ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ ކެމްޕެއިންގެ ދަށުން ދަމަމުންދާ "އިންޑިއާ އައުޓް" ބެނާ ތަކުގެ ސަބަބުން އެ ގައުމުގެ ގަދަރާއި ކަރާމާތައް އުނިކަން ލިބޭ ކަމަށާއި މާލޭގެ 3 ގެއެއްގައި ދަމާފައިވާ ބެނާ ނަގަން އަންގައިފާވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ދަށުން މާލޭގެ ބޮޑެތި އިމާރާތްތަކުގައި އެ ކެމްޕެއިން ބެނާތައް ދެމުމުގެ މަސައްކަތް އިދިކޮޅުން ވަނީ ފަށައިފައެވެ. އެގޮތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ޕާޓީގެ މައި އޮފީހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ގެކޮޅުގައި ވެސް "އިންޑިއާ އައުޓް" ޖަހާފައިވާ ބޮޑު ބެނާއެއް ވަނީ ނަގައިފައެވެ. ފުލުހުން ވަނީ ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައިވާ ބެނާ ނަގަން އަންގައިފާ ވާނެ ކަަމަށްވެސް ބުނެފައެވެ.
ފުލުހުން ބުނީ "އިންޑިއާ އައުޓް" ޖަހާ ބެނާ ދަމާފައި ހުރުމަކީ ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގޭ އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލެއްގެ ގޮތުގައި ސިފަވުމާއި ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް އޭގެ ސަބަބުން ނުރަންގަޅު އަސަރުކޮށް އެ ގައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހީންގެ މަސްލަހަތަށްވެސް ގެއްލުން ވެދާނެ ކަމެއް ކަމަށެވެ.
ފުލުހުން މިގޮތަށް އަންގައިފާ މި ވަނީ ރައީސް ޔާމީންގެ ގެކޮޅުގައި އިންޑިއާ އައުޓް ދެމުމާ ގުޅިގެން ނުރުހުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ މާލޭގެ ބޮޑެތި އިމާރާތްތަކުގައި އިންޑިއާ އައުޓް ބެނާތައް ދެމުމަކީ ގާނޫނުލް އުގޫބާތާއި ހިލާފު ކަމެއް ކަމަށާއި ފުލުހުން ވަގުތުން ވަގުތަށް އެ ތަކެތި ނަގަން ޖެހޭ ކަމަށް އަންގައިފާވާ ދަނޑިވަޅެއްގައެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ "އިންޑިއާ އައުޓް" ޖަހައި މާލޭގެ ބޮޑެތި އިމާރާތްތަކުގައި ދަމަމުންދާ ބެނާތައް ދެމުން ހުއްޓުވަން ޖެހޭނެ ކަމަށެވެ.