ރާއްޖެއަކީ އެހެން ގައުމުތަކާ އަޅާ ބަލާ އިރު، މަސައްކަތުގެ މާހައުލަށް ބެލިކަމުގައި ވިޔަސް އިންސާނީ ވަސީލަތާއި އެހެނިހެން ވަސީލަތްތައް މަދު ގައުމެކެވެ. ޕެންޑަމިކަކާ ދެ އަހަަރު ދުވަހު ކުރި ހަނގުރާމައިގައި ވެސް އިންސާނީ ވަސީލަތް މަދުކަން ފާހަގަކޮށް ވޮލަންޓިއާ އުސޫލުން ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ އެތައް ބަޔަކު ހޯދަން މަޖުބޫރިވި މި ގައުމުގައި އެފަދަ މަސައްކަތް ކުރުމަށް ލޯބި ޖެހިފައިވާ ޒުވާން ޖީލެއް އޮތް ކަމަކީ އަހަރެމެން ދިވެހިން ފަހަރުވެރިވާން ޖެހޭ ވަރުގެ ކަމެކެވެ.

ހިލޭ ސާބަހަށް މަސައްކަތް ކުރާ އަދި އެހީތެރިކަން ފޯރު ކޮށްދޭ، މިނިވަން މުސްތަގިއްލު ޖަމާއަތެއް ކަމަށް ވާ މޯލްޑިވްސް ރެޑްކްރެސެންޓް (އެމްއާރްސީ) ގައި މެދުނުކެނޑި 9 އަހަރު މަސައްކަތް ކޮށް، އަދި ކުރަމުން އަންނަ އާމިނަތު އަޒުމާ މުހައްމަދު، އާންމު ނަމުން ނަމަ އަޒޫއަކީ ގިނަ ބަޔަކު ދަންނާނެ މޫނެއް ކަން ޔަގީނެވެ. ރެޑް ކްރެސެންޓްގެ މަސައްކަތުގައި އަޒޫ އުޅޭތާ ގިނަ އަހަރުތަކެއް ވެފައިވާ އިރު، ބޮޑެތި ކާރިސާ ތަކާއި ހާދިސާތައް ހިނގި އިރު އެ ކަމުން ގެއްލުން ލިބުނު މީހުންނަށް އެހީތެރިވުމުގައި އަމަލީ ގޮތުން އޭނާ މަސައްކަތް ކުރީ އެކަން ކުރާ ހިތުން، ހިދުމަތް ކޮށްދޭން ހުރި ޝައުގެއްގެ ބޮޑު ކަމުންނެވެ.

އާމިނަތު އަޒުމާ މުހައްމަދު ރެޑް ކްރެސެންޓަގއި ވޮލަންޓިއަރެއްގެ ގޮތުގައި "ވޯޓާ ކްރައިސިސް" ތެރޭގައި
"އެމްއާސީއަށް ހިދުމަތް ކޮށްދޭން އެންމެ ބޭނުން ވީ ވެސް، އެމީހުންނަކީ ވަކި ބަޔަކަށް ތަފާތު ކުރުމެއް ނެތި ހިދުމަތް ދޭނެ ބައެއް. ދިވެއްސެއްތޯ ބިދޭސީއެއްތޯ ނުބަލާނެ. ދެން އެމްއާރްސީގައި އުޅެމުން ވަރަށް ބައިވަރު ޓްރެއިންނިންތައް ވެސް ހަދާ. މަސައްކަތަށް ވަރަށް ބޮޑަށް އަހުލުވެރިކޮށް، ކުރާ މަސައްކަތަކީ ކިހާވަރެއްގެ ކަމެއް ކަން އުނގަންނައި ދީގެން ކުރަނީ"
އަޒުމާ

މި މަސައްކަތަށް ޝައުގުވެރިކަން އުފެދުނު ގޮތް ހިއްސާ ކުރަމުން އަޒޫ ބުނީ، އޭނާ އަކީ ކުރިން ގާލް ގައިޑްގައި މަސައްކަތް ކުރި މީހެއް ކަމަށެވެ. 2003 ވަނަ އަހަރުން ފެށިގެން އެ މަސައްކަތުގައި އޭނާ އުޅުނު އިރު ވޮލަންޓިއާ ގިނަ މަސައްކަތްތަކެއް ކުރަން ފުރުސަތު ލިބުނެވެ. އެގޮތުން އެ ދުވަސްވަރު ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް ހިދުމަތް ކޮށް ދިނުމުގައި އޭނާ މަސައްކަތް ކުރި ކަމަށާއި އެ ދުވަހު ވެސް އިންސާނިއްޔަތަށްޓަކައި ކުރާ އެފަދަ މަސައްކަތްތަކަށް އޭނާ ލޯބި ޖެހިފައިވާ މިންވަރު އެނގިގެން ދިޔަ ކަމަށް އޭނާ ބުނެއެވެ.

ޒަވާޖީ ހަޔާތެއް ފަށައިގެން ދިރިއުޅުމުގައި އަވަދިނެތި އުޅެން ޖެހުނު ހިސާބުން އެ ފަދަ މަސައްކަތްތަކުން އޭނާ ދުރަށް ޖެހިލަން ޖެހުނީ މަންމައެއްގެ ޒިންމާ އަދާ ކުރަން އާއިލާއަށް ވަގުތު ހުސްކޮށްލަމުންނެވެ. ނަމަވެސް 2013 ވަނަ އަހަރު އޭނާ ރެޑް ކްރެސެންޓާ ގުޅުނީ އެ މަސައްކަތަށް އޮތް ލޯތްބެއްގެ ބޮޑު ކަމުން އޭނާގެ ރައްޓެއްސެއްގެ އެދުމުގެ މަތިންނެވެ.

އާމިނަތު އަޒުމާ މުހައްމަދު ރެޑް ކްރެސެންޓަގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު

އެގޮތުން އެންމެ ފުރަތަމަ މަސައްކަތަށް ނުކުތް ދުވަހުގެ ހަނދާންތައް ހިއްސާ ކުރަމުން އަޒޫ ބުނީ، އެ ދުވަހު ފަސްޓް އެއިޑް ދޭން ހުރި މީހާގެ އެހީތެރިއަކަށް އޭނާ ދިއުމުން އެ މީހާ ބުނި ބަސްތަކަކީ ހަނދާނުން ފޮހެލަން އުނދަގޫ ބަސްތަކެއް ކަމަށެވެ. އެ ދުވަހު އޭނާ ބުނީ، "ތި ގޮތަށް އަމިއްލަ އަށް އިސް ނަގައިގެން ކުދިން ނުކުމެ މުޖުތަމައުގައި މަސައްކަތް ކޮށްދޭތީ ވަރަށް އުފާވޭ" މިހެން ކަމަށް އަޒޫ ބުނެއެވެ.

ފިރިމީހާގެ އާއިލާ، ހާއްސަކޮށް މައިދަތަ އަދި ފިރިމީހާގެ އެހީތެރިކަން ލިބެމުން ދާތީ އޭނާއަށް ރެޑް ކްރެސެންޓްގައި މަސައްކަތް ކުރުން އެއީ އުނދަގޫ ކަމަކަށް ނުވިއެވެ. ކާރިސާއެއް ދިމާވެ ބިޒީވެ އުޅެން ޖެހިއްޖެ ދުވަސްވަރެއްގައި އެމީހުންގެ އެއްބާރުލުން ލިބޭ ކަމަށާއި ޝަކުވާ އަކާ ނުލައި އަޒޫގެ ދެ ދަރިން ބަލައިދީ އެމީހުންގެ އެއްބާރުލުން ނުލިބި މިއަދު މި ހިސާބުގައި ނުހުރެވޭނެ ކަމަށް އަޒޫ ބުނެއެވެ.

ރެޑް ކްރެސެންޓަގައި ވޮލަންޓިއަރުން މަސައްކަތުގައި
"އެމްއާރްސީ އަކީ އަހަރެންގެ ސެކަންޑް ހޯމް. އެތަނަށް އަލަށް ދިޔަ ދުވަހުވެސް އާ މީހެއްކަން އިހުސާސެއް ނުކޮށްދޭ. ވަރަށް ގާތްކޮށް ވަރަށް އެއްކޮށް އުޅުނީ. އަދި ވަރަށް އެހީވެސް ވޭ. ދެން ކްރައިސިސް އެއް އަޔަސް މަސައްކަތް ކޮށްފަ ގެއަށް ދާށޭ ބުންޏަސް ގެއަށް ގޮއްސަވެސް ނޯވެވޭ. ހަމަ ދާ ހިތްވަނީ. ދިޔައިމަ ފޮނުވާލާނެ ރެސްޓް ކުރަން ދާށެ ބުނެފަ. އެކަމަކު ވެސް ފޮނުވާލީމަ ވެސް ބަލަން ކޮންމެ ބަހަނާއެއް ދައްކައިގެން މަސައްކަތް ކުރަން ހުރެވޭތޯ"
އަޒުމާ

2013 ވަނަ އަހަރުން ފެށިގެން ރެޑް ކްރެސެންޓްގައި ހޭދަ ކުރި ދުވަސްތަކުގެ ތެރެއިން އެންމެ ހިތަށް އުނދަގޫވި އެއް ހާދިސާއެއްގެ ގޮތުގައި އަޒޫ ސިފަ ކުރަނީ ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާއެވެ. އެ އަހަރު ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހި ހިނގި އެ އަލިފާނުގެ ހާދިސާއަކީ ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ބޮޑު އެއް އަލިފާނުގެ ހާދިސާއެވެ.

އެ ހާދިސާގައި އެކަކު ނިޔާވެ، 6 ގެއަކާއި 4 ކެމިކަލް ގުދަން އަނދާ އަޅިއަށް ވެފައިވާ އިރު، 130 އަށް ވުރެ ގިނަ އާއިލާ ހާލުގައި ޖެހި އެހީތެރިކަން ފޯރުކޮށް ދޭން ޖެހުނެވެ. އެ ދުވަހު އަޒޫ ވަނީ ސީދާ އެ ސީންގައި އާއި ހާލުގައި ޖެހުނު މީހުން ގެން ގޮސް ވަގުތީ ހިޔާވަހި ކަމެއް ދިން ކަލާފާން ސްކޫލްގައި ވެސް ހަރަކާތްތެރި ވެފައެވެ.

ވޮލެންޓިޔަރަކު އަލިފާނުގެ ހާދިސާގައި ގެއްލުންވި މީހަކަށް އެހީތެރިވަނީ / ފޮޓޯ: ދަ ފުރެސް

ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނިއްޔަތުގެ އެހީތެރިކަން ފޯރުކޮށް އެމީހުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ އަޒުމްގައި އަޒޫ ރެޑް ކްރެސެންޓާ ގުޅުނީ، އެކި ކާރިސާތަކުގައި އާއި ގުދުރަތީ ހާދިސާތަކުގައި ގެއްލުން ލިބިފައިވާ ފަރާތްތަކަށް އެމީހެއްގެ ނަސްލެއް، އެމީހެއްގެ އުފަން ގައުމެއް، ޖިންސެއް، އުމުރެއް، ކުލަޔެއް، ދީނެއް ބެލުމެއް ނެތި، މީހުންގެ ތެރޭގައި ތަފާތު ކުރުމެއް ނެތި ހިދުމަތް ކޮށް ދިނުން ބަލައި ގަނެވޭތީ ކަމަށް އޭނާ ބުނެއެވެ.

އާމިނަތު އަޒުމާ މުހައްމަދު ފާޔާފައިޓިން ކޯސް ފުރިހަމަ ކުރުމަށް އިންޑޮނޭޝިއާގައި

2017 ވަނަ އަހަރު އަޒޫ ވަޒީފާގެ ގޮތުން އެމްއޭސީއެލްއާ ގުޅުނު ފަހުން ވެސް ރެޑް ކްރެސެންޓްގެ ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރުން ހުއްޓައެއް ނުލައެވެ. އަޒޫ ވަޒީފާގެ ގޮތުގައި އެމްއޭސީލއެލްގައި އަދާ ކުރަމުން ދަނީ ޖޫނިއާ އެއާޕޯޓް ފަޔާ ފައިޓާ (އީއެމްއެސް) ގެ މަގާމެވެ. މި މަސައްކަތަށް އޭނާގެ ޝައުގުވެރިކަން އުފެދުނީ ރެޑް ކްރެސެންޓްގައި ކުރި މަސައްކަތްތަކާއި ޓްރެއިނިންތަކުގެ ސަބަބުން ކަމަށް އަޒޫ ބުނެއެވެ.

އާމިނަތު އަޒުމާ މުހައްމަދު އޭނާގެ ފިރިހެން ދަރިފުޅު އަމާން އާ އެކު ކޮވިޑް ޕެންޑަމިކްގައި ވޮލަންޓިއާ މަސައްކަތުގައި

ހަނދާން ހުންނަން ފެށީއްސުރެ އޭނާ އަކީ ކުޑައިރުވެސް މީހުން ހާލުގައި ޖެހިފައި ތިބޭ ތަން ބަލަން ކެތްވާ ކުއްޖެއް ނޫން ކަމަށް އޭނާ ބުނެއެވެ. މީހަަކަށް ދެރަގޮތެއް ވެއްޖިއްޔާ އެމީހަކު އުފާ ކޮށްދިނުމަށް ނުވަތަ އެމީހަކު އެހާލުން އަރައިގަތުމަށް ކުރެވެން ހުރި ކަމެއް ކޮށްދިނުމަށް އަޒޫ އަބަދުވެސް މަސައްކަތް ކުރެއެވެ. އެހެންކަމުން އޭނާގެ އާއިލާ އަދި ގާތް ރައްޓެހިން ވެސް ސިފަ ކުރަނީ އަޒޫ އަކީ ވަރަށް ހިތްހެޔޮ މިޒާޖެއްގެ މީހެއްގެ ގޮތުގައެވެ.

އަޒޫއާ އެކު މަސައްކަތް ކުރި އަދި އަޒޫ ދަންނަ މީހަކު ބުނީ ގޮތުގައި، އަޒޫ އަކީ މީހުންގެ މޫނުތަކަށް އުފާވެރިކަން ގެނެސް ދޭން ބޭނުންވާ ހިތްހެޔޮ ހީވާގީ މީހެއް ކަމަށެވެ. ދުވަހަކު ވެސް މީހެއް ދެކެ ރުޅި އައިސްފައި ހުރިތަން ނުފެންނަ ކަމަށާއި ވަރަށް "ޕޮޒިޓިވް" ވައިބެއް ގެންގުޅޭ މީހެއް ކަމަށް އޭނާ ބުނެއެވެ. މަސައްކަތުގައި ވެސް ބަހައްޓަން ޖެހޭ ފަރުވާތެރި ކަމާއި ސީރިއަސް ކަން އަބަދުވެސް އޭނާގެ ފަރާތުން ފެންނަ ކަމަށާއި މި މަސައްކަތަކީ އޭނާ ވަރަށް ކުރާ ހިތުން ކުރާ މަސައްކަތެއް ކަން އެނގޭ ކަމަށެވެ. އަޒޫ އަކީ މި މަސައްކަތުގައި ނަމޫނާ ދައްކާ މީހެއް ކަމަށާއި އާއިލާއެއް އޮވެ މިފަދަ މަސައްކަތެއް ކުރަން ނުކުންނަ ތަން ފެންނާތީ އޭނާއަށް ސާބަސް ހައްގުވާ ކަމަށް އޭނާގެ ރައްޓެހިން ބުނެއެވެ.

އާމިނަތު އަޒުމާ މުހައްމަދު އޭނާގެ ފިރިހެން ދަރިފުޅު އަމާން އާ އެކު

އަޒޫ އަދިވެސް ވިސްނުން ހުރީ މި ދާއިރާއިން ކުރިއަށް ދިއުމަށެވެ. އަދި މި ދާއިރާއިން އޭނާއަށް ވަރަށް ބޮޑު އެއްޗެއް ދަސްވި ކަމަށް އޭނާ ބުނެއެވެ. ސްކޫލް ނިންމާ ކުދިންގެ ތެރެއިން ވަޒީފާގެ މާހައުލަށް ދިއުމަށް ދޮޅު އަހަރެއް ހާ ދުވަސް އޮންނަ އިރު، އެ ކުދިން މަސައްކަތެއް ނުކޮށް ހުރުމަށް ވުރެ މުޖުތަމައުއަށް އެހީވުމަށް މިފަދަ ވޮލަންޓިއާ މަސައްކަތުގައި ބައިވެރިވުމަކީ އަޒޫ ދޭނެ ނަސޭހަތެއް ކަމަށް ބުނެއެވެ. އޭރުން މަސައްކަތުގެ މާހައުލަށް ނުކުންނަން ވާ އިރަށް ތިމާގެ ލޯ ހުޅުވި ގިނަ ކަންކަން ދަސްވާނެ ކަމަށް އަޒޫ ބުނެއެވެ.

އާމިނަތު އަޒުމާ މުހައްމަދު ބަލި މީހަކު ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދަން އެހީތެރި ވަނީ

މިހާރު އަޒޫގެ ދޮށީ ފިރިހެން ދަރިފުޅު ވެސް ވޮލަންޓިއާ މަސައްކަތުގައި ބައިވެރިވަމުން އަންނަ ކަމަށް އޭނާ ބުނެއެވެ. މުޖުތަމައުއެއްގައި ރަނގަޅު ކުރަންޖެހޭ ބައިވަރު ކަންކަން ހުންނާނެ ކަމަށާއި، އެކަންކަން ރަނގަޅު ކުރުމަށް އަދުގެ ޖީލު އެކަމަށް ލޯބި ޖައްސައިފި ނަމަ ޕެންޑަމިކެއް އަންނަ ދުވަސްވަރެއްގައި އިންސާނިއްޔަތަށްޓަކައި މަސައްކަތް ކޮށްދޭން، އެހީތެރިވާން ނުކުންނާނެ ޒުވާން ޖީލެއް އުފެއްދި ދާނެ ކަމަށް އަޒޫ ގަބޫލު ކުރެއެވެ. ދުނިޔޭގައި ހުރިހާ އެއްޗަކީ ފައިސާއެއް ނޫން ކަމަށާއި، ހާލުގައި ޖެހިފައިވާ މީހަކަށް އެހީތެރިވެދީ މައުސޫމް ހިނިތުން ވުމެއް ބަދަލުގައި ލިބުމަކީ މާ ހިތްހަމަޖެހޭނެ ކަމެއް ކަމަށް އަޒޫ ގަބޫލު ކުރެއެވެ.