އެމެރިކާގެ އަސްކަރީ ފްލީޓްގައި ހިމެނޭ މަތިންދާބޯޓުތައް އުފުލާ މަނަވަރެއް ކަމަށް ވާ ޔޫއެސްއެސް ޖޯޖް ވޮޝިންގްޓަންގައި މަސައްކަތް ކުރާ 3 ފަޅުވެރިއަކު، ހަފުތާއެއްގެ ތެރާގައި މަރުވެފައި ވާ ކަމަށް އެ ގައުމުގެ ކަނޑުގެ އަސްކަރިއްޔާއިން ހާމަ ކޮށްފިއެވެ.
އެމެރިކާގެ ނޭވަލް ކްރިމިނަލް އިންވެސްޓިގޭޓިވް ސާވިސްއިން ދަނީ، މަރުގެ މި ހާދިސާތައް ތަހުގީގު ކުރަމުންނެވެ.
ޖޯޖް ވޮޝިންގްޓަންގައި މަސައްކަތް ކުރަމުން ދިޔަ ފަޅުވެރިއެއް ހަބަރު ހުސްވެފައި އޮއްވާ މިދިޔަ ހުކުރު ދުވަހު ފެނިފައި ވާ އިރު، އިތުރު 2 ފަޅުވެރިއަކު، އޭޕްރިލް 9 އަދި 10 ވަނަ ދުވަހުވެސް މަރުވި ކަމަށް މައުލޫމާތު ލިބެއެވެ. އޭޕްރިލް 9 އަދި 10 ވަނަ ދުވަހު މަރުވި ފަޅުވެރިންގެ ވަނަވަރު އާންމު ކުރި ނަމަވެސް ހުކުރު ދުވަހު ފެނުނު ފަޅުވެރިޔާގެ މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެއެވެ.
ކަނޑުގެ އަސްކަރިއްޔާގެ ތަރުޖަމާނެއް ކަމަށް ވާ ކޮމާންޑާ ރީއާން މުމްސެން ވިދާޅުވީ، ހާދިސާތަކުގެ ތަހުގީގު ކުރިއަށް ދާ ކަމަށާ، ފުރަތަމަ ހޯދުންތަކަށް ބަލާއިރު، މިއީ ގުޅުމެއް އޮތް 3 ކޭސްކަން އަދި ސާފު ނުވާ ކަމަށެވެ.
3 ފަޅުވެރިންގެ މަރާ ގުޅޭ އިތުރު ތަފްސީލުތަކެއް އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން އާންމު ކޮށްފައެއް ނުވެއެވެ. ނަމަވެސް، ސްޕެޝަލް ސައިކޭޓްރިކް ރެޕިޑް އިންޓަވެންޝަން ޓީމެއް އެ މަނަވަރަށް އަރާފައި ވާ ކަމަށް ހަބަރު ލިބެއެވެ. މިފަދަ ޓީމުތަކަކީ ހިތްދަތި ހާދިސާތަކަށް ފަހު ދިރިތިބީންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކުރުމުއްދަތު މަޝްރޫއުތައް ހިންގާ ޓީމުތަކެކެވެ.
ޔޫއެސްއެސް ޖޯޖް ވޮޝިންގްޓަން އަކީ ނިއުކްލިއާ ހަކަތައިން އޮޕަރޭޓް ކުރާ "ނިމިޓްޒް-ކްލާސް" އެއާކްރާފްޓް ކެރިއަރެކެވެ. މިވަގުތު އެ މަނަވރު އޮތީ ވާޖީނިއާގެ ނިއުޕޯޓް ނިއުސްގައެވެ. މަނަވަރު އޯވާހޯލްކޮށް ނިއުކްލިއާ ހަކަތަ ބަދަލު ކުރުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ދާ އިރު، އޯގަސްޓް 2017 އިން ފެށިގެން އެ މަނަވަރު އޮތީ ނިއުޕޯޓް ނިއުސްގައި ކަމަށް މައުލޫމާތު ލިބެއެވެ.