އަރިދަފުސް ރޯގާ ޖެހިފައިވާ މީހުންގެ އަދަދު މިދިޔަ މަހު ދަށްވެފައި ވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ފެބްރުއަރީ މަހު އަރިދަފުސް ރޯގާ ޖެހިގެން 16125 މީހުން ދެއްކި އިރު، މިދިޔަ މަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން ދައްކާފައި ވަނީ 14399 މީހުންނެވެ.

މީގެ އިތުރުން ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު އިތުރުވެފައި ވާކަން އެޗްޕީއޭއިން ވަނީ ފާހަގަ ކޮށްފައެވެ.

އަރިދަފުސް ރޯގާއިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަރިދަފުސް ރޯގާގެ އިތުރުން ޑެންގޫ ހުމަށް ބަލާއިރު މިދިޔަ ފެބްރުއަރީ މަހު ޑެންގޫ 24 ކޭސް ރިޕޯޓް ކޮށްފައި ވެއެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ޑެންގޫ ޖެހިގެން 26 މީހަކު ވަނީ ރިޕޯޓުކޮށްފައެވެ.

އޭގެ އިތުރުން ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މިހާތަނަށް ޑެންގޫ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު އެއްވަރެއްގައި ހުރި ކަމަށް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ބޭރަށް ހިނގުމާއި ހޮޑުލުމުގެ ކޭސްތަކަށް ބަލާއިރު މިދިޔަ ފެބްރުއަރީ މަހު 2730 ކޭސް ރިޕޯޓް ކޮށްފައި ވެއެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ރިޕޯޓްކޮށްފައި ވަނީ 2063 ކޭސްއެވެ.

އެޗްޕީއޭ އިން ވަނީ ސިއްހީ ގޮތުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކަކުން ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައެވެ.