ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ކުރީގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ އިމްރާން ހާންއާ ދެކޮޅަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ، ބޮޑުވަޒީރު ކަމުގެ މަގާމުން އޭނާ ދުރުކޮށްފިއެވެ.
ބޮޑުވަޒީރު ކަމުގެ މަގާމުން އިމްރާން ދުރުކުރުމަށްޓަކާ އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓަކަށް އެހުމަށް ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުން ހުސްވި ހަފުތާގައި ކުރި މަސައްކަތަށް އިމްރާން ހުރަސް އަޅުއްވާފައިވަނީ ޣައިރު ގާނޫނީ ގޮތެއް ކަމަށް ކަނޑައަޅާ، އިމްރާންގެ އިތުބާރު ނެތް ކަމުގެ ވޯޓު، ހޮނިހިރު ދުވަހު ކުރިއަށް ގެންދިއުމަށް އަމުރު ކުރީ ޕާކިސްތާނުގެ ސުޕްރީމް ކޯޓުންނެވެ.
އިތުބާރު ނެތް ކަމުގެ ވޯޓަށް އަހަން ވަގުތު ކުޑަތަން ވަމުން ދަނިކޮށް، ރައީސް އާރިފް އާލްވީގެ ތާއީދާއެކު އިމްރާން އެ ވޯޓަށް ހުރަސް އެޅުއްވީ، ގާނޫނު ހަދާ މަޖިލީސް އުވާލައްވައިގެންނެވެ.
ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި 342 މެންބަރުން ތިއްބަވާއިރު، އިތުބާރު ނެތް ކަމުގެ ވޯޓަކުން ބޮޑުވަޒީރު ވަކި ކުރެއްވުމަށް 172 މެންބަރުންގެ ތާއީދު ބޭނުންވެއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުން އިމްރާން ދުރު ކޮށްފައި ވަނީ 174 މެންބަރުންގެ ވޯޓުންނެވެ.
އިމްރާން ތުހުމަތު ކުރައްވާ ގޮތުގައި ބޮޑުވަޒީރު ކަމުގެ މަގާމުން އޭނާ ހަވާސާ ކުރުމުގައި އިދިކޮޅު ފަރާތްތަކަށް އެމެރިކާގެ ނުފޫޒު ވަނީ ފޯރާފައެވެ. މިދިޔަ ހުކުރު ދުވަހު އިމްރާން ވަނީ، ރެލީތައް ކުރިއަށް ގެންދިއުމަށްވެސް އޭނާގެ ސަޕޯޓަރުންނަށް ގޮވާލައްވާފައެވެ.
ޕާކިސްތާނުގެ ސިޔާސީ މަސްރަހަށް ބަލާއިރު އިމްރާން އަށް އޮތް ފުރުސަތުތައް ކުޑައެވެ. ވީހާވެސް އަވަހަކަށް އިންތިހާބުތައް ކުރިއަށް ގެންދިއުމަށް ގާނޫނު ހަދާ މަޖިލީހަށް ޕްރެޝަރު ކުރުމަށްޓަކާ، އިމްރާންއަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނެރުމަށްވެސް އޭނާއަށް މަޖުބޫރުވާނެއެވެ.
ދަން ގަޑިއެއްގައި ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އިމްރާން ވަނީ، ޕާކިސްތާނަށް "އިމްޕޯޓް ކުރާ" ސަރުކާރެއް ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވެ، ކުރިމަތިލެއްވުމަކަށް ތައްޔާރަށް ހުންނެވި ކަމަށްވެސް އިޝާރާތް ކުރައްވާފައެވެ.
ކަން މިހެން އޮތް އިރު ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ޝަހުބާޒް ޝަރީފު ވިދާޅުވީ ބަދަލު ނުހިއްޕަވާނެ ކަމަށް ވިދާޅުވެފައެވެ. މީހުން ޖަލަކަށް ނުލާނެ ކަމަށާ، ނަމަވެސް ގާނޫނު އޭގެ މަގުން ހިނގަމުން ދާނެ ކަމަށްވެސް ޝަހްބާޒް ވަނީ އިޝާރާތް ކުރައްވާފައެވެ.
ޕާކިސްތާނުގެ މަސްރަހުން ލިބެމުން ދާ އެންމެ ފަހުގެ ހަބަރުތަކަށް ބަލާއިރު މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި، ޕާކިސްތާނުގެ އެންމެ ނުފޫޒުގަދަ ސިޔާސީ މަގާމަށް ޝަހްބާޒް އިސްކުރާނެއެވެ. ޝަހްބާޒްއަކީ ޕާކިސްތާނުގައި 3 ފަހަރެއްގެ މަތިން ބޮޑުވަޒީރު ކުރެއްވި ނަވާޒް ޝަރީފުގެ ކޮއްކޯފުޅެވެ.
އިމްރާން އަކީ ޕާކިސްތާނުގެ ތާރީހުގައިވެސް އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމުން ދުރުކުރި ފުރަތަމަ ބޮޑުވަޒީރެވެ. އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިގެން ބޮޑުވަޒީރަކު މަގާމުން ދުރުކުރުމަކީ، ޕާކިސްތާނުގެ ގާނޫނުން ބޮޑުވަޒީރަކު ވަކި ކުރުމަށް ޖާގަ ދޭ ހަމައެކަނި ގޮތްވެސްމެއެވެ. ޕާކިސްތާނުގެ 75 އަހަރުގެ މާޒީއަށް ބަލާއިރު، އެއްވެސް ބޮޑުވަޒީރަކަށް ދައުރު ފުރިހަމަ ކުރެއްވިފައެއް ނުވެއެވެ.
2018 ވަނަ އަހަރު، އިމްރާން، ޕާކިސްތާނުގެ ބޮޑުވަޒީރު ކަން ކަށަވަރު ކުރެއްވީ އަސްކަރިއްޔާގެވެސް އެހީތެރިކަމާ އެކުގައެވެ. ނަމަވެސް ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި އިމްރާންއަށް އޮތް ތާއީދު ދާދި ފަހުން ގެއްލިވަޑައިގަތީ، ސަރުކާރު ހިންގާ ކޯލިޝަނުން މެންބަރުންތަކެއް ވަކިވެވަޑައިގަތުމުންނެވެ.
ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ސަބަބުން ކުރިމަތިވި އިގުތިސޯދީ ވޭންވަރުން ގައުމު ސަލާމަތް ކުރެއްވުމަށް އިމްރާން ފެއިލްވެވަޑައިގެންފައި ވާ ކަމަށެވެ. އަދި ޕާކިސްތާނަކީ ކޮރަޕްޝަނުން ސަލާމަތް ވެފައިވާ ގައުމަކަށް ހައްދަވާނެ ކަމަށް އިމްރާން ވެވަޑައިގެންފައިވާ ވައުދުފުޅުވެސް ފުއްދަވާފައި ނުވާ ކަމަށެވެ.
އިމްރާންގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އެހުމަށް ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މަޖިލީސް ޖަލްސާ 3 ފަހަރެއްގެ މަތިން ހުއްޓާލަން ޖެހުނުއިރު، މަޖިލީސް ރައީސް ކަން ކުރައްވަމުން ގެންދެވި، އިމްރާންގެ ޕާކިސްތާން ތަހްރީކީ އިންސާފް ޕާޓީގެ މެންބަރު، އައްސަދު ޤައިސަރުވެސް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ސަބަބެއް ކަމުގައި ވިދާޅުވީ، ގައުމީ މަސްލަހަތު އިސްކުރެއްވުމެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ ގޮނޑިކޮޅުގައި ދެންވެސް އިށީނދެވަޑައިގަންނަވާ ފަރާތަކަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ އިމްރާންވެސް ކުރިމަތިލެއްވި ގޮންޖެހުންތަކާއެވެ. ކަން މިހެން އޮތް އިރު ޝަހްބާޒް ވަނީ އެތެރެއިންނާއި ބޭރުން، ޕާކިސްތާނަށް ކުރިމަތިލާން ޖެހިފައި ވާ ގޮންޖެހުންތަކުގެ ބޮޑުކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.