މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރު ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާ އިރު، މި ދުވަސްވަރާއި ރޯދަ މަސް ދިމާވެފައި ވާތީ، ކަރަންޓު އިގްތިސޯދު ކުރުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދޭ މައި ކުންފުނި ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، މި ދުވަސް ވަރު ކަރަންޓް ބޭނުން ކުރާއިރު، އެންމެ ގިނައިން ކަރަންޓު ބޭނުން ކުރާ ކަމަށް ބެލެވޭ އޭސީ ފަދަ ވަސީލަތްތައް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ހޫނުގަދަ މޫސުމުގައި ކަަރަންޓް ބިލް ބޮޑުވާ މައްސަލަ އަންނަނީ ފެންމަތިވަމުންނެވެ. އެހެންކަމުން މިއަހަރުގެ ހޫނުގަދަ ދުވަސްވަރާއި ރޯދަމާ ދިމާވާތީ ކަރަންޓް ބިލު ބިޑުވުން އެކަށިގެންވާ ކަމަށް ބުނެ ސްޓެލްކޯއިން އަންނަނީ މި އަހަރު އާނމްުން ހޭލުންތެރި ކުރުވުމަށް ސޭވް އޭނާޖީ ނަމުގައި ކެމްޕެއިނެއް ވެސް ހިންގާފައެވެ.

އެ ކެމްޕެއިންގައި ކަރަންޓު އިގްތިސޯދު ކުރާ ފަރާތްތަކުގެ މެދުގައި އިނާމު ދޭ ގޮތަށް ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމާއި، ކްލަބްހައުސް ފަދަ ޕްލެޓްފޯމްތަކާއި މީޑިއާ މެދުވެރިކޮށް މައުލޫމާތު ފޯރުކޮށް ދިނުމާއި، ބިލްބޯޑު ހަރުކޮށް ސްޓެލްކޯގެ "މާޓީވީ" މެދުވެރިކޮށް މައުލޫމާތު ދިނުމުގެ އިތުރުން ދަރިވަރުންނަށާއި ސަރުކާރުގެ ކުންފުނިތައް އަދި އިދާރާތަކަށް މައުލޫމާތު ދިނުން ހިމެނެއެވެ.