ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގެ މަސްރަހުން ލިބެމުންދާ އެންމެ ފަހުގެ ހަބަރުތަކަށް ބަލާއިރު މުޅިންހެންވެސް ފާހަގަ ކުރެވެމުން ދާނީ ސްރީލަންކާއާއި ޕާކިސްތާނުގެ ސިޔާސީ މަސްރަހަށް ލޮޅުންތަކެއް އަރާ ވާހަކައިގެ އަޑެވެ. ދާހިލީ މައްސަލަތަކެއް ކަމުގައި ހީވި ނަމަވެސް، 2 ގައުމުގެ މަސްރަހުގައިވެސް އާންމު އެހެން 2 ގައުމެއްގެ ވާހަކަ އޮވެއެވެ. ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކުގެ ލިސްޓުގެ ކުރިން ޖާގަ ހޯދަން ވަކާލާތު ކުރަމުން އަންނަ ޗައިނާއާއި އިންޑިއާގެ ވާހަކައެވެ. ޗައިނާގެ ދަރަނި ދަންތުރާގައި ޖެހި، ޣަރަގު ވަމުންދާ ގައުމުތަކުގެ ދިފާއަށް ތެދުވުމުގެ ނަމުގައި އިންޑިއާ އެއްލާ ކްރެޑިޓް ލައިން "ނަނު"ގެ ވާހަކައެވެ.

ނޭޕާލްގެ ބޮޑުވަޒީރު ޝޭރް ބަހާދުރު ޑިއުބާ ދާދި ފަހުން އިންޑިއާ ކުރެއްވި ދަތުރުފުޅުގައި، ޗައިނާގެ ހާރިޖީ ވަޒީރު ވޭންގް ޔީ، ކަތުމަންޑޫއަށް ކުރެއްވި ޒިޔާރަތުގެ ވާހަކަ ހިއްސާ ކުރެއްވިއެވެ. ވޭންގްގެ ދަތުރުފުޅުގައި ޑިއުބާ ދެންނެވި ކަމަށް ވަނީ، ޗައިނާގެ ފަރާތުން ނޭޕާލްއަށް ބަލައިގަނެވެން އޮތް ހަމައެކަނި އެއްޗަކީ އެހީ ކަމަށެވެ. ލޯނު ނޫން ކަމަށެވެ. ހަގީގަތަށް ބަލާއިރު ޗައިނާއިން ފަތުއަޑު އިއްވާ ގުގުމަމުން ގެންދާ "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" ނުވަތަ (ބީއާރްއައި)، އެހެން ގޮތަކަށް އިބާރާތް ކުރަނީ ނަމަ ދަރަނި ދަންތުރައިގެ އެއްވެސް ބާބެއްގައި ނޭޕާލުންން ސޮއި ކޮށްފައެއް ނުވެއެވެ.

ޗައިނާގެ އެލުމިނިއަމް ކާރުހާނާއެއް ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ޗައިނާ ޑައެލޮގް

ޗައިނާއިން ދެކުނު އޭޝިއާ ސަރަހައްދަށް ދޫކޮށްފައިވާ ދަރަނި، 4 ބިލިއަން ޑޮލަރުން 40 ބިލިއަން ޑޮލަރަށް އިތުރުވެފައި ވާ އިރު، ސްރީލަންކާއާއި ޕާކިސްތާނު އޮތް ހާލަތު ފެނި، އިތުރު މަޅިއެއްގައި ނުބެދުމަށް ނޭޕާލްއިން ނިންމީއެވެ. ޕާކިސްތާނުން ބޭރުގެ ގައުމުތަކަށް ދަރާފައިވާ ދަރަނީގެ 10 ޕަސެންޓް ހިއްސާ ކުރަނީ ޗައިނާއެވެ. ނަމަވެސް ޕާކިސްތާނުގައި މިއަދު ނިއުޅިފައިވާ ސިޔާސީ ހަލަބޮލިކަމުގެ މަސްރަހާއެކު، މާމުޔާއި ކިރު ފަދަ ފޮނި ގުޅުމުގައި ހިތި ރަހަ ލާން ފަށާފައި ވާ ކަމަށްވެސް ދެންނެވިދާނެއެވެ.

ސްރީލަންކާގެ މަސްރަހުންވެސް އިވެމުންދަނީ ދާދި އެއް އަޑެކެވެ. އިގުތިސޯދީ އަދި މާލީ ހީނަރުކަމެއްގެ ތެރެއަށް ގައުމު ވެއްޓި، ޒަރޫރީ މުދާ ހޯދޭނެ ދޮރުތައް ބަންދު ވަމުން ދާއިރު، އިންޑިއާއަށް އިލްޒާމްގެ އިނގިލި އަމާޒު ކުރާނެ ފުރުސަތެއް ނެތެވެ. މަސްރަހުގައި ކަން ހިނގާފައި ވާ ގޮތަށް ބަލާއިރު ތުހުމަތު އަމާޒުވަނީ ލަންކާގައި ވެރިކަން ކުރަމުން ގެންދާ ރާޖަޕަކްސަ އާއިލާއަށެވެ. އުމްރާނީ ތަރައްގީގެ މަޝްރޫއުގެ ނަމުގައި ބޮޑު އިންޓްރެސްޓް ރޭޓެއްގައި ޗައިނާއިން ނެގި ދަރަނިތަކުގެ މަތިން ހަނދާން ނައްތާލެވޭކަށް ނެތެވެ. ރާޖަޕަކްސަގެ އާއިލާއިން އެ ގައުމުގައި ކުރަމުންދާ ވެރިކަމާ ދެކޮޅަށް މަގުތަކަށް ނިކުމެ ތިބުން ނޫން ގޮތެއް މިއަދު ލަންކާގެ އާންމުންނަކަށް ނެތެވެ.

2017 ވަނަ އަހަރުގެ ތެރޭގައި 99 އަހަރަށް ސްރީލަންކާއިން ޗައިނާއަށް ލީޒްކޮށްފައިވާ ހަމްބަންޓޯޓާ ޕޯޓް/ފޮޓޯ: ޑަބްލިއުޑަބްލިއުޓީ

ޕާކިސްތާނާއި ލަންކާގައި އުފެދިގެން އުޅެނީ އިގުތިސޯދީ މައްސަލަތަކެއް ކަމުގައި އެއްލާ ކަޅިއަކުން ހީވި ނަމަވެސް، ގުޑުން އަރާފައިވަނީ ސިޔާސީ މައިދާނަށެވެ. ބަލިކަށިވެފައި ވަނީ ވެރިކަން ހިންގުމުގެ ނިޒާމެވެ. މިއީ ދިވެހިރާއްޖެއާއި ނޭޕާލްގެ އިތުރުން ބަންގްލަދޭޝް ފަދަ ގައުމުތަކުން، ޗައިނާގެ އުމްރާނީ ތަރައްގީގެ މަޝްރޫއުގެ ލޯނުތަކަށް ވިކުމުގެ ކުރިން ވިސްނާލަން ރަނގަޅު ކަމެއް ކަމުގައި ދެންނެވުމަކުން ގޯހެއް ނެތެވެ.

ފުންމިން ނޭނގޭ އިގުތިސޯދީ އަދި މާލީ ހީނަރުކަމުގެ އަނދަވަޅެއްގައި ސްރީލަންކާ ޣަރަގު ވަމުން ދާ އިރު، އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތުތަކާ ޖެހެންދެން ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި ހުންނެވި އިމްރާން ހާން، އެ ގައުމުގެ ސިޔާސީ ކުޅިބައި "ތަރުތީބު" ކުރައްވަމުން ގެންދެވީ ޒާތީ މަންފާ އިސްކުރައްވައިގެންނެވެ.

އާންމުންގެ ލޯބި ހޯއްދަވާނެ ދޮރުތައް ބަންދުވުމުން ހިޔާރު ކުރެއްވީ އިތުރު ބަޔަކަށް އިލްޒާމްގެ އިނގިލި އަމާޒު ކުރައްވާށެވެ. ޕާކިސްތާނުގެ ވެރިކަމާ ތޮޅެމުން ދަނީ އެމެރިކާ ކަމަށް ތުހުމަތު ކުރެއްވިއެވެ. ބައިނަލްއަގުވާމީ ސިޔާސީ މަސްރަހުގެ ކުޅި ބަޔަށް ބަލާއިރު، ޔޫކްރައިންއަށް އަރާ ރަޝިއާއިން ކުރަމުން ދާ ހަނގުރާމައަކީ މިވަގުތު އެމެރިކާގެ ރާޑަރު އެދިމާއަކަށް ހުއްޓިފައިވާ މިސްރާބުކަން ހަމަ ކޮންމެ މީހަކުވެސް ގަބޫލު ކުރާނެއެވެ.

އޭޕްރިލް 9، 2022 ވީ ހޮނިހިރު ދުވަހު ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުން ދުރުކުރައްވާފައި ވާ އިމްރާން ހާން / ފައިލް ފޮޓޯ: ފަސްޓް ޕޯސްޓް

ކަން މިހެން އޮތް އިރު ސްރީލަންކާއަކީ އިންޑިއާއާއި ޕާކިސްތާނުގެ ޒަމާންވީ ކޯޅުމުގެ މެދުގައި ބެދިފައި އޮތް ގައުމެއްކަން ހަނދާން ނައްތާލެވޭކަށް ނެތެވެ. 2016 ވަނަ އަހަރުގެ ސާކް ސަމިޓްގައި ޓެރަރިޒަމްގެ އިލްޒާމުގައި އިންޑިއާއިން އެ ބައްދަލުވުން ބޮއިކޮޓް ކުރި އިރު އޭގެ ފަހަތުން އެހެން ގައުމުތަކެއްވެސް އެކަން ކުރިއެވެ. ނަމަވެސް 2016 ވަނަ އަހަރުގެ ސަމިޓް ކެންސަލް ކުރަން ޖެހުނީ ސްރީލަންކާއިންވެސް ބައްދަލުވުމަށް ނުދާން ބުނި ހިސާބުންނެވެ. އިންޑިއާއިން އެކަން މާނަ ކުރީ އިންޑިއާއިން ޖަހަމުންދިޔަ، ޕާކިސްތާނަކީ ޓެރަރިސްޓް ދައުލަތެއް ކަމަށް ބުނާ ބެރަށް ލަންކާއިންވެސް ނަށަނީ ކަމުގައެވެ. ނަމަވެސް ލަންކާއިން އަދި މުޅިއަކުން އެކަމަކާ ރުހޭ ގޮތެއް ނުވިއެވެ. 2017 ވަނަ އަހަރު ޕާކިސްތާނަށް ތާއީދު ކޮށް، ސަމިޓް ހޮސްޓް ކުރަން ލަންކާއިން ހުށަހެޅިއެވެ.

ދާދި ފަހުންވެސް އެފަދަ ކަމެއް ހިނގައިފިއެވެ. ބޮޑުވަޒީރު ކަމުގައި ހުންނަވައިގެން ލަންކާގެ މަޖިލީސް ކުރާ ގޭގައި އިމްރާން ދެއްވަން އުޅުއްވި ތަގުރީރު ކެންސަލް ކުރެއްވީ ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށެވެ. ތުހުމަތުގެ އިނގިލި އަމާޒުވީ އިންޑިއާއަށެވެ. ކޮވިޑް-19ގެ ހާލަތުގައި ކަމަށް ބުނެ، އިމްރާންގެ ތަގުރީރު ކެންސަލް ކުރީ ސްރީލަންކާއިން ކަމަށް ޕާކިސްތާނުން ބުނެއެވެ. ނަމަވެސް ސްރީލަންކާއިން ވަނީ ޕާކިސްތާނުން ތާއީދު ކުރަމުން ދިޔަ ގޮތަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ކޮވިޑްގައި މަރުވާ މުސްލިމުންގެ ގަބުރު ނައްތާލުމުގެ ކަންކަމަށް ލަންކާ ސަރުކާރުން ގެނައި ބަދަލު ފާހަގަ ކުރަން ޖެހެއެވެ.

ގަބުރު އަންދާ މައްސަލާގައި ލަންކާގައި ކުރި މުޒާހަރާގެ ތެރެއިން / ފޮޓޯ: އަދާދޭރަނާ

ޕާކިސްތާނާއި ލަންކާގެ ސިޔާސީ މަސްރަހު ހަލަބޮލިކަމެއްގެ ތެރޭގައި އޮތް އިރު، އެ ޕްރެޝަރުގައި އެންމެ ފުރަތަމަ ގޮނޑިކޮޅު ގެއްލިވަޑައިގަތީ އިމްރާންއަށެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ކުރީގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ އިމްރާން ހާންއާ ދެކޮޅަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ، ބޮޑުވަޒީރު ކަމުގެ މަގާމުން އޭނާ ދުރުކުރައްވައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުން އިމްރާން ދުރު ކުރައްވާފައި ވަނީ 174 މެންބަރުންގެ ވޯޓުންނެވެ. އިމްރާން ތުހުމަތު ކުރައްވާ ގޮތުގައި ބޮޑުވަޒީރު ކަމުގެ މަގާމުން އޭނާ ހަވާސާ ކުރުމުގައި އިދިކޮޅު ފަރާތްތަކަށް އެމެރިކާގެ ނުފޫޒު ވަނީ ފޯރާފައެވެ.

ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ސަބަބުން ކުރިމަތިވި އިގުތިސޯދީ ވޭންވަރުން ގައުމު ސަލާމަތް ކުރެއްވުމަށް އިމްރާން ފެއިލްވެވަޑައިގެންފައި ވާ ކަމަށެވެ. އަދި ޕާކިސްތާނަކީ ކޮރަޕްޝަނުން ސަލާމަތް ވެފައިވާ ގައުމަކަށް ހައްދަވާނެ ކަމަށް އިމްރާން ވެވަޑައިގެންފައިވާ ވައުދުފުޅުވެސް ފުއްދަވާފައި ނުވާ ކަމަށެވެ.

އޭޕްރިލް 9، 2022 ވީ ހޮނިހިރު ދުވަހު ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުން ދުރުކުރައްވާފައި ވާ އިމްރާން ހާން / ފައިލް ފޮޓޯ: ރޭޑިއޯ ފްރީ ޔޫރަޕް

ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް އިންތިހާއަށް ހީނަރުވެފައި ވާ އިރު، ކާބޯތަކެއްޗާއި، ގޭހުގެ އިތުރުން ބޭސްފަރުވާ ފަދަ ޒޫރީރީ މުދާ ލިބުން ވަނީ ދަތިވެފައެވެ. ސްރީލަންކާގެ ސިއްހަތާ ބެހޭ އެންމެ މަތީ ޖަމިއްޔާއިން ވަނީ އެ ގައުމުގައި ސިއްހީ ކުއްލި ނުރައްކާވެސް އިއުލާން ކޮށްފައެވެ. ލަންކާއިން މިހާރު ތަޖުރިބާ ކުރަމުން ދާ މާލީ އަދި އިގުތިސޯދީ ކާރިސާއަކީ އެ ގައުމުގެ ތާރީހު ދުށް އެންމެ ގެއްލުން ބޮޑު ކާރިސާއެވެ. ކޮންމެ ދުވަހަކުމެހެން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަންޖެހެއެވެ. ހަކަތައާއި ކައްކާ ގޭސް ގަތުމަށްޓަކާ، ކޮންމެ ދުވަހަކުވެސް އެތައް ކިލޯމީޓަރަކަށް ދެމިގެންދާ ކިއުތަކުގައި މަޑު ކުރުމަށް، ދޮށީ އުމުރުގެ މީހުންނަށްވެސް އޮތީ މަޖުބޫރުވެފައެވެ.

ސްރީލަންކާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކާއެކު، އެ ގައުމަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ދަނީ އިންތިހާއަށް ދަށްވަމުންނެވެ. ބޭރުގެ އެކި ފަރާތްތަކަށް ލަންކާއިން ދަރާފައި ވާ ދަރިނަތައް ދައްކާ، ހަލާސް ކުރުމަށާއި އެ ގައުމަށް ބޭނުންވާ ޒަރޫރީ މުދާ ގަތުމަށް، ފަތުރުވެރިންގެ ފަރާތުން ލިބޭ ޑޮލަރަށް އެ ގައުމު ވަނީ ފެންބޮވައިގެންފައެވެ. އިގުތިސޯދީ މަސްރަހުގެ އިތުރުން ސިޔާސީ މަސްރަހަށް ކުރިމަތިވެފައިވާ ނުރައްކަލާއެކު ލަންކާއަށް ދަތުރު ކުރާނެ މީހުންގެ އަދަދު ދަނީ ހައްތަހާ މަދުވަމުންނެވެ.

ގޮތަބަޔާ (މ) އަދި މަހިންދާ (ވ) ގައި / ފޮޓޯ: އޭއެފްޕީ

އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިވެގެން އުޅެނީ ދެމެހެއްޓެނިވި އިން ފޫ އަޅުވާ، ގައުމީ އިގުތިސޯދު ގުރުބާން ކުރާ ދަރަޖައަށް އުފުލިފައިވާ ދަރަނިތަކުގެ ސަބަބުން، އެ ދަރިނަތައް ހަލާސް ކުރުމާ ގުޅިފައިވާ "ސޯލްވަންސީ" މައްސަލަތަކެއް ކަމަށް، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)ގެ ރިޕޯޓްގައި ވަނީ ބުނެފައެވެ.

ދެމެހެއްޓެނިވި އިމުން ބޭރުވެފައިވާ ސްރީލަންކާގެ ދަރަނީގެ ސަބަބުން، ކައިރި އަދި މެދު ރާސްތާގެ އިގުތިސޯދީ ހަމަޖެހުމަށް އަސަރު ފޯރާނެ ކަމަށް އައިއެމްއެފްގެ ރިޕޯޓްގައި ބުނެފައިވެއެވެ. އަދި ސްރީލަންކާއަށް ކުރިމަތިލާން ޖެހިފައި ވާ މައްސަލަތައް ހައްލު ކުރުމަށްޓަކާ ބޭރުގެ ފަރާތްތައް މެދުވެރިކޮށް ބޮޑެތި އަދަދުތަކުން މާލީ އެހީ ބޭނުންވާނެ ކަމަށާ، އެ ފައިސާ ހަލާސް ކުރުމަށްޓަކާ ގިނަ އަހަރުތަކެއް ބޭނުން ވާނެ ކަމަށްވެސް އައިއެމްއެފްއިން ވަނީ ފާހަގަ ކޮށްފައެވެ.

ދެކެވި މިދިޔަ ވާހަކަތަކަށް ބަލާއިރު އާންމުވާ ކަމަކީ ޕާކިސްތާނާއި ސްރީލަންކާއަށްވެސް ނުފޫޒުގަދަ ގައުމުތަކެއްގެ ހިޔަނި އެޅެމުން ދާ ކަމެވެ. އެއްބައެއްގެ ކިބައިން މިނިވަންކަން ހޯދާ ދިނުމުގެ ނަމުގައި އިތުރު ވިލާގަނޑެއް ބޯމަތި ކުރަމުން ދާ ކަމެވެ. ދެބަސްވެވެން ނެތް ހަގީގަތަކީ ސްރީލަންކާއާއި ޕާކިސްތާނަކީވެސް އަމިއްލަ ފައިމައްޗަށް ތެދުވެ އޮތް ދެ ގައުމު ކަމެވެ. އަމިއްލަ އިހުތިޔާރުގައި ކަންކަން ނިންމުމުގެ ބާރު ލިބިފައިވާ އިސްތިގުލާލީ ގައުމުތަކެއް ކަމެވެ. ވެރިކަމުގައި ތިއްބަވާ މަދު ބައެއްގެ މަންފާއަށް ސިޔާސީ ކުޅިބައި އަތުރައްވައިގެން ކުރިއަށް އެޅޭނެ އެންމެ ފިޔަވަޅެއްވެސް ނޯންނާނެ ކަމެވެ.