ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓުގައި މާރާމާރީ ހިންގައި، އެ ތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މުވައްޒަފަކު މަރާލި މައްސަލައާ ގުޅިގެން، ފުލުހުން ހޯދަން އިއުލާންކޮށްފައިވާ މުހައްމަދު އާބިދު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފިއެވެ.

ޕާކިސްތާނުގެ ކެއުންތަކަށް ހާއްސަކޮށް އަހަރެއްހާ ދުވަސް ކުރިން ހުޅުވި ހާންޖީ ރެސްޓޯޯރަންޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ އާބިދު ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި އެ ތަނުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ވެއިޓަރަކަށް ވަޅިން ހަމަލަދީ ފިލާފައެވެ. އެ މާރާމާރީގައި އަނިޔާވި ވެއިޓަރަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް އިއްޔެ ހަވީރު 5:30 ހާއިރު ގެންދިޔަ އިރު ވަޅި ހަރާފައި ހުރީ ސީދާ މެޔަށް ކަމަށް މައުލޫމާތު ލިބެއެވެ.

އެހެންވެ، އާބިދު ހޯދަން ފުލުހުން ވަނީ ރޭ 8:46 ހާއިރު އިއުލާނުކޮށް، އޭނާ ފެނިއްޖެ ނަމަ ފުލުހުންގެ ހޮޓްލައިން 119 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދުނެވެ. އޭގެ ފަހުން ރޭ 2:23 ގައި ފުލުހުން ބުނީ، އުމުރުން 26 އަހަރުގެ އާބިދު ހޯދާ ހައްޔަރުކޮށްފި ކަމަށެވެ. އޭނާ ހައްޔަރު ކުރީ ހުޅުމާލެ ފޭސް 2 ގެ ބީޗް ސަރަހައްދުން ކަމަށް ފުލުހުން ބުނެއެވެ.

އެ މާރާމާރީގައި މަރުވި ބަންގްލަދޭޝްގެ ވެއިޓަރު ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން، އެ ސަރަހައްދުގައި ހަރަކާތްތެރިވި އެ ރެސްޓޯރަންޓުގެ ބައެއް މުވައްޒަފުން އޭނާއަށް އިތުރު ފަރުވާ ދިނުމަށް މަސައްކަތް ކުރިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ ސީރިޔަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އެ މައްސަލަ ބަލައި ތަހްގީގުކުރަމުން ދާ ކަމަށެވެ.