ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓުގައި މާރާމާރީ ހިންގައި، އެ ތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މުވައްޒަފަކު މަރާލި މައްސަލައާ ގުޅިގެން، ހައްޔަރު މުހައްމަދު އާބިދުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ޕާކިސްތާނުގެ ކެއުންތަކަށް ހާއްސަކޮށް އަހަރެއްހާ ދުވަސް ކުރިން ހުޅުވި ހާންޖީ ރެސްޓޯޯރަންޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ އާބިދު ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި އެ ތަނުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ވެއިޓަރަކަށް ވަޅިން ހަމަލަދީ ފިލާފައެވެ.
އުމުރުން 26 އަހަރުގެ އާބިދު ހޯދާ ހައްޔަރު ކުރީ ހުޅުމާލެ ފޭސް 2 ގެ ބީޗް ސަރަހައްދުން ކަމަށް ފުލުހުން ބުނެއެވެ.
އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާފައިވަނީ ބަންދާއި މެދު ގޮތެއް ނިންމުމަށް މިރޭ ކޯޓަށް ހާޒިރުކުރުމުންނެވެ.
އެ މާރާމާރީގައި މަރުވި ބަންގްލަދޭޝްގެ ވެއިޓަރު ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން، އެ ސަރަހައްދުގައި ހަރަކާތްތެރިވި އެ ރެސްޓޯރަންޓުގެ ބައެއް މުވައްޒަފުން އޭނާއަށް އިތުރު ފަރުވާ ދިނުމަށް މަސައްކަތް ކުރިއެވެ.
އެ މާރާމާރީގައި އަނިޔާވި ވެއިޓަރަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް އިއްޔެ ހަވީރު 5:30 ހާއިރު ގެންދިޔަ އިރު ވަޅި ހަރާފައި ހުރީ ސީދާ މެޔަށް ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުނީ، ފުލުހުންގެ ސީރިޔަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އެ މައްސަލަ ބަލައި ތަހްގީގުކުރަމުން ދާ ކަމަށެވެ.