ކާބަފައިންގެ ޒަމާނުއްސުރެ އަންހެނުން ވެފައި ވަނީ ގޭގައި ދަރިން ބަލައި ގޭތެރޭގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ބައެއްގެ ގޮތުގައެވެ. އެހެންކަމުން އެ ޒަމާނުގައި ތައުލީމް ހާސިލް ކުރުމުގައި ވެސް އިސްކަން ދީ އުޅުނީ ފިރިހެނުންނަށެވެ. ނަމަވެސް މިހާރު ޒަމާން ބަދަލުވެ ތައުލީމު އުނގެނުމާއި މަސައްކަތުގެ މާހައުލުން އަންހެނުން ތަފާތު ކުރުން ހުއްޓުވުމަކަށް ގެންނަން އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އަދި ވެސް މަދުން ނަމަވެސް މި ބުނާ "އަންހެނުންނަށް ނުވާނެ" މަސައްކަތްތަކެއް ލޭބަލް ކުރާތަން އަންނަނީ ފެންމުންނެވެ. އަދި އަންހެނުންނަށް ކުރެވޭނެ ކަމަށް ބުނާ މަސައްކަތްތައް ދައްކާ ބައެއް ކަހަލަ މަސައްކަތް ކުރަން އަންހެނަކު ނުކުމެއްޖެ ނަމަ ސުވާލު އުފައްދާ ނޭނގި ނަމަވެސް ގަނާ ކުރުމުގެ އާދަ އަހަރެމެންގެ ދިވެހިންގެ ތެރެއިން ފެންނަ ކަމަކީ ކަންބޮޑުވާން ޖެހޭ މައްސަލަތަކެވެ.

އެގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ދާއިރާއަކީ އަންހެނުން މަސައްކަތް ކޮށްގެން ކުރިއަށް ދެވިދާނެ ދާއިރާއެއް ކަމަށް ގަބޫލު ނުކުރެވޭ މީހުން މި ރާއްޖޭގައި ތިބި ކަމަކީ އެ ދާއިރާއަށް ވަންނަން ބޭނުންވާ ދިވެހި އަންހެނުން މަދުކަން ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. އެ ދާއިރާގައި އުޅެންޏާ އެ އަންހެންކަށް ޑެސްކް އޮފިސަރެއްގެ މަސައްކަތެއް ނޫނީ ނުކުރެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެވެ.

ޔުނިވާސަލްގައި ޒައީމާ މަސައްކަތުގައި

ނަމަވެސް މިއަދު "ދަ ޕްރެސް" އިން ރޯދަމަހަށް ހާއްސަ ކޮށްގެން ގެނެސްދޭ "މީހުން" ސިލްސިލާގައި ފާތުމަތު ޒައީމާ އެކަން ދޮގު ކުރެއެވެ. ޔުނިވާސަލް ރިސޯޓް މެނޭޖްމަންޓްގެ ކޯޕަރޭޓް އޮފީހުގެ އައިޓީ ސަޕޯޓް ސްޕެޝަލިސްޓެއްގެ މާގަމުގައި މިހާރު މަސައްކަތް ކުރަމުންދާ ޒައީމާ އަކީ މިހާރު އައިސީޓީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށް އަދި މި މުޖުތަމައުއަށް އެ މަސައްކަތުގެ ތެރެއިން ގިނަ ކަންތައްތަކެއް ކޮށް ދިނުމުގެ އުންމީދުގައި ހުރި ހިތްވަރުގަދަ އަންހެނެކެވެ.

މަދުރަސީ ތައުލީމް ނިންމާލި އިރު ޒައިމާ އަކީ އައިސީޓީ ދާއިރާ ހިޔާރު ކުރަން ނިންމައިގެން ހުރި މީހެއް ނޫނެވެ. އޭރު އޭނާ ބޭނުންވީ ކެބިން ކްރޫއަކަށް ވާށެވެ. ނަމަވެސް ކަން ދިމާކުރި ގޮތުން އޭނާއަށް ވަޒީފާއެއް ހޯދަން ޖެހި އެންމެ ފުރަތަމަ ވަޒީފާއަކަށް ދިޔައީ އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަން އޮފިސަރެއްގެ މަގާމަށެވެ. އެ ވަޒީފާއިން އޭނާ ވަކިވާން ޖެހުނީ ދަރިއަކު ލިބުމުން މަސްއޫލިއްޔަތު ބުރަވެ މަންމަ އެއްގެ ޒިންމާ ނަގަން ޖެހުމުން ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އޭގެ ފަހުން އޭނާއަށް ވަޒީފާއެއް ހޯދަން މަޖުބޫރުވެ ވަޒީފާއެއް ހޯދުމުގައި ނާކާމިޔާބީ އާ ކުރިމަތިލާން ޖެހުނެވެ. ސަބަބަކީ އިތުރު ދާއިރާތަކުން ތައުލީމެއް ހާސިލްކޮށްފައި ނެތުމެވެ. އެހެންކަމުން ދެން ޒައީމާ ބޭނުންވީ ކިޔަވައިގެން ކުރިއަށް ދާނެ ދާއިރާއެއް ދެނެގަތުމެވެ.

ޔުނިވާސަލްގެ އައިޓީ ސްޕެޝަލިސްޓް ފާތުމަތު ޒައީމާ
"އައިޓީ މަސައްކަތުގައި އުޅޭ އިރު ވަރަށް ބުރަކޮށް މަސައްކަތް ކުރަންޖެހޭ. މި މަސައްކަތުގައި މިހާ ދުވަހު އުޅވުނީ އާއިލާގެ ސަޕޯޓް ލިބިގެން. މަންމަ، ބައްޕަ، ސިސްޓާސްގެ ވަރަށް ބޮޑު ސަޕޯޓެއް ލިބުނު. ރަށްރަށަށް ދަތުރުކުރި އިރު ދަރިފުޅު ބަލައިދީ އެކަހަލަ ކަންތައްތަކުގައި ވަރަށް ބޮޑު އެއްބާރުލުމެއް ލިބުން"
ފާތުމަތު ޒައީމާ

ކިޔަވާނެ ދާއިރާއެއް ހޯދުމަށް ވަރަށް ބޮޑަށް ރިސާޗް ކުރި ކަމަށާއި ކިޔަވާނެ ދާއިރާއެއް ހިޔާރު ކުރި އިރު ރާއްޖޭގައި އެންމެ ގިނައިން އަންހެނުން ނުކުރާ ކަމެއް ހިޔާރު ކުރަން އޭނާ ބޭނުންވި ކަމަށް ޒައީމާ ބުންޏެވެ. އައިސީޓީ ހިޔާރު ކުރި އިރުވެސް އެއީ އެންމެ ބޮޑަށް ޝައުގުވެރިވެގެން ހިޔާރު ކުރި ދާއިރާއެއް ނޫން ކަމަށް އޭނާ ބުނެއެވެ.

ދެން އެ ދާއިރާއިން ޑިޕްލޮމާ ހާސިލް ކުރުމަށް ފަހު ވަޒީފާއަށް އޭނާ ނިކުތީ ކޮމްޕިއުޓާ ޕްރޮގްރާމާއެއްގެ މަގާމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށެވެ. އޭރު ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އައިޓީ ޑިޓްމަންޓްގައި ކޮމްޕިއުޓާ ޕްރޮގްރާމާއެއްގެ މަގާމުގައި މަސައްކަތް ކުރަމުންދިޔަ ހަމައެކަނި އަންހެނަކީ ޒައީމާއަށް ވުމެވެ. އެ މަސައްކަތުގައި އުޅުނު އިރު ބައެއް މީހުންގެ ފަރާތުން ވަރަށް "ނެގެޓިވް ފީޑްބެކް" ލިބުނަސް އެ އަޒުމަކަށް ބަދަލެއް ނުގެނެސް އޭނާ ހިތްވަރާ އެކު މަސައްކަތް ކުރިއެވެ.

ޔުނިވާސަލްގެ މުވައްޒަފުންތަކަކާ އެކު ޒައީމާ

ޒަވާޖީ ހަޔާތެއް ފަށައިގެން ދަރިއަކު ބަލަމުން ވެސް ބުރަކޮށް އެ މަސައްކަތުގައި އޭނާ ހޭދަ ކުރި ދުވަސްތަކުގައި ކުރެވުނު ހުރިހާ މަސައްކަތަކީ ވެސް އޭނާ ހިތްހަމަޖެހޭ މަސައްކަތްތަކެއް ކަމަށް ބުނެއެވެ. ނަމަވެސް އެ ހުރިހާ މަސައްކަތުގެ ތެރެއިން ވެސް ޒައީމާ އަށް ވަރަށް ހާއްސަވާ އެއް ޕްރޮޖެކްޓެއް އޭނާ ފަހަގަ ކުރިއެވެ. އެއީ އޭނާ ޓްރާންސްޕޯޓް މިނިސްޓްރީގައި މަސައްކަތް ކުރި އިރު ޓްރާންސްޕޯޓް އޮންލިއިން އަދި އެ މިނިސްޓްރީން ދެމުން ގެންދިޔަ ހިދުމަތްތައް ޑީސެންޓަރަލައިޒް ކުރުމަށް ހިންގުނު ޕްރޮޖެކްޓެވެ. އެއީ ޒައީމާ އިސްވެ ހުރެގެން ކުރި މަސައްކަތެއް ކަމަށާއި އޭނާ ބޭނުންވި ލަނޑުދަނޑިތައް ހާސިލް ވި ކަމަށް ޒައީމާ ބުނެއެވެ. އަދި މި ޕްރޮޖެކްޓްގައި އޭނާ އެންމެ ފަހުރުވެރިވާ އެއް ކަމަކީ މުޅި ރާއްޖޭގެ 80 ޕަސެންޓް ކަވާ ކޮށް އެ ޕްރޮޖެކްޓް ނިންމާލެވުން ކަމަށް އޭނާ ބުނެއެވެ.

އެ ޕްރޮޖެކްޓްގައި ރަށްރަށަށް މަސައްކަތް ކުރަން ގޮސް އުޅުނު އިރު ވެސް އަންހެނަކު މި މަސައްކަތް ކުރަން ދިއުމުން ސުވާލު އުފެއްދި ކަމަށާއި އަދި އޭނާއަށް އެ މަސައްކަތް ކުރެވިދާނެ ކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފެއްދި ކަމަށް އޭނާ ބުނެއެވެ. އެހެން އެ މީހުން ދެކެން ޖެހެނީ ވެސް ސަބަބެއް ނެތިއެއް ނޫން ކަމަށް ޒައީމާ ގަބޫލު ކުރެއެވެ. ހާޑްވެއާ އަދި ނެޓްވޯކް މަސައްކަތް ކުރުމަށް، ރޭގަނޑު ދަންވަންދެން މަސައްކަތުގައި އުޅެން ޖެހުމާއި، ސީޕީއޫ ފަދަ އެއްޗެހިތައް އުފުލައި ސެޓްޕް ހެދުމާއި، އެޕްލިކޭޝަން ތައް އިންސްޓޯލް ކޮށް ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައް ގާތްގަނޑަކަށް އެކަނި ކުރަން ޖެހުމުން އެ މަސައްކަތްތައް އަންހެނަކަށް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރާ މީހުން ތިބުމަކީ އެފަދައިން ޒައީމާ ކުރަމުން ދިޔަ މަސައްކަތް އަންހެންކަށް ވީތީ ނުވާނެ ކަމަށް ބައެއް މީހުން ގަބޫލު ކުރަންޖެހޭ ސަބަބު ކަމަށް އޭނާ ބުނެއެވެ.

ޔުނިވާސަލްގެ މުވައްޒަފުންތަކަކާ އެކު ޒައީމާ
"ފުރަތަމަ ކަމެއް ފަށައިގަންނަ އިރު އެއްވެސް މީހަކަށް އެކަމެއް ސަކްސަސްފުލީ ފުރިހަމައެއް ނުވާނެ ކަންނޭނގެ. ބައިވަރު ޗެލެންޖަސްތަކާ ކުރިމަތިވާނެ. އެ ޗެލެންޖަސް ތަކަކީ ވެސް އެމީހަކަށް ލިބޭނެ ނޮލެޖް. އެމީހަކު ކުރިއަށް ދާން ލިބޭ ލެސަންތަކެއްގެ ގޮތުގައި ބަލައިގެން ކުރިއަށް ދާންވީ. އޭރު ކާމިޔާބަކާ ހަމައަށް ދެވޭނީ."
ފާތުމަތު ޒައީމާ

އެހެންކަމުން އަންހެންކަށް ވީތީ އައިސީޓީ މަސައްކަތް ނުވާނޭ ބުނާ މީހުންނަށް އޭނާ ބުލެނަލަން ބޭނުން ވަނީ، ކޮންމެ މަސައްކަތެއް ވެސް އެމީހަކު ކުރާ ހިތުން ކުރާ ކަމުގައި ވާ ނަމަ އެކަމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ. ބޭނުންވަނީ ވަރުގަދަ އަޒުމެއް ކަމަށާއި މަސައްކަތަށް އޮންނަ ލޯތްބާއި އެ މަސައްކަތަކަށް އެމީހަކު ކުރާ އިހްތިރާމެވެ.

ގާތްގަނޑަކަށް 8 އަހަރު ދުވަހު ސަރުކާރު ވަޒީފާއެއްގައި ހުރި ޒައީމާ އަނެއްކާވެސް މި ދާއިރާއިން އިތުރަށް ކިޔަވަން ފެށިއެވެ. އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލްކޮށްގެން ދެން އޭނާއަށް ލިބުނު ފުރުސަތުގައި އައިޓީ ސަޕޯޓް ސްޕެޝަލިސްޓެއްގެ ގޮތުގައި ޔުނިވާސަލް އެންޓްޕަރައިސަސްއާ ގުޅުނީ ކަމަށް ޒައީމާ ބުނެއެވެ. އެ ވަޒީފާގައި އުޅެމުން ދާދި ފަހުން ޒައިމާ ވަނީ ޔުނިވާސަލް ފައުންޑޭޝަން އިން ލިބުނު ސްކޮލަޝިޕްގެ ދަށުން އެ ދާއިރާ އިން މާސްޓާސް ޑިގްރީ އިން ޑިސްޓިންކްޝަން ހާސިލް ކޮށްފައެވެ. އެއީ މާސްޓާސް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ، ބިގްޑޭޓާ އެންޑް ޑޭޓާ ސައިންސްއިންނެވެ.

ޓްރެވަލް އެންޑް ޓްރޭޑް މޯލްޑިވްސުން ބޭއްވި ބިޒްނަސް އެކްސްޕޯގައި ފާތުމަތު ޒައީމާ

މީގެ އިތުރުން ވެސް ޒައީމާ އަކީ އައިޓީއާ ގުޅުން ހުރި އެކްސްޕޯތަކާއި ފެއާތަކާއި ވޯކްޝޮޕްތަކުގައި ވެސް ބައިވެރިވެފައިވާ މީހެކެވެ. މީގެ އިތުރުން ވެސް ވިމެން އިން ޓެކް މޯލްޑިވެސް ގައި 1 އަހަރު ދުވަހު ބޯޑް މެންބަރެއްގެ ގޮތުގައި ވެސް ވަނީ މަސައްކަތް ކޮށްފައެވެ. އެ ޖަމިއްޔާގައި ވެސް އައިޓީ ދާއިރާއަށް އަންހެނުން އަހުލުވެރި ކުރުވުމަށް ވެސް އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ވަޒީފާއަށް ދިއުމަށްފަހު ލިބޭ ހުސް ވަގުތުތަކުގައި އޭނާ އަންނަނީ ޑާޓާ ސައިންސްއާ ގުޅުން ހުންނަ މަސައްކަތްތައް ވެސް ކުރަމުންނެވެ.

މިއަދު ޒައީމާ ބޭނުން ވަނީ ޑޭޓާ ސައިންސް އަދި އައިޓީ ދާއިރާއިން އަންހެނުން ބާރުވެރި ކުރުމަށްޓަކައި "ވިމެން އިން ޑޭޓާ" ގެނަމުގައި އަމިއްލަ ޖަމިއްޔާއެއް އުފައްދާށެވެ. އެ ޖަމިއްޔާއިން ކުރާނެ މައިގަނޑު މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޒައީމާ ބުނީ، ޑޭޓާ ސައިންސްގެ ދާއިރާއިން ހުރި ފުރުސަތުތައް އަންހެނުންނަށް ހޯދައިދީ، މި މަސައްކަތްތައް ކުރަން ބޭނުންވާ މީހުންނަށް އެ ފަދަ ފުރުސަތުތައް ހޯދައިދީ، ވީހާވެސް ބޮޑަށް އަންހެނުން މި މަސައްކަތަށް ލޯބި ޖައްސައި، ކޯސްތަކާއި އެހެނިހެން ފުރުސަތުތައް ފަހިކޮށް ދިނުން ކަމަށެވެ. އަދި މީގެ އިތުރުން ސަރުކާރާއި އަމިއްލަ އޮފީސްތަކުން ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު އަދި ތަފާސްހިސާބް ތައް، ފަސޭހައިން ފެންނަގޮތަށް އެއްތަނަކުން ލިބޭނެ ޕްލެޓްފޯމެއް ތައްޔާރުކޮށް، އެ ޕްލެޓްފޯމު މެދުވެރިކޮށް ޑޭޓާ ވިޒުއަލައިޒޭޝަން އަދި ޑޭޓާ އިންސައިޓްސް ފަސޭހައިން ފޯރުކޮށްދޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމަށް ބުނެއެވެ.

ޒައީމާ މިއަދު އެންމެ އުފާ ކުރާ އެއް ކަމަކީ މިދާއިރާއަށް ގުޅޭ އަންހެނުން އިތުރުވަމުން އައުން ކަމަށް އޭނާ ބުނެއެވެ. އަދި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށް ދިނުމަށް އޭނާ ހަދަން ނިންމި ޖަމިއްޔާ މިހާރު ރަޖިސްޓާ ކުރުމުގެ މަރުހަލާގައި އޮތް ކަމަކީ ވެސް އޭނާ އޭނާގެ ހުވަފެންތަކުގައި ކުލަ ޖެހުމުގެ ފެށުން ކަމަށް ވެސް އޭނާ ބުނެއެވެ.

އަންހެންކުދިން އައިތީ ދާއިރާއަށް ބާރުވެރި ކުރުވުމަށް ދަރުމަވަންތަ ސްކޫލްގެ ދަރިވަރުންނަށް ހާއްސަކޮށް ޒައިމާ ސްޕީޗެއް ދެނީ

އަދުގެ ޖީލަށް ޒައީމާ ދޭން ބޭނުންވާ މެސެޖު ހާއްސަކޮށްލާފައި ވަނީ ބެލެނިވެރިންނާއި ކުދިންނަށެވެ. ކޮންމެ ދާއިރާއަކުން ވެސް އެކުއްޖަކު ކުރިއަށް ދާން ބޭނުންވި ކަމުގައި ވިޔަސް އެކަމަކީ ބެލެނިވެރިން ދެނެގަންނަން ޖެހޭ ކަމެއް ކަމަށް ޒައީމާ ގަބޫލު ކުރެއެވެ. މަދުރަސީ ދައުރު ފުރިހަމަ ކުރަމުންދާ ކުދިންގެ ފަރާތުން ފެންނަ ކަންކަމުން އެ ކުއްޖެއްގެ ޝައުގުވެރިކަން ހުންނަ ދާއިރާ ނުވަތަ އެކުއްޖެއްގެ ގައިގާ ހުންނަ ޓެލެންޓް ދެނެގަނެވިއްޖެ ނަމަ މަދްރަސީ ތައުލީމް ހާސިލް ކުރަމުން ދާ އިރު ވެސް އެ ޓެލެންޓް އިތުރަށް ފުޅާ ކުރަން ފުރުސަތުތައް މިއަދު ލިބެން ހުރުމަކީ އަދުގެ ޖީލަށް ކެރިއާ ބިލްޑް ކުރަން ފަސޭހަ ވާނެ ކަމެއް ކަމަށް ޒައީމާ ދެކެއެވެ. ސްކޫލް ނިމެންވާ އިރަށް ކުދިކުދި ކޯސްތަކުގައި ކުދިން ބައިވެރިކޮށް މަސައްކަތަށް ކުދިން ނުކުންނަން ވާ އިރަށް ލޯ ހުޅުވި ކުރިއަށް ދާނެ ދާއިރާއެއް އެނގިގެން ނިކުތުމަކީ ހަޔާތުގައި ބޭކާރުވެގެންދާނެ ދުވަސްތައް މަދުކޮށް، ކެރިއާއެއް އުފެއްދުމަށް ލިބޭނެ ހިތްވަރެއް ކަމަށް ވެސް އޭނާ ބުނެއެވެ.

މާސްޓާސް ހަދައި ގްރެޖުއޭޝަން ހަފްލާގައި ރެކްޓާއާ އެކު ޒައީމާ

"އަންހެންކަށް ވީތީ ނުވާނޭ" ބުނެ އަންހެނުންނަށް ކުރެވޭނީ ވަކި މަސައްކަތެއް ކަމަށް ލޭބަލް ކުރާ މީހުންނަށް ޒައީމާ ވަނީ އެއީ ދޮގު ވާހަކައެއްކަން ސާބިތުކޮށް ދީފައެވެ. ޖުމްލަ 13 އަހަރު މި ދާއިރާގައި މަސައްކަތްކުރަމުން އަންނަ ޒައިމާ ވަނީ، ހަމައެކަނި "މޭލް ޑޮމިނޭޓެޑް" ދާއިރާއެއްގެ ގޮތުގައި ދެކެމުން އަންނަ އައިތީ ދާއިރާއަކީ އަންހެނުންނަށް ވެސް ކުރިއަށް ދެވިދާނެ ދާއިރާއެއްގެ ގޮތުގައި މިއަދު ސާބިތު ކޮށްދީފައެވެ.

މި މަސައްކަތުގައި އޭނާގެ ހުވަފެންތަކާއި ދާން ބޭނުންވާ މަންޒިލް ވެސް ވަރަށް ސާފެވެ. މުޖުތަމައު އަށް ގިނަ މަސައްކަތަކެއް ކޮށް ދިނުމުގެ އަޒުމްގައި ހުރި ޒައީމާ ދިވެހި އަންހެން ދަރިންނަށް މިއީ ނަމޫނާ އެކެވެ. ނުވާނޭ ނުބުނެ ޝައުގުވެރިކަން ހުރި ދާއިރާއަކުން ކުރިއަށް ދާންވީއެވެ.