ނ. ލަންދޫ އަދި ތ. ދިޔަމިގިލީގައި ހުރި އާސާރީ ބައެއް ތަންތަން މާރާމާތުކޮށް، ރައްކާތެރިކުރުމަށް އިންޑިއާއިން ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.
5.2 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ލަންދޫ މާބުދުގެ އާއި ދިޔަމިގިލީ ދަރިކޮޅުގެ ރަސްމަތިފުށާ ގުޅޭ ގަނޑުވަރު މަރާމާތުކޮށް، ރައްކާތެރި ކުރަން ވަނީ ހަމަޖެހިފައެވެ. އަދި ސައިޓް މިއުޒިއަމް ގާއިމްކޮށް، އެތަންތަނަށް ޒިޔާރަތް ކުރާ މީހުންނަށް އެތަންތަން ފެންނާނެ ގޮތަށް ހަދައި، ގެލެރީތައް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މިޒަމާނުގެ މިއުޒިމްތަކުގައި ގާއިމްކޮށްފައި ހުންނަ ޑިޖިޓަލް އެގްޒިބިޓްތައް އެތަންތަނުގައި ގާއިމްކޮށް، އެތަންތަނާ ބެހޭ މައުލޫމާތު އާއްމުންނަށް ލިބޭނެ އިންތިޒާމް ހަމަޖެހޭނެއެވެ. މި ޕްރޮޖެކްޓްތަކަކީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ސްކީމްގެ ދަށުން، ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، އިންޑިއާ އާއި ރާއްޖެއާ ދޭތެރޭގައި އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފަ އެވެ. އިންޑިއާއަކީ މިހާރު ރާއްޖެ އަށް އެންމެ ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ގައުމެވެ. އެގޮތުން މި ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެންމެ ބިޔަ މަޝްރުއު ކަމަށްވާ ތިލަމާލެ ބްރިްޖކަީ ވެސް އިންޑިއާގެ އެހީގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މީގެ އިތުރުންވެސް ރަށްރަށް ތަރައްގީ ގެނައުމަށް ވެސް ގިން ޕްރޮޖެކްޓްތައް އިންޑިއާގެ އެހީގެ ދަށުން އަންނަނީ ކުރަމުންނެވެ.