މަސްވެރިން ބާނާ މަސް ނުކިރި، ގއ. ކޫއްޑޫ ފަޅުގައި މަސްވެރިން އިހުތިޖާޖު ކުރާތާ އެތައް ގަޑިއިރެއް ވެގެން ދިޔަ ފަހުން، މަސްކިރަން ގޮސް އޮތް ހުރިހާ ދޯންޏެއްގެ ހުރިހާ މަހެއް ކިރާ ގޮތަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުން މިރޭ އާންމު ކުރި ކުރު ބަޔާނެއްގައި ބުނީ، މިހާރު މަސް ކިރަން ފަށާފައި ވާ ކަމަށާއި، މިވަގުތު ކޫއްޑޫ ފަޅުގައި އޮތް ހުރިހާ ދޯންޏެއްގެ ހުރިހާ މަހެއް ކިރާނެ ކަމަށެވެ.
އަދި މަސްވެރިންނަށް އެއްބަސްވެވޭ ގޮތަށް ކިޔު ތަރުތީބެއް ހަދާ މަސްވެރިންނަށް އަންގާފައި ވާ ކަމަށާއި އެ ތަރުތީބުން މަސްކިރޭނެ ދުވަސް މިހާރު މަސްވެރިންނަށް އެނގޭނެ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. ރައީސް އޮފީހުން މިރޭ އާންމު ކުރި ބަޔާނުގައި އިތުރަށް ބުނީ، މަސްކިރާ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ މިފްކޯގެ މަޝްވަރާގެ މަތިން ކަމަށެވެ.
ރާއްޖެއަށް މަސްވެރިކަން ރަނގަޅު މި ދުަވސްވަރު، ހާއްސަކޮށް ދެކުނުގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ ކޮންމެ ދޯންޏަކުން 20-30 ޓަނުގެ މަސް ދަނީ ބާނަމުންނެވެ.
މަސްވެރިން ބާނާ ހުރިހާ މަހެއް ކިރުވޭނެ އިންތިޒާމް މިފްކޯއަށް ހަމަ ނުޖެއްސި މައްސަލަ ގޯސްވެ، މަސްދޯނިތަކުން ވަނީ ހަޅުތާލުވެސް ކޮށްފައެވެ. ހުސްވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މައްސަލަތައް ފެންމަތިވެ، އިތުރަށް ގޯސްވީ ކޮންމެ ދޯންޏަކުންވެސް ކިރާނީ 5 ޓަނު ކަމަށް މިފްކޯއިން ބުނުމުންނެވެ.
އެހެންނަމަވެސް މިއަދު ބޭއްވި ބައްދަލުމަކުން އެ އުސޫލު ބަދަލު ކޮށް ކިޔު ތަރުތީބުން ކޮންމެ ދޯންޏެއްގައި ހުންނަ ހުރިހާ މަހެއް ކޫއްޑޫގެ ކެޕޭސިޓީ ފުލް ވަންދެއް ކިރުމަށް ނިންމިއެވެ. އެގޮތަށް ބަދަލުކޮށް މަސް ކިރަން ފެށިތަނާ އައި ދޯންޏަކުން، މަސްނުކިރޭނެ ކަމަށް ބުނެ ކައްޓާ މައްޗަށް އަރާ ތިބުމުން މަސްކިރުން ވަގުތީ ގޮތުން މިރޭ ހުއްޓާލިއެވެ.
ރާއްޖޭގައި މަސްވެރިކަމަކީ މޫސުމީ ކަމަކަށް ވާއިރު މަސް ތިޔާގިވެ ބާނާ އަދަދު ގިނަވާކަން މިފްކޯއަށް އެނގޭ އިރުވެސް ދުރާލާ މައްސަލައަށް ހައްލެއް ހޯދިފައި ނުވާކަން ފާހަގަ ކުރެވެއެވެ.