ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓުގައި މާރާމާރީ ހިންގައި އެ ތަނުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މުވައްޒަފަކު މަރާލި މައްސަލައާ ގުޅިގެން، އެ މުވައްޒަފު މަރާލި މީހާ ފިލައިގެން ހޯދަން ފަށައިފިއެވެ.

ޕާކިސްތާނުގެ ކެއުންތަކަށް ހާއްސަކޮށް އަހަރެއްހާ ދުވަސް ކުރިން ހުޅުވި ހާންޖީ ރެސްޓޯރަންޓުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ވެއިޓަރަކާއި ޕާކިސްތާނުގެ ކައްކާއެއްގެ ދެމެދުގައި އެ މާރާމާރީ ހިންގާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެ މާރާމާރީގައި އަނިޔާވި ވެއިޓަރު މިއަދު ހަވީރު 5:30 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.

އެ މާރާމާރީ ހިންގުމަށް ފަހު ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދު ފިލާފައި ވާއިރު، ފުލުހުން ވަނީ އޭނާ ހޯދަން ސޯޝަލް މީޑިއާގައި އިއުލާން ކޮށްފައެވެ. މިރޭ ކުރި އިއުލާނުގައި ފުލުހުން ބުނީ، އެ މާރާމާރީގެ މައްސަލާގައި ތުހުމަތުވާ އާބިދަކީ ނުރައްކާތެރި މީހެއް ކަމަށެވެ. އެހެންކަމުން އޭނާ އާ ކުރިމަތިނުލައި ފުލުހުންގެ ހޮޓްލައިން 119 އާ ގުޅުމަށް ފުލުހުން އެދިފައިވެއެވެ.

އެ މާރާމާރީގައި މަރުވި ބަންގްލަދޭޝްގެ ވެއިޓަރު ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން، އެ ސަރަހައްދުގައި ހަރަކާތްތެރިވި އެ ރެސްޓޯރަންޓުގެ ބައެއް މުވައްޒަފުން ވަނީ އޭނާއަށް އިތުރު ފަރުވާ ދިނުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސްް އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށް ބައެއް ހަބަރުތައް ބުނެއެވެ.