ބިދޭސީންގެ ބައެއްގެ މެދުގައި މިރޭ މާލޭގައި ހިންގި މާރާމާރީ އާ ގުޅިގެން 37 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

މާލޭގެ ސޯސަންމަގުގައި ހިންގި އެ މާރާމާރީގައި ބިދޭސީންގެ ގްރޫޕަކުން ބިދޭސިއެއްގެ ގައިގައި ތަޅައިގެންފައިވާއިރު، އޭނާއަށް ވަނީ އަނިޔާވެފައެވެ.

އެ މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 8:20 ހާއިރެވެ. އެ މާރާމާރީއާ ގުޅިގެން މިރޭގެ ވަގުތެއްގައި 37 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން، މިއަދުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލޭގައި ހިންގާ ރެސްޓޯރަންޓެއްގައި ބިދޭސީ ދެ މުވައްޒަފެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހާ މަރުވެފައިވާއިރު، އެ މުވައްޒަފު މަރާލި މައްސަލައާ ގުޅިގެން އެ ރެސްޓޯރަންޓުގެ މުވައްޒަފަކު ހޯދަން ފުލުހުން ވަނީ މިރޭ އިއުލާންކޮށްފައެެވެ.