ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ ރާއްޖެއަށް ވަޑައިގެންފިއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ފުރާވަޑައިގެންނެވީ މިމަހު 14 ވަނަ ދުވަހުއެވެ. ރައީސް އޮފީހުން އެ ދަތުރުފުޅާ ގުޅޭ ތަފްސީލެއް ނުދެއެވެ.

ރައީސް އެންމެ ފަހުން ސިންގަޕޫރަށް ވަޑައިގެންފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 23 ގައި ތައިރޮއިޑް ބަލީގެ ފަރުވާއަކަށެވެ. ދެ ދުވަސް ފަހުން ތައިރޮއިޑްގެ ސާޖަރީ ހެއްދެވުމަށްފަހު، އެމަނިކުފާނު ވަނީ ހަފްތާއެއް ފަހުން އެނބުރި ވަޑައިގެން ރަސްމީ ކަންތައްތަކުގައި ބައިވެރިވެ ވަޑައިގަންނަވަން ފައްޓަވާފައެވެ.

އެނބުރި ވަޑައިގެން މިދިޔަ މަހުގެ 11 ވަނަ ދުވަހު ރައްޔިތުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ތައިރޮއިޑް ބަލީގެ ފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތް ދުވަހުން ފެށިގެން ހެޔޮދުއާ ކޮށްދިން ހުރިހާ ފަރާތްތަކަށް އެމަނިކުފާނުގެ ނަންފުޅުގައި އަދި އާއިލާގެ ފަރާތުން ޝުކުރު އަދާކުރައްވާ ކަމަށެވެ.