މަތީ ތައުލީމް ހާސިލްކޮށްގެން އެކި ދާއިރާތަކުން މުޖުތަމައަށް ހިދުމަތް ކޮށްދެމުން އަންނަ ދިވެހިންގެ ވާހަކަތަކަކީ ކޮންމެ ދިވެހި ދަރިއަކު ވެސް ފަހުރުވެރިކަމާއެކު އަޑުއަހާނެ ވާހަކަތަކެއް ކަން ޔަގީނެވެ. އެ މީހަކު އެ ހިސާބަށް ވާސިލްވުމަށްޓަކައި ތަންމަތި ބަނދެގެން، އެ ދަތުރު ފެށި ގޮތާއި މަންޒިލާ ހަމައަށް ވާސިލްވުމަށް އެމީހަކު ކަޑައްތު ކުރި ގޮންޖެހުންތަކާއި ކާމިޔާބީތަކުގެ ވާހަކަތައް ގެނެސްދިނުމަށް "ދަ ޕްރެސް" އިން މި ރޯދަ މަހު ހާއްސަކޮށް ގެނެސް ދޭ 'މީހުން' ސިލްސިލާގައި މިއަދު މި ހާއްސަކޮށްލަނީ މި މުޖުތަމައަށް ހިދުމަތް ކުރުމުގައި ދެމި ހުރި އަދި ކުރިއަށް އޮތް ތަނުގައި ވެސް ގިނަ ކަންތައްތަކެއް ކޮށްދިނުމުގެ ވަރުގަދަ އަޒުމެއްގައި ހުރި ޒުވާނެއްގެ ވާހަކައެވެ.
އއ. މަތިވެރިއަށް އުފަން އަލީ ރަމީޒް (އައްޔަ) އަކީ އެ ރަށާއި އަދި އެ އަތޮޅުގެ ގިނަ ބަޔަކު ދަންނަ މޫނެކެވެ. މިހާރު އިސްލާމިކު މިނިސްޓްރީގެ އިސް އިމާމެއްގެ މަގާމުގައި އއ. މަތިވެރި މިސްކިތެއްގެ އިމާމުކަން ކުރަމުން އަންނަ އައްޔަ އަކީ ކުޑަކުދިންނަށް ޤުރުއާން ކިޔަވައި ދިނުމުގެ އިތުރުން، ޝަރުއީ މައުޒޫންކަން ކުރުން (ކައިވެނި ކޮށްދިނުން) އާއި ފުޓްބޯޅަ ރެފްރީކަން ކުރާ މީހެކެވެ. މީގެއިތުރުން މެރަތަން ދުވުމާއި، ހިލޭ ސާބަހަށް އޭނާގެ ރަށަށް ގިނަ މަސައްކަތްތަކެއް ކޮށްދިނުމަށް ޖަމިއްޔާއެއް ހަދައިގެން އެތައް ބައެއްގެ ދިރިއުޅުމަށް ތަރައްގީއާއި އޭގެ ފޮނި މީރުކަމުގެ ރަހަ ގެނެސް ދެމުން އަންނަ ހީވާގި ކެރޭ ޒުވާނެކެވެ.
ގްރޭޑް 7 އާ ހަމައިން އޭނާ ކިޔެވުން ހުއްޓާލަން ޖެހުނީ އޭރު ރަށްރަށުގެ މަދަރުސާތަކުގައި ކިޔަވައިދެމުން އައި ގްރޭޑް 7 އާ ހަމައަށް ކަމަށް ވާތީއެވެ. އެއަށްފަހު އޭނާ ދިޔައީ ބައްޕައާ އެކު މަހަށެވެ. ނަމަވެސް އައްޔަ ދެކެމުން އަައި ހުވަފެންތަކާއި ދިރިއުޅުމުގައި އޭނާ ދާން ބޭނުންވި މިސްރާބު އަތުގައި ހިފީ އޭނާގެ ފުރާވަރުގެ އުމުރު ފަހަނަ އަޅާ ދިޔަ ފަހުންނެވެ. އެ ދުވަހު އައްޔައަކީ މާސްޓާސް ފެންވަރަށް ތައުލީމް ހާސިލް ކުރާނެ މީހެއް ކަމަށް އެކަކު ވެސް ގަބޫލެއް ނުކުރެއެވެ.
ޒުވާން ދުވަސްވަރު އޭނާ ރަށުގައި އުޅުނު އިރު ބައެއް ފަހަރު މިސްކިތުގައި އޭނާ އިމާމުވެ ނަމާދު ކުރިއެވެ. އެ ހިސާބުން އެއީ އޭނާއަށް ކުރިއަށް ދެވިދާނެ ދާއިރާއެއް ކަމުގައި ގަބޫލުކޮށް އައްޔަގެ އުމުރުން 30 އަހަރުގައި މާލެއަށް އައިސް އިމާމް ކަމުގެ ސެޓްފިކެޓް 3 ގެ ކޯހެއް ފުރިހަމަ ކުރިއެވެ. އެ ކޯހަށް ފަހު ރަށަށް އެނބުރި ދިޔަ އައްޔަ، އިތުރަށް ކިޔަވަން ބޭނުންވިއެވެ. އޭރު ރަށުގެ އިމާމެއްގެ މަގަމުގައި މަސައްކަތުގައި ހުރުމަށް ފަހު އޭނާ މާލެއަށް އަނެއްކާ ވެސް އައީ މާލޭގެ މިސްކިތްތަކުގައި އިމާމްކަން ކުރާ ގޮތަށް، ޑިޕްލޮމާ ހާސިލް ކުރުމަށެވެ. ޑިޕްލޮމާއަށް ފަހު، ޑިގްރީ ހާސިލް ކުރި އިރު އޭނާ ވަނީ މިސްރުގެ އަޒްހަރު ޔުނިވާސަޓީން ވެސް ދެމަސް ދުވަހުގެ އިމާމް ކޯހެއް ފުރިހަމަ ކޮށްފައެވެ.
އެއަށް ފަހު 2020 ގައި ޑިގްރީ ކޯސް އޭނާ ފުރިހަމަ ކުރީ މާލޭގައި ދަތި ދިރިއުޅުމެއް އުޅެން ޖެހުނު އިރު ވެސް އެ ހުރިހާ ކަމަކަށް ކެތްތެރިވެ ހިތްވަރާ އެކު މިންނަތް މަސައްކަތްތަކަކާ އެކުގައެވެ. އަދި 2020 ވަނަ އަހަރު ޑިގްރީ ކޯސް ނިންމުމަށް ފަހު އޮކްޓޯބަރުގައި ރަށަށް ބަދަލު ވެ އޮންލައިންކޮށް މާސްޓާސް ކޯސް ކިޔަވަން ފަށާ އެކޯސް 2021 ވަނަ އަހަރުގެ ޖޫން މަހުގައި ފުރިހަމަ ކުރިއެވެ. 2021 ވަނަ އަހަރުގެ ޑިސެމްބަރު 30 ފެށިގެން އައްޔައަކީ އިމާމުކަމުގެ އެންމެ މަތީ ލެވެލް ކަމަށްވާ "އިސް އިމާމު" ކަމުގެ މަގާމުގައި ހުރި ނަމޫނާ ދައްކާ ޒުވާނެކެވެ.
ރެފްރީކަން ފެށުނު ގޮތް ހިއްސާކުރަމުން އައްޔަ ބުނީ 2012 ވަނަ އަހަރު އއ. އަތޮޅުގައި އަތޮޅު ފުޓްބޯޅަ މުބާރާތް ބޭއްވުމަށްޓަކައި އެ އަތޮޅުގައި ރެފްރީކަން ދަސްކޮށްދޭ ކޯހެއް ބޭއްވި ކަމަށެވެ. އެ ކޯސް ބޭއްވީ ވެސް އައްޔަގެ ރަށް އއ. މަތިވެރީގައެވެ. ފުޓްބޯޅަ ކުޅުމަށް އަބަދުވެސް ލޯބިކުރާ އައްޔަ މިކޯހުގައި ބައިވެރީ އެކަމަށް ހުރި ޝައުޤެއްގެ ބޮޑުކަމުންނެވެ. އަދި މިކޯހުގައި ބައިވެރިވެ އެ ކޯސް ފުރިހަމަކޮށް އެފްއޭއެމްގެ ބެޖް ލިބުނު 8 މީހުންގެ ތެރޭ އައްޔަ ހިމެނުނެވެ.
2014 އާ ހަމައަށް ރަށުގައި އޭނާ ދިރިއުޅުނު އިރު ރެފްރީ ކަން ކުރުމަށް އެހާ ގިނަ ފުރުސަތުތަކެއް ނުލިބޭ ކަމަށާއި އެހެން ނަމަވެސް އޭނާ މާލޭގައި އުޅުނު ދުވަސްވަރު ދިވެހި ޕްރިމިއާ ލީގާއި ،ފަސްޓް ޑިވިޝަނާއި ސެކަންޑް ޑިވިޝަން އަދި ތާޑް ޑިވިޝަން މުބާރާތްތަކާއި އޮފީސްތަކުގެ ފުޓްސަލް މުބާރާތްތަކުގެ އިތުރުން އިންޓަސްކޫލް ފުޓްބޯޅަ މުބާރާތްތަކާއި، އަދި ރާއްޖޭގައި ބާއްވާ ހުރިހާ ބޮޑެތި ފުޓްސަލް މުބާރާތްތަކުގައި ރެފްރީކަން ކުރި ކަމަށް އޭނާ ބުނެއެވެ.
މީގެ އިތުރުން ވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބާއްވާ ފުޓްބޯޅަ އާއި ފުޓްސަލް މުބާރާތްތަކުގައި އައްޔަ ރެފްރީކަން ކޮށްފައި ވެއެވެ. އަދި މިސްރުގައި ކިޔަވަން ހުރި އިރު އެތަނުގައި ވެސް މެޗެއްގެ ރެފްރީކަން އައްޔަ ކޮށް، މިސްރުގެ ރެފްރީންނާއެކު ޓްރޭނިންތައް ފުރިހަމަ ކޮށްފައިވާ ކަަމަށް ވެސް އައްޔަ ބުނެއެވެ. ފުޓްބޯޅަ އަށް ފޯރި ހުންނަ އައްޔަ އަކީ ލިވަޕޫލްގެ ހާޑްކޯ ފޭނެކެވެ.
މީގެ އިތުރުން އައްޔަ އަކީ މެރަތަން ދުވާ ދުވުންތެރިއެކެވެ. މިހާތަނަށް އައްޔަ 12 މެރަތަން ދުވުމުގައި ބައިވެރިވެ ދުވެފައިވާ އިރު، ކޮކާ ރަން އިން އައްޑޫ އާއި، އައިރަނާސްގެ އައްޑޫ މެރަތަން އާއި ދިރާގު ރޯޑް ރޭސް، އުރީދޫ ކަލާ ރަން، މޯލްޑިވްސް މެރަތަން، ރަން ފޯ މޯލްޑިވްސް އަދި ވާޗުއަލް ރަންތަކުގައި ވެސް އައްޔަ ދުވެ މެޑަލް ހާއްސިލްކޮށްފައި ވެއެވެ.
އަބަދުވެސް މުޖުތަމައުއަށް ގިނަ ކަންތައްތަކެއް ކޮށްދޭން ބޭނުންވާ އައްޔަ، އެންމެ ފުރަތަމަ ރަސްމީކޮށް ޖަމިއްޔާއަކާ ގުޅުނީ 2001 ވަނަ އަހަރު މަތިވެރީގައި އޮންނަ ޔޫނިއަން ސްޕޯޓްސް ކްލަބާއެވެ. އެއަށްފަހު 2006 ވަނަ އަހަރުގެ ފަހުކޮޅު، މަދު ޒުވާނުންތަކެއް ވެގެން އެސޯސިއޭޝަން ފޯ މަތިވެރި ސްޕޯޓްސް އެންޑް އެވެއާނަސް (އަމްސާ) ގެ ނަމުގައި ޖަމިއްޔާއެއް އުފެއްދިއެވެ. އުމުރުން މިހާރު 15 ވަނަ އަހަރު ގުނާ އަމްސާއާ އެކު އައްޔަ ގިނަ ގުނަ މަަސައްކަތްތަކެއް މަތިވެރީގެ ރައްޔިތުންނާއި ޒުވާނުންނާއި އަންހެނުންނަށް ވަނީ ކޮށްދީފައެވެ. އެގޮތުން ފުޓްބޯޅަ މުބާރާތްތަކާއި އަންހެނުންނަށް ހާއްސަކޮށް ނެޓްބޯލް އާއި ހޭންޑް ބޯލް އަދި ވޮލީބޯލް ފަދަ މުބާރާތްތައް ވަނީ ހިންގާފައެވެ.
ކުޅިވަރުގެ މުބާރާތްތަކުގެ އިތުރުން ވެސް މީހުން ހޭލުންތެރި ކުރުވުމަށް ތަފާތު ގިނަ މަސައްކަތްތަކެއް އަމްސާގެ ފަރާތުން ކޮށްދީފައި ވެއެވެ. އެ ގޮތުން ސިއްހަތާއި، ދީނާއި ބެހޭ މައުލޫމާތު ފޯރު ކޮށްދޭ ޕްރޮގްރާމްތަކުގެ އިތުރުން ޤުރުއާން މުބާރާތަކެއް ވެސް ވަނީ ބާއްވާފައެވެ. އަދި ޒުވާނުންނަށް މަސައްކަތްތަކާއި ތަފާތު ހުނަރުތައް އުނގަންނައި ދިނުމަށް އެ އަތޮޅުގައި އާއި މަތިވެރީގައި ގިނަ ކޯސްތަކަކާއި ވޯކްޝޮޕްތަކެއް ވެސް ވަނީ ހިންގާފައެވެ. އެގޮތުން ބޭސިކް ކޮންސްޓަރަކްޝަންގެ ދެކޯހެއް ހިންގި ކަމަށާއި، އަދި މުޅި ރާއްޖެއަށް ހުޅުވާލައިގެން ސަލާމް ސްކޫލާ ގުޅިގެން ފުޑް އެންޑް ބެވަރެޖް ކޯހެއް ވެސް ހިންގި ކަމަށް އޭނާ ބުނެއެވެ.
އެ ޖަމިއްޔާގެ ކަންކަން ކުރިއަށް ގެންދިޔަ އިރު ރަށަށް ކޮށްދެވުނު އެންމެ ބޮޑު ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރަނީ މަތިވެރި ކުނިކޮށި ބިނާ ކޮށް ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން ކަމަށް އޭނާ ބުނެއެވެ. އެ މަސައްކަތް ކުރީ ޔޫއެންޑީޕީގެ ގްލޯބަލް އެންވާރަމަންޓަލް ފެސިލިޓީ ފަންޑުގެ އެހީގެ ދަށުން މަތިވެރި ކައުންސިލާ ގުޅިގެން ކަމަށް އޭނާ ބުނެއެވެ.
މީގެ އިތުރުން ޔޫއެންޑީޕީއާ ގުޅިގެން "ތަރައްގީގެ މަގުގައި އަންހެނުން ދެ ފިޔަވަޅު ކުރިއަށް" މިނަމުގައި ޕްރޮޖެކްޓެއް ކުރިއަށް ގެންދިޔަ ކަން ވެސް އޭނާ ފާހަގަ ކުރިއެވެ. އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔައީ އޭރު އެ ރަށުގައި އަންހެނުން އިސްނަގައިގެން ބޮޑެތި ކަންކަމުގައި ހަރާކާތްތެރިވާ މަންޒަރު ނުފެންނާތީ ކަމަށާއި އެ ޕްރޮޖެކްޓަށް ފަހު ރަށުގެ މަސައްކަތްތަކުގައި އަންހެނުން އިސްނަގައި މަސައްކަތުގައި ކުރިއަށް ދާ މަންޒަރު ފެންނަން ފެށި ކަމަށް އޭނާ ބުނެއެވެ. އެގޮތުން ކައުންސިލް އިންތިހާބުތަކުގައި އަންހެނުން ވާދަކޮށް ފުރަތަމަ ފަހަރަށް އަންހެނަކު ކައުންސިލަރުގެ މަގާމަށް ހޮވުމަކީ އެ ޕްރޮޖެކްޓަށް ފަހު ފެނުނު އެންމެ އުފާވި އެއް ބަދަލު ކަމަށް އޭނާ ބުނެއެވެ.
ގިނަ ހިދުމަތްތަކެއް ކޮށް ދިނުމުގެ އަމާޒެއްގައި ހުރި އައްޔަ އަކީ ޤުރްއާން މުދަރިއްސެއް ވެސް މެއެވެ. ރަށުގެ ޤުރުއާން ކުލާހެއްގައި ކިޔަވާ ދިނުމުގައި 6 މަސް ދުވަހު އޭނާ މަސައްކަތް ކުރުމަށް ފަހު ކިޔަވަން މާލެ ބަދަލުވާން ޖެހުމުން، މާލޭގައި ކުޑަކުދިންނަށް ޤުރުއާން ކިޔަވާ ދޭން ފެށިއެވެ. އަދި މާލެގައި އިމާމް ޑިޕްލޮމާ ކޯސް ހަދަމުން ދިޔަ ދުވަސްވަރު ޤުރުއާން ޓީޗިން ޑިޕްލޮމާ ކޯހެއްވެސް ފުރިހަމަ ކޮށް މާލޭގައި ގޭގެއަށް ގޮސް، އުމުރުން 6 އަހަރުން ފެށިގެން ބޮޑެތި މީހުންނާ ހަމައަށް އޭނާ ޤުރުއާން ޓިއުޝަން ނަގައިދީފައި ވާނެ ކަމަށް އައްޔަ ބުނެއެވެ. ރަށަށް ބަދަލު ވި ފަހުން ވެސް މާލެއިން ބައެއް މީހުން ޤުރުއާން ކިޔަވައިދިނުމަށް އެދޭތީ މިހާރު އެ ކުދިންނަށް ކިޔަވައިދެމުން އަންނަނީ ރަށުގައި ހުރެގެން އޮންލައިންކޮށް ކަމަށް އޭނާ ބުނެއެވެ.
މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން އިލްމު އުނގެނުމަކީ އައްޔަ ގަބޫލު ކުރާ "ފިލޯސަފީ" އެވެ. ޒުވާން ދުވަސްވަރު ލިޔުމަށް ވެސް ޝައުގުވެރިކަން ހުރި އައްޔަ އަކީ ކުރީގައި ނެރެމުން ދިޔަ "އައްޑުވަސް" އަދި "އުދަރެސް" މަޖައްލާގައި މަޒުމޫނާއި ބައެއް އާޓިކަލް ލިޔުނު މީހެކެވެ. އަދި "ޖަމާއަތުގެ ޚަބަރު" މަޖައްލާއަށް މަޒުމޫނާއި ޅެންތައް ވެސް ލިޔެފައި ވެއެވެ.
މިއަދު އޭނާއަށް އާދެވިފައި ހުރި ހިސާބަކީ އަދި ނިމުމެއް ނޫން ކަމަށް އޭނާ ބުނެއެވެ. ޕީއެޗްޑީއާ ހަމައަށް ތައުލީމް ހާސިލް ކުރުމަކީ އޭނާގެ ހުވަފެނެއް ކަމަށާއި، އަދި އޭނާއަށް ދަސްވެފައިވާ އިލްމެއް އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށް ދިނުމަކީ އޭނާގެ އެންމެ ބޮޑު އުއްމީދުކަމަށް ދެކެއެވެ. އަދި އޭނާގެ އަތުން ފޮތެއް ލިޔެ ޝާއިއު ކުރެވޭނެ ދުވަހަކީ އޭނާ އެންމެ އުފާވާނެ ދުވަސްކަމަށް ބުނެއެވެ. އެގޮތުން މިހާރު ވެސް ކިޔަވާ ކުދިންނަށް އެސައިންމެންޓް ހަދާ ދިނުމަށް އެހީތެރިވެ ދިނުމާއި މައުލޫމާތު ހޯދާ ދިނުމުގެ މަސައްކަތް ވެސް އައްޔަ ކުރަމުން ދާކަމަށް ބުނެއެވެ.
އަދުގެ ޒުވާނުންނަށް އައްޔަ ދޭން ބޭނުންވާ މެސެޖަކީ، އެއްވެސް ކަމެއް ކުރަން ބޭނުން ވިޔަސް ސީދާ އަރާ "ބޮންތީގައި" ނުހިފޭނެ ކަން ގަބޫލު ކުރުމަށެވެ. އެ ހިޔާލު ދޫކޮށްލާ ވަޒީފާއަށް ނިކުތް ކަމުގައި ވިޔަސް އެންމެ އާދައިގެ މަސައްކަތަކުން ފަށައިގެން ކުރިއަށް ދެވިދާނެ ކަމަށް ގަބޫލު ކުރުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ބުނެއެވެ. އައްޔަގެ ނަސޭހަތުގެ ބަސްތަކަކީ އަދުގެ ޒުވާނުންނަށް ހާއްސާކޮށްލި ބަސްތަކެކެވެ. އަދި އައްޔަގެ ތައުލީމީ ހާޔަތާއި މަސައްކަތުގައި އޭނާ ހޯދި ކާމިޔާބީގެ ވާހަކަތަކަކީ ވެސް ޒުވާން މި ޖީލަށް ރަނގަޅު ނަމޫނާއެއް ކަން ކަށަވަރެވެ.
އައްޔަ އަކީ ހަމަ އެކަނި ލިވަޕޫލަށް ސަޕޯޓްކުރާ މީހެއް ނޫން. މެންޗެސްޓަ ޔުނައިޓެޑް އަދި ރެއާލް މެޑްރިޑަށް ވެސް އައްޔަ ސަޕޯޓްކޮށްދޭ. ޖުމްލަކޮށް ހުރިހާ ފުޓްބޯޅަ ޓީމަކަށް ވެސް ސަޕޯޓް ކޮށް، އެޓީމްތަކުގެ ކުރިއެރުމަށް ވެސް މަސައްކަތް ކޮށްދޭ މީހެއް. އައްޔައަކީ އެކުވެރިންނަށް ވެސް ހެޔޮ، އަދި އަކުވެރިންގެ އަނބިންނަށް ވެސް އަޅާލާ ހެޔޮލަފާ މީހެއް. އައްޔަ އަށް އަދަށްވުރެން ފެހި މާދަމާއަކަށް އެދެން.
އައްޔަ އެކަމަކު ރެފްރީ ކެރިއަރ ނިންމާލީ ފީފާ މެޗެއްގައި ރެފްރީކަން ކޮއްނުލާދޯ؟ އެހެންނޫންނަމަ އައްޔަ އަސްލު ވަރައް ގަދަ މީހަކަށްވާނެ. ދެންއެންމެ އުންމީދު ކުރެވެނީ އައްޔައަށް ރައީސުލް ޖުމްހޫރިއްޔާގެ ހާއްސަ އެވޯޑެއް ލިބޭނެ ދުވަހަކަށް. އައްޔަ އަކީ ވަރަށް ރަނގަޅު މަތިވެރި އަޙްލާގެއްގެ ވެރިއެއް. އައްޔައަށް އުފާފާގަތި ކަމާއި ބާއްޖަވެރި ކަމާއި ގިނަ އަނބިންނާއި ގިނަ ދަރިންދެއްވާ އަދި އައްޔައަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށި، ވަލްޙަމްދު لله ވަރަށް ބޮޑައް ޝުކުރިއްޔާ!
އައްޔަ އަކީ ސަކަ މިޒާޖެއްގެ މީހެއް.ވަރައް ހެޔޮ މީހެއް.މައްސަލަޔަކީ މާއަވަހައް ރުޅި އަންނާތީ.ޑްރީމް އަކީ ދެއަބިން ކަމައް ވާއިރު އައްޔަ އަކީ ބާަސާަގެ ވެސް ހާރޑް ކޯ ފޭން އެއް އި ސިޓީގަވެސް.