ދެކުނުގެ އަތޮޅިތަކުގައި މި ދުވަސްވަރު މަސްވެރިކަން ރަނގަޅުވެފައިވާ މި ދުވަސްވަރު މިފްކޯއިން މަސް ކިރުމުގައި ކޮންޓްރޯލެއް ގެންގޫޅޭތީ އެކަން އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ. ކުއްލި މައްސަލަ ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވުލުމުން އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ. އަދި މައްސަލަ ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވީ 41 މެންބަރުންނެވެ. އެހެންކަމުން މަޖިލީހުން ވަނީ އެ މައްސަލަ ބޭރު ކޮށްލާފައެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ ދެކުނުގެ މަސްވެރިކަން ރަނގަޅުވެފައި ވަނިކޮށް ސަރުކާރުގެ މަސް ކުންފުނި މިފްކޯ އާއި އަމިއްލަ ކުންފުނިތަކުން ވެސް މަސް ގަންނަ އަދަދު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. މަސްވެރިން ބާނާ މަސް ކިރުމަށް މަސް ގަންނަ ބަނދަރުތަކުގައި ހަފްތާއެއްހާ ދުވަހު އެ ދޯނި ފަހަރުތައް މަޑުކޮށްގެން ތިބުމަށް ފަހު، ކިރަނީ ފަސް ޓަނުގެ މަސް ކަމަށާއި ބާކީ ނުކިރި ހުންނަ މަސް ޖެހެނީ އުކާލަން ކަމަށް އެ މައްސަލައިގައި ބުނެއެވެ. މިހެން ކަންދިމާވެ، ހަރަދު ދެކޮޅޫ ނެޖެހުމުން މަސްވެރިން މަހަށް ނުފުރާ ކަމަށާއި މަސްވެރިންނަށް ފައިސާ ލިބުން ދަތިވެ މަސްވެރިންގެ އާއިލާތަށް ނިކަމެތިވަމުން އަންނަ ކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ.

ހަމައެއާއެކު މަހަށް ދިއުމަށް ބޭނުންވާ ޑީސަލް ވެސް ލިބުމުގައި ދަތިތަކެއް ހުރި ކަމަށާއި މަސްވެރިންނަށް ސަރުކާރުން ވީވައުދުތައް ވެސް ނުފުއްދާ ކަމަށާއި އަދި މަސް ގަންނަ ސަރުކާރު ކުންފުނިތަކުގެ ކެޕޭސިޓީ އިތުރު ނުކުރެވި ކޮންމެ އަހަރަކު މަސްވެރިން ބާނާ މަސް ގަތުމުގައި ދިމާވާ މައްސަލަތައް ތަކުރާރުވަމުންދާ ކަމަށް ވެސް އެ މައްސަލައިގައި ފާހަގަ ކޮށްފައި ވެއެވެ. އެހެންކަމުން މައްސަލަތައް ހައްލުކޮށް މަސް ގަތުމުގެ ކޮންޓްރޯލް އުވާލުމަށް ގޮވާލާފައި ވެއެވެ.

މަސްވެރިން ބާނާ މަހުގެ ކޮންޓްރޯލް އުވާލުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި މިވަނީ މިފްކޯ އާއި ބައެއް އަމިއްލަ ކުންފުނިތަކުން ކޮންޓްރޯލް ކޮށްގެން މަސް ގަންނަމުންދާ ދުވަސްކޮޅެއް ގައެވެ. މިފްކޯ އިން މިހާރު މަސް ގަންނަނީ ދޯންޏަކުން ފަސް ޓަނެވެ.