ގަފޫރާ ވާހަކަ ދައްކައި ފުލުހުން މައުލޫމާތު ނެގުމަށް ފަހު އާމިރާ އާ ވަކިން ބައްދަލުކޮށްގެން ވެސް ފުލުހުން ވާހަކަ ދެއްކިއެވެ. އެންމެ ފަހުން އާޔާ ފެނުނު ވަގުތާއި ސްކޫލަށް ދާން ގެއިން ނުކުތް ވަގުތާއި އޭނަ ލައިގެން ހުރި އެއްޗިއްސާއި އާޔާގެ ފޮޓޯއެއް ހޯދުމަށްފަހު ފުލުހުން އެގެއިން ނުކުތީ އެ ކުއްޖާ ހޯދަން މަސައްކަތް ފަށައި، އެ ދެމަފިރިންނަށް ގުޅޭނެ ނަންބަރެއް ވެސް ހޯދުމަށް ފަހުއެވެ.
*** *** *** *** *** ***
ރަށުތެރެއަށް ފުލުހުން ނިކުމެ ރޭގަނޑުގެ އެ ވަގުތު މުޅި ރަށުތެރެ ހަލަބޮލި ވެއްޖެއެވެ. ފުރާވަރުގެ އާޔާ ގެއްލިގެން ރަށުތެރޭ އެކި ހިސާބުތަކަށް މީހުން ނިކުމެއްޖެއެވެ. އެ ދުވަހު ހަވީރު ސްކޫލުގައި އެކްސްޓްރާ ކްލާސް ބޭއްވި މުދައްރިސާ އަދި ސްކޫލްގެ އިސް މަގާމުތަކުގައި ތިބި މީހުންނާ ވެސް ފުލުހުން ބައްދަލު ކޮށްފިއެވެ.
މުދައްރިސް ދިން މައުލޫމާތުގައި އެ ދުވަހު އެ އެކްސްޓްރާ ކްލާސް ކެންސަލް ކޮށްލަން ޖެހުމުން ކްލާހުގެ ހާޒިރީއެއް ނުނަގައެވެ. އާޔާ އަކީ ކްލާހުގައި ވެސް ވަރަށް ބަސްއަހައިގެން މަޑުމަޑުން އިންނަ ކުއްޖެއް ކަމުން އެ ދުވަހު އާޔާ ސްކޫލަށް ހާޒިރުވި ކަން ޔަގީން ކަމާ އެކު ބުނަން އެ މުދައްރިސަށް އުނދަގޫ ވިއެވެ.
އާޔާ ސްކޫލަށް ދިޔަ ކަން މުދައްރިސަށް ކަށަވަރު ނުވި ނަމަވެސް އެ ކުއްޖާ ސްކޫލަށް ދިޔަ ކަން އިނގޭ ކުއްޖަކު ހުރި ކަމަށް އާމިރާ ބުނެފައި ވާތީ، ދެން ފުލުހުން ބޭނުންވީ އަޒްކާ އުޅޭ އެޑްރެސް ހޯދައިގެން އެ ކުއްޖާ އާ ބައްދަލުކޮށް ވާހަކަ ދައްކާށެވެ.
*** *** *** *** *** ***
ނުހާ އަށް ގުޅައިގެން ވާހަކަ ދައްކަން އިން އާޔާ ފޫހިވައްތަރެއް މޫނަށް ޖައްސާލިއެވެ. "ނޭނގެ އަންމަޑޭ އެތަނަށް ދިޔަ ކަމެއް ވެސް... އަހަރެން އަންމަޑޭ ފޯނު ނުނެގީމަ މެސެޖެއް ކޮށްލިން... އެ މެސެޖަށް އަދި އޭނާ ޖަވާބެއް ވެސް ނުދޭ..."
އާޔާ ނިކުންނަ ތަނަށް ދާށޭ ބުނެ އަޒްކާ ފޮނުވި މެސެޖަށް އަދިވެސް އަންމަޑޭގެ ޖަވާބެއް ނައިސް ގިނަ އިރުވާތީ އަޒްކާ އިނީ ކަންބޮޑުވެފައެވެ. މިހާރު އާޔާ ނުނިކުމެ މާ ލަސްވެއްޖެ ކަމަށް އޭނާއަށް ގަބޫލު ކުރެވުނެވެ. އަދި އޭނާ އަށް އިނގޭ މައުލޫމާތެއް ވިއްޔާ އާޔާގެ މަންމައަށް ހިއްސާ ކުރަންވީއޭ ހިތާ އެ ނިންމުން ނުހާ އާ ހިއްސާ ކުރިއެވެ.
"އަޒޫ... ތީ އަޅެ އެންމެ ރަނގަޅު ގޮތްތަ؟ ތި ވާހަކަ ދައްކައިފިއްޔާ އަހަރެމެންގެ އަގު ވެސް ވެއްޓޭނެ. ދެން މާ ބޮޑު ކަމެއް ވެސް ވީކީއެއް ނޫން.. ބަހައްޓަބަލަ.. އެއްޗެކޭ ބުނާނެ ކަމެއް ނެތް؟... އޭނަ ފެންނާނޭ.."
މިހާރުވެސް ގެއިން ބޭރަށް ނުދެވޭ ގޮތަށް މައިންބަފައިން ހިފަހައްޓާފައި އިން ނުހާ އެމީހުން ކަންކުރި ގޮތް ސިއްރު ކުރަން ބޭނުންވިއެވެ. އެހެންނޫނީ އޭނާއަށް އިތުރު ބައިވަރު ކަންކަން މަނާ ވެގެން ދާނެތީ އެ ސިއްރު ހިފަހައްޓަން އަޒްކާ ކައިރީ އޭނާ އާދޭސް ކުރިއެވެ.
އަޒްކާ އާއި ނުހާ އަކީ "ބެސްޓް ފްރެންޑް" އިންނެވެ. އެހެންކަމުން ނުހާއާ ދޭތެރޭ ވިސްނާފައި އަޒްކާ އެ ވާހަކަ ނުދައްކާ ހުންނަން ނިންމިއެވެ. އެއްވެސް އިތުރު ހަބަރެއް ވެއްޖިއްޔާ ގުޅާނަން ކަމަށް ބުނެ ނުހާ ފޯނު ބޭއްވީ އޭނާ ހުރި ކޮޓަރީގެ ދޮރުގެ ތަޅުގައި މީހަކު ހިފާލިހެން ހީވުމުންނެވެ.
ފޯނު ބާއްވަމުން އަޒްކާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އާޔާ ގެއްލިގެން އުޅެން ފެށުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ ގޮތްވިއެވެ.
ފަހަކަށް އައިސް އާޔާއަށް އަންނަން ފެށި ބަދަލުތަކާ އެކީ މާހިލްގެ ޝައުގުވެރިކަން އެދިމާއަށް އެނބުރިއްޖެ ކަމުގެ އިހްސާސް ކުރެވުމުން އޭނާއަށް ހެދުނީ ގޯހެއް ކަން ގަބޫލު ކުރެވިއްޖެއެވެ. އާޔާއަށް ޖެއްސުން ކޮށް ލަދުގަންނުވާލަން އެކި ޕްލޭންތައް ކުރި އަޒްކާގެ ހިތަށް ކޮންމެ ވެސް ވަރެއްގެ ރަހުމެއް އާޔާއާ މެދު އުފެދެން ފަށައިފިއެވެ.
އިރުއޮއްސެނިކޮށް ގެއަށް އައި ގޮތަށް އަދި އަޒްކާ އިނީ އެއްވެސް އެއްޗެއް ނުކައެވެ. އެހެންކަމުން އޭނާ ބޭނުންވީ ކައިގެން އައިސް ކޮޓަރިއަށް ވަންނާށެވެ. އޭނާގެ މަންމަ ވެސް ސުވާލުތައް ކުރާނެ ކަން އެނގޭތީ އޭނާ ބޭނުންވީ މަންމައާ ކުރިމަތި ނުލައި މިރޭ އަވަހަށް ނިދާށެވެ.
*** *** *** *** *** ***
ހަރީރާމެންގޭ ގޯތި ބޭރުގައި ޖަހާފައި ހުރި ޖޯލިފަތިތަކުގައި އިށީނދެގެން ތިބި މެދު އުމުރުފުރާގެ އަންހެންވެރިންނަކީ ކޮންމެ ރެއަކު އެތަނަށް އެއްވާ ބައެކެވެ. އެ މީހުންނަކީ އެއިރެއްގެ އެންމެ ހޫނުކޮށް ދެކެވޭ ވާހަކަތަކަށް މަޝްވަރާ ކޮށް، މީހުންގެ މަސްކެއުމުގައި އަރާ ތިބި ބައެކެވެ. މިރޭ އެމީހުން ދައްކަމުން ދިޔަ އޮލަ ވާހަކައަކީ ގެއްލިގެން ހޯދަމުންދާ އާޔާގެ ވާހަކައެވެ.
އެއް ބަޔަކު ބުނަމުން ދިޔައީ އެއީ ވަރަށް ބަސް އަހާ ކުއްޖެއް ކަމަށާއި އެ ކުއްޖާ ގެއްލެންވީ ސަބަބު އޮޅުން ނުފިލާ ކަމަށެވެ. އެކަމުން އާމިރާއަށް ލިބިފައިވާ ހިތްދަތިކަމާއި އެ އާއިލާއަށް ހަމްދަރުދީ ވާ ވާހަކަ އެ މީހުންގެ ވާހަކަތަކުން ދޭހަ ވަމުން އައެވެ. ހަރީރާއަށް އެ ވާހަކަތަކެއް ގަބޫލެއް ނުކުރެވުނެވެ.
"މަށަކަށް ހިޔެއް ނުވޭ އެ މަންޖެއަކީ ބަސްއަހާ ކުއްޖެއް ހެން... ބޭރު ފުށުން މާ ރަނގަޅު ބައެއް ކަމަށް ދެއްކިދާނެ. އެކަމަކު ބަސްއަހާ ކުއްޖަކު އެހެން ގެއްލޭނެތަ؟ މަގޭ އަޒްކާ ވެސް ސްކޫލަށް ދިޔަ. އޭނަ އެހުރީ ގޭގަ... ހަމަ ދާންވީނު ތަންތަނަށް... ރަށުތެރޭ އެންމެން އަހަރެންގެ ދަރި ގޯސް ކޮށްފަ ވާހަކަ ދައްކާ އިރު، އެ މަންޖެ ފަރާތުން އެކަހަލަ ކަމެއް ފެނޭތަ... ދެން އާމިރާ ދަރިއަށް އެހެންވާނީ ކޮންމެވެސް ކަމެއް ވީމަތާ؟ މީހުން ބުނެއެއްނު ނުމޮށޭ ގުރާ ބާރަށް ދައިގަންނާނޭ... މިފަހަރު ތިއޮތީ ބާރަށް ދައިގެންފަ"
އާމިރާގެ ދަރިފުޅުގެ ކުށް ދައްކަން ހަރީރާ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ދަރިފުޅޭ ކިޔައިގެން ރަށުތެރޭ ދައްކާ ވާހަކަ ދޮގު ކުރަން ބާރު ދެމުންނެވެ. ބަސް އަހައިގެން ހުންނަ އެންމެންނަކީ އެ ބުނާ ބަސްއަހާ މީހުން ނޫން ކަމަށް ހަރީރާ ގަބޫލު ކުރާ ގޮތް އެ މަޝްވަރާގެ ތެރެއަށް އޭނާ ހާމަ ކުރިއެވެ. އެއާއެކު އެތަނުގައި ތިބި ގިނަ ބަޔަކު ހަރީރާ ދެއްކި ވާހަކައަށް ތާއިދު ކުރިއެވެ. އެކަމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ.
"ސިއްރުން ކުރާ ކަންކަން މީހުންނަށް ނޭނގިދާނެ. އެހެންވީމަ އެއީ އެންމެ ބަސްއަހާ ކުއްޖާއޭ ބުނެވޭކަށް ނޯންނާނެ. ވަގަކަށް ހާސް ދުވަސް ވެރިއަކަށް އެއް ދުވަހޭ ބުނެއެއްނު. ދެން އިނގިދާނެއްނު ތި އާމިރާގެ އާޔާގެ ހުރި ބަސްއަހާ ކަމެއް ވެސް..." ހަރީރާ މިހެން ބުނެލި އިރު ގޯތިތެރެއިން ބޭރަށް ބޯ ދިއްކޮށްލި އަޒްކާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ވަގަށް އެތާ ހުރެ އެމީހުން ދައްކަމުން ދިޔަ ވާހަކަ އަޒްކާ އަޑު އަހަނީކަން އޭނާއަށް އެނގުމުން އޭނާ ގެއަށް ވަންނަން ދާން ހިނގައިގަތެވެ.
"ހަރީރާ ދަނީތަ؟ އަދި މަޑުކޮށްބަލަ...."
އެމީހުންގެ ތެރޭގައި އެންމެ ގަދައަށް އަނގަތަޅާ ހަރީރާ ގެއާ ދިމާއަށް މިސްރާބު ޖެހުމުން އެތަނުން އަންހެނަކު ހަރީރާއަށް ގޮވާލިއެވެ. މި އަންނަނީ އޭ ބުނެ ހަރީރާ ގޭތެރެއަށް ދެމިގަތީ އޭނާގެ ދަރިފުޅުގެ އުޅުމުން ކަމެއް އެ ކުއްޖާއަށް އެނގޭ ހެން ހީވުމުންނެވެ.
*** *** *** *** *** ***
އިޔާން ނިންދަވަން ބާއްވާފަ އާމިރާ އޮތީ އޭނާގެ ފޯނު އަތަށް ލައިގެންނެވެ. އާޔާގެ ހަބަރެއް ވެގެން ފުލުހުން ގުޅާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އެހެން އޮއްވާ އާމިރާގެ ފޯނަށް ކޯލެއް އައުމުން އޭނާ އަވަހަށް އެ ފޯނު ނެގިއެވެ. ނުދަންނަ ނަންބަރަކުން އައި ކޯލެއް ކަމުން އެއީ ފުލުހުން ކަމަށް އޭނާގެ ހިތް ގަބޫލު ކުރިއެވެ.
ފޯނު ކަންފަތުގައި ޖަހައި އާމިރާ ސަލާމް ބަލައިގަން އިރު އެ ކޮޓަރިއަށް ގަފޫރު ވެސް އައިސް ވަދެއްޖެއެވެ. އޭނާ އައީ އާމިރާގެ ފޯނު ރިންގްވީ އަޑު އިވިގެންނެވެ. މާޔޫސްވެފައި އިން އާމިރާ އެ ގުޅި ކާކުތޯ އަހާ ފަދަ އަކުން ދެ ބުމަ ގޮއްޖަހާލަމުން ސުވާލުކޮށްލިއެވެ. އާމިރާ އަތުގައި އޮތް ފޯނު ގަފޫރު ޖަހައިގަތުމަށް ފަހު އެ ފޯނު ސްޕީކަރަށް ލައިގެން އެކޮޅުން ވާހަކަ ދެއްކި މީހާ ދައްކަމުން ދިޔަ ވާހަކަތަކަށް އެ ދެމަފިރިން ސަމާލުކަން ދީގެން ތިއްބެވެ.
"އަޅުގަނޑު މި ގުޅާލީ އޮންލައިން ނޫހަކުން އިނގޭތޯ؟ ފާތުމަތު އާޔާ ގެއްލިގެން ހޯދަމުންދާ ހަބަރު ލިބުނީމަ އެކަމާ ގުޅޭ ގޮތުން ސުވާލުތަކެއް ކޮށްލަން މި ގުޅާލީ.. އާޔާގެ މަންމަ ދެއްތޯ؟؟"
އެކޮޅުން ވާހަކަ ދެއްކީ މީހާގެ ވާހަކަތައް ނިމުމާ އެކު އާމިރާ ބަލާލީ ގަފޫރުގެ މޫނަށެވެ. އެ ފޯނު ސްޕީކަރުން ކަނޑާލުމަށް ފަހު ގަފޫރު ކަންފަތުގައި ފޯނު ޖަހާލިއެވެ. އަދި އޭނާ ހަރު އަޑުން އެ ކޯލަށް ވާހަކަ ދެއްކިއެވެ.
"ނޫސްތަކުން ކަލޭމެން އަހަރެމެންގެ ނަންބަރު އެގޮތް މިގޮތުން ހޯދައިގެން ގުޅާއިރު ލަދެއް ވެސް ނުގަނޭތަ؟ ކޯއްޗެކޭ ނުލިޔެވިގެން ތިއުޅެނީ... ބަލަ ދަރިއަކު ގެއްލިގެން ހޯދަން މި އުޅެނީ. އަހަރެމެންގެ އިހްސާސްތަކެއް ހުންނާނެ ކަން ވެސް ނޭނގެނީތަ؟ މީގެން ވެސް ކަލޭ މެން ހެޑްލައިން ހަދައިގެން ލައިކްކޮޅެއް ލިބޭތޯ ތަ ތިބަލަނީ.... މިހާރުވެސް ކިތައް ވާހަކަ ތަ އެ ހެޑްލައިންތަކުގަ ލިޔުނީ. މިއުޅެނީ މި ކަން ރިޕޯޓް ކުރިތާ ގަޑި އިރެއް ނުވެގެން. ރަހުމްގެ ކަންފުޅެއް ވެސް ހުރިއްޔާ މިކަހަލަ ގަޑިއަކު ގުޅަން ލަދު ވެސް ގަންނަން ޖެހޭނެ ދޯ..."
ގަފޫރު އައިސްފައި ހުރި ރުޅިން އޭނާއަށް ވާހަކަ ދެއްކުނީ އަޑުގެ ނެތްތަނަށް ހަޅޭއް ލަވަމުންނެވެ. ގަފޫރު ދައްކަމުން ދިޔަ ވާހަކަތައް ނުނިމެނީސް އެ ކޯލް ކުރި މީހާ ފޯނު ކަނޑާލައިފިއެވެ. ގަފޫރުގެ އިހްސާސްތައް ކޮންޓްރޯލް ނުކުރެވި އޭނާގެ އަތުގައި އޮތް ފޯނު އެނދުމައްޗަށް ހޫރާލިއެވެ.
(ނުނިމޭ)
ޥަރަށް ޓަޗިން. މީ މި މުޖުތަމައުގަ ވާ ކަންކަން. ޢަސްލު ވާހަކައަކާ ވައްތަރުވަނީ