ސައުދީން ރާއްޖެއަށް ހަދިޔާކުރާ ކަދުރު ފަހު ދިހައިގެ ތެރޭ ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އާންމުކޮށް ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ސައުދީން ކަދުރު ހަދިޔާކުރާއިރު، ރަމަޟާން މަސް ފެށުމުގެ ކުރިން ކަދުރު ލިބެއެވެ. ނަމަވެސް މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ގެ ތެރޭ އަދިވެސް ކަދުރެއް ނުލިބެއެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ، މި ރަމަޟާން މަހު ރާއްޖެއަށް ކަދުރު ލިބުން ލަސްވީ ކަދުރު މޫސުން ލަސްވުމުގެ ސަބަބުން ކަމަށާއި، ނަމަވެސް ފަހު ދިހައިގެ ތެރޭ ކަދުރު ލިބޭނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މިއަހަރު ސައޫދީން ރާއްޖެއަށް ހަދިޔާކުރަނީ 50 ޓަނުގެ ކަދުރެވެ. އެއީ މިދިޔަ އަހަރަށް ވުރެ ދެގުނަ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ސައުދީން ރާއްޖެއަށް 25 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދިއެވެ.

މިއަހަރު ރާއްޖެއަށް އަދި ކަދުރު ލިބިފައިނުވާއިރު، ކަދުރު ބަހާނެ އުސޫލެއްވެސް ކަނޑައަޅާފައެއް ނެތެވެ. މިދިޔަ ރަމަޟާން މަހު ކަދުރު ބެހިއިރު އިސްކަން ދިނީ ފަގީރުންގެ ދަފްތަރުގައި ހިމެނިފައިވާ މީހުންނަށެވެ. އެގޮތުން މިދިޔަ އަހަރު ފަގީރުންގެ ދަފްތަރުގައި ހިމެނުނު 10،944 މީހުންގެ ތެރެއިން ކޮންމެ މީހަކަށް ކަދުރު ޕެކެޓެއް ވަނީ ދީފައެވެ.