގުތައް މިހާރު ހުރީ ރެކޯޑް ބަލަހައްޓަން ފެށި ފަހުން ފާއިތުވީ 60 އަހަރު ދުވަހުގެ ތެރޭގައިވެސް ނުދާހާ މަތީ މިންވަރެއްގައެވެ.