ކޮންމެ ރަމަޟާން މަހަކު އުރީދޫން ބާއްވާ އުރީދޫ މަސްރޭހުގައި ވާދަކުރާ ހަމައެކަނި އަންހެން ޓީމުން އެންމެ ގިނަ ޕޮއިންޓް ހޯދައި، ރެކޯޑެއް ހަދައިފިއެވެ.

އުރީދޫން ބާއްވާ މަސްރޭހަށް ކޮންމެ އަހަރަކުވެސް ބޮޑު ތަރުހީބެއް ލިބޭއިރު، މިއަހަރުގެ މަސްރޭހުގައި 23 ޓީމެއް ބައިވެރިވެއެވެ. އޭގެ ތެރޭގައި އަންހެނުންގެ ޓީމްތަކާއި ފިރިހެނުންގެ ޓީމްތަކުގެ އިތުރުން، ދެ ޖިންސު އެއްކޮށް އެކުލެވޭ ޓީމްތައްވެސް ހިމެނެއެވެ.

މިދިޔަ ހަފްތާގައި ފެށި މަސްރޭހުގެ ދެވަނަ ބުރު މިދިޔަ އަންގާރަ ދުވަހު ބާއްވާފައިވާއިރު، އެ ބުރުގައި ބައިވެރިވި ހަ ޓީމްގެ ތެރެއިން ހަމައެކަނި އަންހެނުން ހިމެނުނު ޓީމަކީ "ސްޓެލްކޯ ކަނބަލުން"ގެ ޓީމެވެ. އެ ޓީމުން އެ ބުރުގައި 837.90 ޕޮއިންޓް ހޯދާފައިވާއިރު، އެއީ މަސްރޭހުގެ ތާރީހުގައި ރެކޯޑެކެވެ.

އެހެންކަމުން، ސްޓެލްކޯ ކަނބަލުންގެ ޓީމް ވަނީ މި ބުރުގައި އެންމެ ގިނަ ޕޮއިންޓް ހޯދައި، މިއަހަރުގެ އުރީދޫ މަސްރޭހުގެ ފައިނަލް ބުރަށް ދަތުރުކޮށްފައެވެ. އެ ޓީމާއެކު ފައިނަލް ބުރަށް ދެން ގޮސްފައިވަނީ ފުރަތަމަ ބުރުން އެއްވަނަ ހޯދި "ޓީމް ގޯޅިއަންސް"އެވެ.

2010 ވަނަ އަހަރުން ފެށިގެން "ވަތަނިއްޔާ މަސްރޭސް"ގެ ނަމުގައި ފެށި އުރީދޫ މަސްރޭސް މެދުކެނޑުމެއްނެތި 10 އަހަރު ބޭއްވުމަށްފަހު، ކޮވިޑް-19 ގެ ސަބަބުން މިދިޔަ ދެ އަހަރު އުރީދޫން މަސްރޭސް ބާއްވާފައެއް ނުވެއެވެ. މިއީ އުރީދޫން މަސްރޭސް ބާއްވާ 11 ވަނަ އަހަރެވެ.