ރޯދަ މަހު ބާއްވާ އިހްޔާ ފޯރަމްތަކަށް އަންނަ މީހުންނަށް ބޮޑެތި އިނާމުތަކެއް ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ މާލެ އާއި އަތޮޅުތަކުގައި އިހްޔާ ފޯރަމްތައް ކުރިއަށްދާއިރު ކޮންމެ ރެއަކު، ގުރުވަތުން ހޮވޭ ފަރާތްތަކަށް އިނާމު ދެވޭނެ ކަމަށެވެ. އަދި އިހްޔާ ފޯރަމްތަކުގައި އެރެއަކު ދޫކުރާ ނަންބަރުކޮޅުތައް ފޮރުވާފައި ބޭއްވުން ވަރަށް މުހިއްމު ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ރޮދަ މަހުގެ އެންމެ ފަހު އިހްޔާ ފޯރަމްގައި މާލެއާއި އަތޮޅުތެރޭގައި ބާއްވާ ޖަލްސާތަކުގައި ދޫކުރާ ހުރިހާ ނަންބަރުތައް ގުރުއަތުގައި ހިމަނާނެ ކަމަަށެވެ. އަދި ގުރުވަތުން ހޮވާނީ މާލެއާއި އަތޮޅުތަކުގެ ނަންބަރުތައް ވަކިން ކަމަށާއި މި ގުރުވަތުގައި އަތޮޅުތެރެއާއި މާލެ ވަކިން 1 ވަނަ، 2 ވަނަ، އަދި 3 ހޮވަން ހަމަޖެހިފައިވާއިރު އަގުބޮޑެތި އިނާމުތަކެއް ލިބިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މާލެ އާއި އަތޮޅު ވަކިން ގުރުވަތުލާ ގޮތަށް ނިންމީ ގިނަ ބަޔަކަށް އިނާމު ލިބުމުގެ ފުރުސަތު ދިނުމަށްޓަކައި ކަމަށެވެ.

އިހްޔާ ފޯރަމްތަކުގައި ކޮންމެ ރެއަކުވެސް ހޮވޭ ފަރާތްތަކަށް އިނާމު ހަވާލުކުރާއިރު އޭގެ ތެރޭގައި ފައިސާގެ އިނާމާއި މިނިސްޓްރީން ދޭ އިނާމުވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.