އެމްޑަބްލިއުއެސްސީން އދ. ހަންޏާމީދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މުޅި މަޝްރޫއުގެ 80 ޕަސެންޓް މަސައްކަތް ނިމިއްޖެއެވެ.

އެ ކުންފުނިން ބުނީ، ހަންޏާމީދޫ ފެނުގެ ނިޒާމްގައި ހިމެނޭ 91.4 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތްތަކާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި، އާރ.އޯ ޕްލާންޓް ފެބްރިކޭޓް ކުރުމުގެ މަސައްކަތްތަކާއި އަދި ފެން ރައްކައުކުރާ ތާނގީގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްތައް ވަނީ ނިމިފައި ކަމަށެވެ. ހަމައެއާއެކު ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.

މީގެ އިތުރުން ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ރައްކާ ކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުމުގެ މަސައްކަތްތައް މިހާރު ކުރިއަށް ދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ތެރޭގައި ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ގޭގެއަށް ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައި ދިނުމާއި, ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ހަންޏާމީދޫގެ ފެނުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަގަކީ 65.21 މިލިއަން ދިވެހި ރުފިޔާއެވެ.