އާދީއްތަ ދުވަހަށް އަލިވިލެން ގާތްވެފައި ވަނިކޮށް ގާނޫނު ހަދާ މަޖިލީހުގައި ވޯޓު ނަގާ، ބޮޑުވަޒީރު ކަމުގެ މަގާމުން އިމްރާން ހާން ދުރުކުރެއްވުމަށްފަހު، ހުސްވެފައި ވާ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ހޯމަ ދުވަހުގެ ވަގުތެއްގައި ވޯޓަށް އަހާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ވަގުތީ ރައީސްގެ މަގާމުގައި ހުންނެވި އަޔާޒް ސޯދިގު ވިދާޅުވީ ޕާކިސްތާނުގެ އާ ބޮޑުވަޒީރަކު ހޮވާ ވޯޓުގެ ކަންކަމާ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން، ހޯމަ ދުވަހު ބައްދަލު ކުރާނެ ކަމަށެވެ.

އިމްރާންގެ ޕާކިސްތާން ތަހްރީކީ އިންސާފުގެ މެންބަރުން މިއަދުގެ މަޖިލީސް ޖަލްސާއަށް ހާޒިރުވެވަޑައިގެންފައި ނުވާ އިރު، ބޮޑުވަޒީރު ކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ކެނޑިޑަސީ ހުށަހެޅުއްވުމުގެ ސުންގަޑިއަކަށް ދީފައި އޮތީ މިއަދު ހެނދުނު ޖީއެމްޓީ ގަޑިން 06:00އެވެ.

ޕާކިސްތާނުގައި އެންމެ އަވަހަށްވެސް ދެން އާންމު އިންތިހާބެއް ބާއްވަން ތާވަލު ކޮށްފައި އޮތީ އޯގަސްޓް 2023 ގައެވެ. ނަމަވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ އަވަސ އިންތިހާބަކަށް ބޭނުން ވާ ކަމަށް ގޮވާލާފައެވެ. އަދި އެ އަވަސް އިންތިހާބު ވާން ވާނީ އިންތިހާބުގެ މިނިވަންކަމާއި އިންސާފު ހާމަ އިންތިހާބަކަށް ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.

1947 ވަނަ އަހަރު އިނގިރޭސިންގެ އަތުން ޕާކިސްތާނަށް މިނިވަން ކަން ލިބުނު ފަހުން އެ ގައުމުގެ ތާރީހުގައި އެއްވެސް ބޮޑުވަޒީރަކަށް ދައުރު ފުރިހަމަ ކުރެއްވިފައެއް ނުވެއެވެ. ނަމަވެސް އިމްރާންއަކީ ގާނޫނީ އިމުގެ ތެރެއިން، އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމުން ދުރުކުރެވުނު ފުރަތަމަ ބޮޑުވަޒީރެވެ.

ޕާކިސްތާނުގެ ސިޔާސީ މަސްރަހުން ލިބެމުންދާ އެންމެ ފަހުގެ ހަބަރުތަކަށް ބަލާއިރު ބޮޑުވަޒީރު ކަމުގެ މަގާމުން ފެނުން އެންމެ ގާތީ އިދިކޮޅު ލީޑަރު ޝަހްބާޒް ޝަރީފުއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުން އިމްރާން ދުރުކުރެވުނު ކުރުމަކީ އާ ފެށުމެއް ކަމަށް ޝަހްބާޒް ވަނީ ސިފަ ކުރައްވާފައެވެ.