މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓް މެދުވެރިކޮށްވެސް މިހާރު ފިތުރު ޒަކާތް ދައްކޭނެ ކަމަށް އެ މިނިސްޓްރީ ބުނެފިއެވެ.

މިނިސްޓްރީއިން ބުނީ ފިތުރު ޒަކާތް ބަލައިގަތުން އޮންލައިންކޮށްވެސް ހަމަޖެހިފައިވަނީ ދިރާގުގެ ދިރާގުޕޭ، އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް މި ރޯދަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

ރޯދަ މަހުގެ ފުރަތަމަ 11 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސަރަހައްދުން 878،646.00 ރުފިޔާ ލިބިފައިވާއިރު މިހާތަނަށް 19523 މީހުން ވަނީ ޒަކާތް ދައްކާފައެވެ. އޭގެ ތެރޭގައި މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރުތަކަށް ޒަކާތް ދައްކާފައިވަނީ 4956 މީހުންނެވެ. އަދި އޮންލައިންކޮށް ޒަކާތް ދެއްކީ 14567 މީހުން ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ޒަކާތް ބަލައިގަތުން މިނިސްޓްރީގެ ހޯލުންވެސް ކުރިއަށްގެންދާއިރު އެ އިންތިޒާމު ހަމަޖެހިފައިވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ޒަކާތް ބަލައިގަންނަމުން ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10 އަކުން މެންދުރު 1 އާ ހަމައަށެވެ.

މިނިސްޓްރީން ބުނީ މިއަހަރުގެ ފަގީރުންގެ ލިސްޓުގައި ހިމެނެނީ 8984 މީހުން ކަމަށެވެ. ފަގީރުންގެ ދަފްތަރު އަޕްޑޭޓްކޮށްފައިވަނީ މިހިނގާ ރޯދަ މަސް ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިން ކަމަށާއި މިދިޔަ އަހަރު ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނީ 7778 މީހުން ކަމަށް މިނިސްޓްރީން ބުނެއެވެ.