މި ރޯދަ މަހު ކޮންމެ ދުވަހަކު 200 ޓަނާ ގާތްކުރާ އަދަދަކަށް ގޭބިސީތަކުން ކުނި ނަގާ ކަމަށް ވެމްކޯ އިން ބުނެފިއެވެ.
ވެމްކޯ އިން ބުނީ، އާއްމު މަސްތަކުގައި ދުވާލެއްގެ މައްޗަށް 132 ޓަނުގެ ކުނި ނަގާ ކަމަށެވެ. ނަމަވެސް ރޯދަ މަހު ކުނި ނަގާ މިންވަރު އިތުރުވެފައިވާ ކަމަށް ވެމްކޯއިން ބުނެއެވެ.
މިގޮތުން އެހެން މަސްތަކާ ހިލާފަށް މި ރޯދަމަހު މިހާރު ދުވާލެއްގެ މައްޗަށް 200 ޓަނާ ގާތްކުރާ އަދަދަކަށް ކުނި ނަގާ ކަމަށް ވެމްކޯއިން ބުނެއެވެ. މިއީ 40 ޕަސަންޓް އިތުރު އަދަދެއް ކަމަށް ވެމްކޯއިން ބުނެއެވެ.
ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހަކީ އެހެން މަސްތަކާއި އަޅާބަލާއިރު ގޭބިސީތަކުން ކުނި އުފައްދާ މިންވަރު އިތުރު މަހެކެވެ.
ރޯދަ މަހު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގެތަކުން ކުނި ނަގާނީ ރޭގަނޑު 8:00 އިން 12:00 އަށެވެ. ރޯދަ މަހުގެ އިތުރުން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ވެސް ކުނި ނަގާނީ އެ ގަޑިތަކުގައެވެ.
ރޯދަ މަސް ނޫން މަސްތަކުގައި ވެމްކޯއިން ކުނި ނަގަނީ އިރުއޮއްސި 6:00 އިން ރޭގަނޑު 11:00އާ ދެމެދުގައެވެ.