އާއިލާއަަކަށް ލިބޭނެ އެންމެ އުފާވެރި ހަބަރަކީ އެ އާއިލާއަށް އާ މެންބަރެއް ލިބެން އުޅޭ ކަމުގެ ހަބަރު ކަން ޔަގީނެވެ. ދަރިއަކަށް ބަލިވެ އިން ކަން އިނގޭ ހިސާބުން، ވިހެއުމާ ހަމައަށް ކަޑައްތު ކުރާ ނުވަ މަސް ދުވަހުގެ ތެރޭގައި އެ ތުއްތު މެހެމާނަށް މަރުހަބާ ކިއުމަށާއި، ބޭނުންވާނެ ހުރިހާ ސާމާނެއް ހަމަކޮށް އެންމެ ފުރިހަމަ އަށް ހުރިހާ ކަމެއް ހަމަޖެއްސުމަށް އާއިލާއިން މަސައްކަތް ކުރެއެވެ.
އެގޮތުން ކުޑަ ދަރިފުޅު އުފަންވާ ދުވަސް ގާތްވާން ވާ އިރަށް އެ ތުއްތު ދަރިފުޅަށް ހާއްސަކޮށް އެނދާއި ބާލީހާއި އަންނައުނާއި އެނދުގައި އަޅުވާ ބޭބީ މޮބައިލް ފަދަ ތަކެތި ހޯދާ ހަމަކުރަން ދެމަފިރިން މަސައްކަތް ކުރެއެވެ. ކޮޓަރިއާއި އެ ދަރިފުޅަށް ހޯދާ ތަކެއްޗަކީ ދަރިފުޅުގެ ޖިންސާ ގުޅޭ ކުލަތަކުން ޖަރީކޮށް އެ ކުއްޖާއަށް ކިޔާ ނަން ލިޔެ ޑިޒައިން ކުރުމަކީ މިހާރު އަހަރެމެންގެ ދިވެހިންގެ ތެރޭގައި ވެސް އަށަގަންނަމުން އަންނަ ޓްރެންޑެކެވެ.
ކ. މާފުއްޓަށް އުފަން އަދި އެ ރަށުގައި ދިރިއުޅެމުން އަންނަ އުމުރުން 29 އަހަރުގެ އާމިނަތު ޝަހާ، އާންމު ނަމުން ނަމަ ޝަހާ އަކީ މިފަދަ ފަންނުވެރި މަސައްކަތްތަކެއް ކުރަމުން އެކަމުން އާމްދަނީ ހޯދަމުން އަންނަ ހީވާގި މަސައްކަތްތެރި އެކެވެ. ޝަހާ މި މަސައްކަތަށް ލޯބި ޖެހުނީ އޭނާގެ ފުރަތަމަ ފިިރިހެން ދަރިފުޅަށް ތައްޔާރު ކުރި ބޭބީ މޮބައިލްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމު ކުރުމާ އެކު އެ ބޭބީ މޮބައިލް ކަމުގޮސްގެން ގިނަ ބަޔަކު ތައުރީފް ކޮށް އޭގެ އެއްޗެއް ބޭނުންވެގެން އަންނަން ފެށި އޯޑަރުތަކާ ހިސާބުންނެވެ.
އޭ ލެވެލް އާ ހަމައަށް ތައުލީމް ހާސިލް ކުރުމަށް ފަހު، ބައްޕަގެ ގެސްޓް ހައުސް ވިޔަފާރީގެ މަސައްކަތުގައި ބައްޕައާ އެކުގައި އޭނާ އުޅުނު ކަމަށް ޝަހާ ބުނެއެވެ. ޒަވާޖީ ހަޔާތެއް ފެށުމާ ހަމައަށް އެ މަސައްކަތުގައި އުޅުނު އިރު ވެސް އަމިއްލަ ވިޔަފާރިއެއް ފެށުމާ މެދު އެފަދަ ހިޔާލެއް ނުގެންގުޅޭ ކަމަށް އޭނާ ބުނެއެވެ. ނަމަވެސް ފުރަތަމަ ދަރިފުޅަށް އަމިއްލަ އަތުން ތައްޔާރު ކުރި ބޭބީ މޮބައިލް އަކީ މި މަސައްކަތް ފެށުމުގެ ހިޔާލު އޭނާއަށް ލިބުނު ދުވަސް ގޮތުގައި އޭނާ ސިފަކުރެއެވެ.
2016 ގައި އޭނާ ފެށި ބިޒްނަސް ފުޅާ ކުރުމަށް އިންސްޓަގްރާމްގައި "ފެލްޓް ވިތް ލަވް" ގެ ނަމުގައި އެކައުންޓެއް ހަދައި އޭނާގެ އުފެއްދުންތައް އައީ އިސްތިހާރު ކުރަމުންނެވެ. އެ ގޮތުން ބޭބީ މޮބައިލްއާއި، ހެއާ ޓާބަންސް އާއި، ހެޑް ބޭންޑްސް، ބޭބީ ނެސްޓް ބްރެއިޑެޑް ބެޑް ބަންޕްސް އާއި، ސްޓާ ޕިލޯސް އަދި ކުޑަ ދަރިފުޅުގެ އެނދުގައި ހަރުކުރާ މަދިރިގެ ފަދަ ތަކެތި އުފައްދަމުން އައީ މާލޭގެ ފިހާރަތަކުން އެ ތަކެތި ހެދުމަށް ބޭނުންވާ ސާމާނުތައް ހޯދައިގެންނެވެ. މީގެ އިތުރުން ވެސް ތުއްތު ކުދިންނަށް ރޮމްޕާސްއާއި ޓީޝާޓްކޮޅު ފަދަ ތަކެތީގައި ކަސްޓަމަރުން ބޭނުންވާ ގޮތަށް ނަން ޕްރިންޓްކޮށް، އަމިއްލަ އުފެއްދުންތައް ޝަހާ އައީ ތައްޔާރު ކުރަމުންނެވެ.
މާލެއިން ސާމާނުތައް ހޯދައިގެން މަސައްކަތް ފެށި ޝަހާ ފަހުން ބޭނުންވާ ސާމާނު ހޯދަމުން އައީ އޮންލައިންކޮށް ރާއްޖެއިން ބޭރުންނެވެ. އެގޮތަށް ސާމާނު ހޯދަން ފެށުމުން ހަރަދު ކުޑަވެ، ފަސޭހަ ވި ކަމަށް އޭނާ ބުނެއެވެ.
ދެ ކުދިންގެ މަންމައެއް ކަމަށް ވާ ޝަހާއަކީ ވެސް ދިރިއުޅުމުގައި ބިޒީ މީހެކެވެ. ނަމަވެސް މަސައްކަތަށް ހުންނަ ލޯތްބެއްގެ ބޮޑު ކަމުން އޭނާ މިކަމަށް ވަގުތު ހުސްކޮށް މަސައްކަތް ކުރަމުން އަންނަނީ ދަރިން ނިންދެވުމަށް ފަހު ރޭގަނޑުގެ ލަސް ވަގުތުތަކުގައެވެ. ބައެއް ރޭރޭ ދަންވަރު ތިނެއް ޖަހަންދެން ވެސް މަސައްކަތުގައި އުޅެންޖެހޭ ކަމަށް އޭނާ ބުނެއެވެ.
މި މަސައްކަތުގައި ޝަހާއަށް އޭނާގެ އާއިލާ އަދި ފިރިމީހާގެ ފަރާތުން އެއްބާރުލުން ލިބޭ ކަމަށް އޭނާ ބުނެއެވެ. އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އޭނާގެ މަންމަގެ ފަރާތުން ކަމަށް ޝަހާ ބުނެއެވެ. ތައްޔާރުކުރާ ގިނަ ތަކެތި ފަހައި ދިނުމުގައި އޭނާގެ މަންމަ ގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށާއި މި މަސައްކަތް މިހާ ހިސާބަށް ދިޔާއީ މަންމަގެ މިންނަތް މަސައްކަތުން ކަން ފާހަގަ ކޮށް އޭނާގެ މަންމައަށް ހާއްސަ ޝުކުރެއް އޭނާ ވަނީ އަދާކޮށްފައެވެ.
މަސައްކަތުގައި ހޭދަވި ހަ އަހަރު ދުވަހުގެ ތެރޭގައި ކުރިމަތިވި ކޮވިޑް ޕެންޑަމިކް އަކީ އެންމެ ގިނައިން އޯޑަރުތައް ލިބުނު ދުވަސްވަރު ކަމަށް ޝަހާ ބުނެއެވެ. އޯޑަރުތައް ގިނައިން ލިބުނު ކަމުގައި ވިޔަސް ޝަހާ އަށް މި މަސައްކަތުގައި ޕެންޑަމިކްގައި ދިމާވި ދައްޗަކީ އޮންލައިންކޮށް ރާއްޖެއިން ބޭރުން ސާމާނު ހޯދުމާއި، މާލެއިންނާއި ރަށްރަށުން އަންނަ ގިނަ އޯޑަރުތައް ޑެލިވާ ކުރުން ކަމަށް އެ ބުނެއެވެ. މާފުށިން މާލެއަށް އެ ދުވަސްވަރު އޮތް ފެރީ ދަތުރު މަދުކަމުން ބައެއް ފަހަރު ޑެލިވަރީތަކަށް ބުރޫ އެރި ކަމަށް އޭނާ ބުނެއެވެ.
އާންމުކޮށް މާލެއިން އޯޑަރުތައް ލިބެމުން ދިޔަ ޝަހާ ބުނީ އޭނާގެ ކަސްޓަމަރުންނަށް އެ ތަކެތި ހަވާލުކޮށް ދިނުމުގައި މާލޭގައި ތިބޭ އާއިލާ މީހުންނާއި ރައްޓެހިންގެ އެހީތެރިކަން ލިބޭ ކަމަށެވެ. މާފުށިން މާލެއަށް ފެރީގައި ފޮނުވާ ތަކެތި، އޯޑަރު ނަގާ ފަރާތްތަކަށް ހަވާލު ކުރާ އިރު ބައެއް ކަސްޓަމަރުންނަކީ ރަށްރަށުގައި ތިބޭ މީހުން ކަމަށް ވަތީ އެ ތަކެތި ބޯޓުތަކަށް ޑެލިވާކޮށް ދެނީ އެމީހުން ކަމަށް ބުނެއެވެ. އެހެން ނޫނީ މާލެއިން ޑެލިވަރީ ކޮށް ދެނީ ބަޔަކާ ހަވާލުކޮށް ގެން ޑެލިވަރީއަށް ފީއެއް ދީގެން ކަމަށް ޝަހާ ބުނެއެވެ.
ގޭގައި ހުންނަ މައިން މަސައްކަތެއް ކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ. ހުސްވަގުތުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި ގޭގައި ދަރިން ކައިރީ ހުރެ ކުރާ މިފަދަ މަސައްކަތަކުން ރަނގަޅު އާމްދަނީއެއް ހޯދި ދާނެ ކަމަށާއި އެއީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް ކަމަށް ޝަހާ ގަބޫލު ކުރެއެވެ.
އަދި މި ފަދަ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް އޭނާ މަރުހަބާ ކިޔާނެ ކަމަށާއި އޭނާއަށް އެނގޭ މައުލޫމާތާއި ހުނަރު ހިއްސާ ކުރުމަށް އޭނާ ހުރީ ތައްޔާރަށް ކަމަށް ވެސް ބުނެއެވެ. އެ ގޮތުން މި ދިޔަ ޕެންޑަމިކް ތެރޭގައި މިފަދަ މަސައްކަތެއް ފަށަން ބޭނުންވި ދެމީހަކަށް މަސައްކަތް ފައްޓަން ބޭނުންވާނެ ބައެއް ސާމާނު ފޮނުވައި ދީފައި ވާނެ ކަމަށް ވެސް ޝަހާ ބުނެއެވެ.
އަމިއްލަ ދަރިފުޅަށް ހަދައިދިން ބޭބީ މޮބައިލް ކަމުދިޔަ އެތައް ބައެއްގެ ތައުރީފްގެ ބަސްތަކުން، އަމިއްލަ ވިޔަފާރިއަކާ ދިމާލަށް ވިސްނުން ހުސްކޮށްލި ޝަހާގެ ހުވަފެންތަކުގައި މިއަދު ވަނީ ކުލަޖެހެން ފަށާފައެވެ. ގޭގައި ހުންނަ ކަނބަލުންނަށް މި ފަދަ މަސައްކަތް ކޮށްގެން ކުރިއަށް ދެވިދާނެ ކަމުގެ ނަމޫނާއެއް ދައްކަމުން އަންނަ ޝަހާގެ މި ވާހަކަ ތަކަކީ އެތައް މައިންނަކަށް ހިތްވަރު ލިބޭނެ ވާހަކަތަކެއް ކަން ޔަގީނެވެ.
ޝަހާގެ މަސައްކަތް ވަރަށް ރީތި. ، ޝަހާ އަތުން ދެ އެއްޗެއް އޯޑަރ ކުރިން ބޭނުންވާ ދުހުގެ ހަތަރު މަސް ކުރިން. އެކަމު އެއްޗެހި ލިބުނީ، ބޭނުން ކަމަށް ބުނި ދުހުގެ ސާދަ ދުވަސް ފަހުން. އެއްޗެހި ނުލިބިގެން، މެސެޖުކޮށް ގުޅީމަ ހަބަރުވީ ވެސް ހަފްތާއެއްހާ ދުހުން. މާ ޑިމާންޑު ބޮޑުވީމަ ކަންނޭނގެ، މިހާރު ވަރަށް ތިމާ އަށް ތިމާ ފެނިގެން ވާހަކަ ދައްކާގޮތަށް ވާހަކަ ހުންނަނީ . އެއްޗެއް ސާފުކޮއްލަން މެސެޖު ކުރިޔަސް، އެ މެސެޖަށް ޖަވާބު ނުދީ، އިންޓަ ސްޓޯރީ އަޕްޑޭޓް ކޮއްލަނީ އެއަށް ޖަވާބު ދީފަ. މެސެޖު ކުރި ކުއްޖާ ލަދުގަންނުވާލާފަދަ ގޮތަކަށް. ބޮޑާނުވެ މަސައްކަތައިގެން ކުރިޔަށް ގޮސް ކާމިޔާބަށް އެދެން.