"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫގެ ދެވަނަ އަދި ތިންވަނަ ފިޔަވަހި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ ސަރުކާރުން ހަވާލުކޮށްފިއެވެ.

ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައި ވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމް އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނެންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.

ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން މި ފެރީ ނިޒާމް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައިވާ ޒޯންތަކުގެ ތެރޭގައި ހިމެނެނީ ނ އަތޮލޫން ފެށިގެން ސ އަތޮޅާ ދެމެދުގައި ހުރި 17 އަތޮޅެވެ. އެ ގޮތުން ޒޯން 2 (ނ، ރ، ބ އަދި ޅ)، ޒޯން 3 (ކ، އއ، އދ، އަދި ވ)، ޒޯން 4 (މ، ފ، ދ، ތ، އަދި ލ)، ޒޯން 5 (ގއ އަދި ގދ)، ޒޯން 6 ( ސ އަދި ޏ) ގައި ހިމެނޭ ރަށްތަކަށް ސްޕީޑް ފެރީގެ ހިދުމަތް ފޯރުކޮށް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށުމަށް ރޭ ވަނީ އެއްބަސްވެފައެވެ.

އެމްޓީސީސީން ބުނީ، ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ޒޯންތަކަށް ހިދުމަތް ދިނުމަށް ޖުމްލަ 65 ލޯންޗް އުފައްދާ ތައްޔާރު ކުރަން ނިންމާފައިވާ ކަމަށެވެ. އެއާކޯން ކޮށްފައިވާ ލޯންޗުތައް ހުންނާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރާ ފޭބޭގޮތަށް އަދި ބަލިމީހުން އުފުލުމަށް ވެސް ފަސޭހަ ވާނެ ގޮތަށް ފަރުމާ ކޮށްފައި ކަމަށާއި ލޯންޗުގައި ފާހާނާއާއި ލަގެޖް ބެހެއްޓޭ ޖާގަ ހާއްސަކޮށްފައި ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ހިދުމަތް ހަފުތާއަކު 7 ދުވަހު ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 149 ޓާމިނަލް އަޅަން ނިންމާފައިވާ އިރު، ޒޯން ޓާމިނަލްގެ ގޮތުގައި 5 ޓަރމިނަލްއާއި، 31 ފެރީ ޓާމިނަލްގެ އިތުރުން 113 ފެރީ ސްޓޮޕް ހަދަން ވަނީ ނިންމާފައެވެ.

މި މަޝްރޫގެ ދެވަނަ އަދި ތިންވަނަ ފިޔަވަހި ނިމުމާއެކު މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ފުރިހަމަ ވެގެން ދާނެއެވެ. ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަގްސަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

މީގެ ކުރިން އެމްޓީސީސީން ވަނީ ހައި ސްޕީޑް ފެރީ ހިދުމަތް ފޯރުކޮށް ދިނުމުގެ ފުރަތަމަ ފިޔަވަހީގެ ގޮތުން ތިލަދުންމަތީ އުތުރު ބުރި (ހއ)، ތިލަދުންމަތީ ދެކުނު ބުރި (ހދ) އަދިމި ލަދުންމަޑުލު އުތުރު ބުރީގައި (ށ) ގެ ރަށްތަކަށް ފެރީ ހިދުމްތަ ފޯރުކޮށް ދިނުމުގެ މަސައްކަތް ދަނީ މިހާރު ކުރަމުންނެވެ.