ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްގައި ދިރިއުޅެމުންދާ މީހުންނަށް އެޕާޓްމަންޓްތަކުގައި އުފެދޭ ދުވަހު ކުނި އުކާލުމުގެ ހިދުމަތަށް ފައިސާ ދައްކަން ޖެހޭނީ އަންނަ މެއި މަހުން ފެށިގެން ކަމަށް ވެމްކޯއިން ބުނެފިއެވެ.
ވެމްކޯއިން ބުނީ ހުޅުމާލެ ހިޔާ ފްލެޓްގައި ގިނަ އަދަދެއްގެ އާއިލާތަކުން މިހާރު އާބާދުވެފައިވުމާއި ގުޅިގެން އެކޯޕަރޭޝަނުން ދުވަހު ކުނި އުކާލުމުގެ ހިދުމަތްތައް އެސަރަހައްދަށް މެދުނުކެނޑި ފޯރުކޮށްދެމުންދާ ކަމަށެވެ.
އަންނަ މެއި މަހުން ފެށިގެން ވެމްކޯގެ ހިދުމަތަށް ބިލް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މި ހިދުމަތަކީ މަހަކު 150 ރުފިޔާ ގެ ރޭޓުން ބިލްކުރެވޭނެ ހިދުމަތެއް ކަމަށް ވެމްކޯއިން ބުނެއެވެ.
ވެމްކޯއިން ބުނީ، ވެމްކޯގެ ބިލް އަދި އެކައުންޓްގެ ތަފްސީލް ރަޖިސްޓާ ކޮށްފައިވާ ފްލެޓްގެ ވެރިފަރާތުގެ ފޯނަށް އެސްއެމްއެސްގެ ޒަރިއްޔާއިން ފޮނުވާނެ ކަމަށެވެ.
މީގެ އިތުރުން ދެވަނަ ފިޔަވަހީގެ ގޭބީސީތަކަށް ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ހިދުމަތަކީ ދުވަހު ކުންޏަށް ހާއްސަ ހިދުމަތެއް ކަމަށް ވެމްކޯއިން ބުނެއެވެ. އަދި މިނޫން ބަރު އަދި ބޮޑެތި ކުނި އުކާލުމަށް މިކޯޕަރޭޝަންގެ 'ކޯލް އެންޑް ޕިކަޕް' ކެޕްސް ހިދުމަތަށް އެދުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.