މާލޭގެ މަގުމައްޗަށް ނެރޭ ހުރިހާ ކުންޏަކީ ކައުންސިލުން އުކާލަން ޖެހޭނެ ތަކެތި ކަމަށް ދެކި، އެ ތަކެތި މަގުމައްޗަށް ނެރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ މަގުމަތީގައި ހުންނަ ކުނި ނުނަގާތީ ބައެއް އާންމުން ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ ކުރިންވެސް ބައެއް ގޭގެ ކައިރީގައި ކުނިތައް ފުނި ޖަހާފައި ހުރުމުގެ ސަބަބުން އާންމުންގެ ތެރެއިން ގިނަ މީހުންނަށް އެކި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. މިއަދުވެސް ބައެއް މީހުން ވަނީ މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް މުއިއްޒު ހައްދަވާފައިވާ ވައިބާ ޗެނަލްގައި އެކަމާ ގުޅޭ ޝަކުވާތައް ހިއްސާ ކޮށްފައެވެ.

އެގޮތުން އެކަކު ވަނީ ކުނި އަޅާ މީހުން ފަރުދީ ޒިންމާ އަދާނުކުރަނީ ކީއްވެތޯ ސުވާލު ކޮށްފައެވެ. އަދި ކުނި އަޅާ މީހުން މިފަދަ ކަންކަން ނުހުއްޓާހާ ހިނދަކު އެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް އޭނާ ބުންޏެވެ.

ވަކި ވަރެއް ދެއްތޯ ކުރެވޭނީ. ކުނި އަޅަމުން ދާ މީހުން ކިހިނެއްތޯ ވާނީ ފަރުދީ ޒިންމާ އަދާ ކޮއްލެއްވިއްޔާ؟.... ކުނި އަޅާ މީހުން މިކަން ނުހުއްޓާހާ ހިނދަކު މިކަމެއް ހައްލެއް ނުކުރެވޭނެހެން ހީވަނީ."

އެހެން މީހަކު ބުނި ގޮތުގައި ވެމްކޯއަށް ފުދޭވަރަކަށް ފަހަރު ގުޅައި މައްސަލަ ޖެއްސި ނަމަވެސް، ކޮންމެ ފަހަރަކުވެސް ބުނަނީ އެ މައްސަލަ ބަލަމުންދާ ވާހަކައެވެ. އޭނާ ދެކޭ ގޮތުގައި ވެމްކޯއިން ދަނީ އާންމުންނަށް ޖެއްސުން ކުރަމުންނެވެ.

"ވެމްކޯ މީހުން މިއީ ޖެއްސުންކުރާ ބައެއް ހަމަ. ގޭންވެސް ކުނި ނަގަނީ އެއްނޫން. ބައެއް މީހުން ގެންގުޅޭ ޓްރޮލީ ފުރުނީމަ ދަނީ ދެން ގޭގަ ހުރި ކުނި ނުނަގާ. މައްސަލަ ޖައްސައިފިން ފަސް ފަހަރު ގުޅާފަ. ބަލާލަ ދޭނަން ބަލާލަ ދޭނަން ބުނަނީ."

މި ކަންބޮޑުވުންތަކަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވީ، މާލޭގެ އެކި ގެތަކުން ހަލާކުވެފައި ހުރި ސޯފާތަކާއި ފަރުނީޗަރު ފަދަ ތަކެތި ބަހައްޓާފައި ހުންނަކަން ފާހަގަވާ ކަމަށާއި، މިގޮތަށް މަގުމަތީގައި އާންމުން ކުނިތައް ބަހައްޓަނީ ވެމްކޯގެ ހިދުމަތްތައް ހުންނަ ގޮތުން އާންމުންނަށް ދަތިވުމުންނާއި އެ ކޯޕަރޭޝަނުން ދޭ ހިދުމަތްތަކުގެ އަގުތައް ބޮޑުވުމުން ކަމަށެވެ.

ނަމަވެސް މިފަދަ އެއްވެސް ސަބަބަކާ ހެދި މަގުމަތީގައި މިފަދައިން ކުނިބުނި ބެހެއްޓުން ހުއްދަނޫން ކަމަށް މޭޔަރު ވިދާޅުވިއެވެ.

"މަގުތަކަކީ ސާފުތާހިރުކޮށް ބޭއްވުމަކީ އެންމެންގެ ފަރާތުން އެންމެނަށް ކޮށްދޭ ކަމެއްގެ ގޮތުގައި ދެކެންވާނެ." މުއިއްޒު ވިދާޅުވިއެވެ.

"މާލެ މަގުމައްޗަށް ނެރޭހާ ކުންޏަކީ ކައުންސިލުން އުކާލަން ޖެހޭނެ އެއްޗެއް ކަމަށް ދެކި އެންމެން ހުރިހާ ކުންޏެއް މަގުމައްޗަށް ނެރުމަކީ ރަނގަޅު ގޮތެއްނޫން ކަން އަޅުގަނޑުމެން ގަބޫލް ކުރަންވާނެ."
މުއިއްޒު

އެހެން ނަމަވެސް، ކައުންސިލްގެ ގާބިލްކަން ހުރި މިންވަރަކުން މަގުމަތީގައި ހުންނަ ކުނިބުނި ނަގައި، މާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.

ދޭތެރެ ދޭތެރެއިން މާލޭގެ މަގުތަކުގައި ކުނި ކޮތަޅުތައް ބަހައްޓާފައި ހުންނައިރު، ކުނި ކޮތަޅުތައް އުކާނުލާ ހުރުމުން، އާންމުންގެ ތެރެއިން ބައެއް މީހުން އެކަމާ ގުޅޭ ޝަކުވާތައް ދޭތެރެ ދޭތެރެއިން ކުރެއެވެ. އެ މައްސަލާގައި ބައެއް މީހުން ކުނި ކޮތަޅުތައް ހިފައިގެން ވެމްކޯގެ ސަރަހައްދަށް ގޮސް އުކާލައެވެ. އެފަދަ ޝަކުވާ ލިބެމުންދާ ކަމަށް ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވެއެވެ.