ރޯދަ މަހުގެ ފުރަތަމަ 11 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސަރަހައްދުން 878،646.00 ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިހާތަނަށް 19523 މީހުން ޒަކާތް ދައްކާފައިވާއިރު މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރުތަކަށް ޒަކާތް ދައްކާފައިވަނީ 4956 މީހުންނެވެ. އަދި އޮންލައިންކޮށް ޒަކާތް ދެއްކީ 14567 މީހުން ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު، މި މުއްދަތުގައި ޒަކާތުގެ ގޮތުގައި 899،031.00 ލިބިފައިވާއިރު 2020 ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1،942،201.00 ރުފިޔާއެވެ.

މިދިޔަ އަހަރުގެ ރޯދަ މަހުގެ މި މުއްދަތުގައި ޖުމްލަ 20،863 މީހުން ޒަކާތް ދައްކާފައި ވާއިރު މީގެ ތެރެއިން 17،858 މީހުން ޒަކާތް ދައްކާފައިވަނީ އޮންލައިންކޮށެވެ. މި މުއްދަތުގައި 3005 މީހުން ޒަކާތް ދައްކާފައިވަނީ މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރުތަކަށެވެ.

ޒަކާތް ބަލައިގަތުން މިނިސްޓްރީގެ ހޯލުންވެސް ކުރިއަށްގެންދާއިރު މި އިންތިޒާމު ހަމަޖެހިފައިވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ޒަކާތް ބަލައިގަންނަމުން ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10 އަކުން މެންދުރު 1 އާ ހަމައަށެވެ.

ފިތުރު ޒަކާތް ބަލައިގަތުން އޮންލައިންކޮށްވެސް ހަމަޖެހިފައި ވާއިރު، ދިރާގުގެ ދިރާގުޕޭ، އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް ރޯދަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ފިތުރު ޒަކާތްދެއްކޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ.

ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮންނެވެ.

މިނިސްޓްރީން ބުނީ މިނިސްޓްރީގެ ކައުންޓަރުތަކުން ޒަކާތްބަލައިގަތުން ރޯދަ މަހުގެ އެންމެފަހު ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކުރިއަށް ދާނެ ކަމަށެވެ.

ފިތުރު ޒަކާތް ބަހާނީ ރޯދަ މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. ފިތުރު ޒަކާތް ދޭނީ ފަގީރުންގެ ލިސްޓުގައިވާ މީހުންނަށެވެ.

މިނިސްޓްރީން ބުނީ މިއަހަރުގެ ފަގީރުންގެ ލިސްޓުގައި ހިމެނެނީ 8984 މީހުން ކަމަށެވެ. ފަގީރުންގެ ދަފްތަރު އަޕްޑޭޓްކޮށްފައިވަނީ މިހިނގާ ރޯދަ މަސް ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިން ކަމަށާއި މިދިޔަ އަހަރު ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނީ 7778 މީހުން ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީގެ ވެބްސައިޓުގެ (ޒަކާތް ދެއްކުން) ކެޓަގަރީ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް ޕޯޓަލްތަކަށް ވަދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.