ފެބުރުއަރީ 24 އިން ފަށައިގެން ރަޝިއާއިން ކުރަމުންދާ ވަރުގަދަ ހަނގުރާމަ ހުއްޓުވުމަށް އދއިން އެކަށީގެން ވާ ގޮތެއްގައި މަސައްކަތް ކުރެވެމުން ނުދާ ކަން ފާހަގަ ކުރައްވާ، ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ، ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވައިފިއެވެ.

އދގެ ސަލާމަތީ މަޖިލީހަށް ދެއްވި ހާއްސަ މެސެޖެއްގައި ޒެލެންސްކީ ވަނީ، ޔޫކްރައިންގެ ވެރިކަން ކުރާ ކިއޭވްގެ ޑިސްޓްރިކްޓެއް ކަމަށް ވާ ބަކާގައި އާންމު ރައްޔިތުން ގަތުލުކޮށްފައި ވާ ކަން ފާހަގަ ކުރައްވާ، އދގެ ސަލާމަތީ މަޖިލީސް (ޔޫއެންއެސްސީ)އަށް އޮތީ 2 އިހުތިޔާރެއް ކަމަށް ވިދާޅުވެފައެވެ.

ފުރަތަމަ އޮތީ ރަޝިއާއަށް އަދަބު ދިނުން ކަމަށާ، އެކަން ނުވާނަމަ ދެން އޮތީ އަމިއްލައަށް އިދާރާ އުވާލުން ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ރަޝިއާއަކީ އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރަކަށް ވާ އިރު، ޒެލެންސްކީ ވަނީ އެ ކައުންސިލުން ރަޝިއާ ވަކި ކުރުމަށް ގޮވާލައްވާފައެވެ. އެހެނީ، ރަޝިއާގެ އުދުވާންތަކާ ދެކޮޅަށް ސަލާމަތީ މަޖިލީހަށް ވައްދާ މައްސަލަތައް ރަޝިއާއިން ވީޓޯ ކުރުން ހުއްޓުވުމަށެވެ.

ހަމަ މި ރޫހުގައި ޒެލެންސްކީ ވަނީ ސަލަމަތީ މަޖިލީސް "އުވާލާ"، އަލުން އެ އިދާރާ އެކުލަވާލުމަށްވެސް ގޮވާލައްވާފައެވެ.

ރަޝިއާގެ ފައުޖުތަކުން ބަކާ ސަރަހައްދު ދޫކޮށް ދިޔައިރު، އެ ސަރަހައްދުން އާންމުންގެ އެތައް ސަތޭކަ ބައެއްގެ ފުރާނަ ނެތް ހަށިތައް ވަނީ ފެނިފައެވެ. މީޑިއާ މަސްދަރުތަކުން ބުނާ ގޮތުގައި ގިނަ ބައެއްގެ ހަށިތައް ފެނިފައި ވަނީ ބޮޑެތި ވަޅުގަނޑުތަކަށް އަޅާފައި ވަނިކޮށް ކަމަށް ވާ ހިނދު، މަގުތަކަށް "އުކާލާފައި" ވާ ހަށިތައް ވެސް ވަނީ ފެނިފައެވެ.

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހަށް ދެއްވި ތަގުރީރު، ޒެލެންސްކީ މައިގަނޑު ގޮތެއްގައި ހާއްސަ ކުރެއްވީ ބައިނަލްއަގުވާމީ ސަލާމަތާ ބެހޭ ނިޒާމު އިސްލާހް ކުރުމަށް ގޮވާލެއްވުމަށެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ވަރުގަދަ ހަނގުރާމައެއް ކުރަމުން ދާ އިރު އެ ކަމާ ދެކޮޅަށް އދއިން ކުރާ މަސައްކަތްތައް ވީޓޯ ކުރުމުގައި ރަޝިއާއިން ދަނީ އެ ގައުމަށް ލިބިފައިވާ އިމްތިޔާޒީ ބާރުތަކުގެ ބޭނުން ހިފަމުންނެވެ.