ރ. އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރާތާ ހަތަރު އަހަރުވީ އިރު ވެސް އެ މަސައްކަތް ނުނިމި ދިގުލާފައިވާތީ އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެސްޖޭ ކޮންސްޓްރަކްޝަން ބްލެކް ލިސްޓް ކޮށްފާނެ ކަމުގެ އިޝާރާތެއް ޕްލޭނިން މިނިސްޓަރު ދެއްވައިފިއެވެ.
އިންނަމާދޫގައި ނަރުދަމާގެ މަޝްރޫއު ނުނިމި ލަސްވާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގައި ހައުސިން މިނިސްޓަރާ، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވަނީ މަޝްރޫތައް ހަވާލުކޮށް މަސައްކަތް ނުނިންމާ ކުންފުނިތައް ބްލެކް ލިސްޓް ނުކުރާ މައްސަލައިގައި ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ކޮންޓްރެކްޓަރުންގެ އިހުމާލުން މަޝްރޫއުތައް ލަސްވާ ނަމަ އެ ފަރާތެއް ބްލެކް ލިސްޓުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެފަދަ ކޮންޓްރެކްޓަރުން ބްލެކް ލިސްޓު ކުރުމުގެ ނިޒާމެއް ފިނޭންސް މިނިސްޓްރީން މިހާރު ހަދާފައިވާ ކަމަށާއި އެ ނިޒާމުގެ ތެރެއިން ބްލެކް ލިސްޓު ކުރުމުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މަޖިލީހުގައި މީގެ ކުރިން ވެސް ބައެއް މެންބަރުން ވަނީ އެސްޖޭ ކޮންސްޓްރަކްޝަނަކީ ދައުލަތަށް ބަލަދު އަރާ ކުންފުންޏެއް ތޯ ސުވާލުކޮށް، އެ ކުންފުނިން މަޝްރޫއުތައް ކުރިޔަށް ނުގެންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެސްޖޭ އަކީ ސަރުކާރުގެ ވަރަށް ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ހިންގަމުން އަންނަ ކުންފުންޏެކެވެ. އޭގެ ތެރޭގައި ދަރުމަވަންތަ ސްކޫލް އާ އިމާރާތް އެޅުމާއި ތ. ތިމަރަފުށީގައި 100 ހައުސިން ޔުނިޓް އިމާރާތް ކުރުމާއި ސ. މަރަދޫ ސްކޫލްގައި 12 ކްލާސް ރޫމް އެޅުމާއި، މަނިޔަފުށި މެރިކަލްޗާ ރިސާޗް ފެސިލިޓީ އިމާރާތް ކުރުން ހިމެނެ އެވެ. މީގެ އިތުރުން މަޑަވެލީގެ ނަރުދަމާ އާއި ހުޅުމާލޭގައި މިސްކިތެއް އެޅުން ވެސް ހިމެނެ އެވެ.