އޭނާގެ ސަރުކާރާ ދެކޮޅަށް ބޭރުގެ ބަޔަކު ރޭވުންތަކެއް ރާވަމުން ދާ ކަމުގެ ހުއްޖަތެއްގެ ގޮތުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ދެއްކެވި "އިންޒާރުގެ ސިޓީ" އަކީ، ޕާކިސްތަނުގެ ފޮރިން އެފެއާޒް މިނިސްޓްރީގެ މުވައްޒަފަކު ޑްރާފްޓް ކުރި ސިޓީއެއް ކަމަށް، ޕާކިސްތާނުގެ އިދިކޮޅު ސިޔާސީ ޝަހްސެއް ކަމަށް ވާ މަރްޔަމް ނަވާޒް ވިދާޅުވެއްޖެއެވެ.

ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން)ގެ ނައިބާ ރައީސް މަރްޔަމް ނަވާޒް ވަނީ، "އިންޒާރުގެ ސިޓީ" އެއް ކަމަށް އިމްރާން ވިދާޅުވާ ސީޓީ އާންމު ނުކުރައްވަނީ ކީއްވެތޯ ސުވާލު ކުރައްވާ، އެއީ ހަގީގަތުގައިވެސް އޮތް ސިޓީއެއް ނޫން ކަމަށް ތުހުމަތު ކުރައްވާފައެވެ.

އަދި އެ ސިޓީ ލިބިވަޑައިގެންނެވި، ޕާކިސްތާނުގެ އެމެރިކާ މަންދޫބު، ބްރަސަލްސްއަށް ބަދަލު ކުރީ ކީއްވެތޯ ސުވާލު ކުރައްވަމުން މަރްޔަމް ނަވާޒް ވަނީ، ޕާކިސްތާނުގެ ސުޕްރީމް ކޯޓަށް މަންދޫބު ހާޒިރު ކުރެއްވުމަށްވެސް ޑިމާންޑް ކުރައްވާފައެވެ.

މި މޭރުމުން މަރްޔަމް ނަވާޒް ވަނީ، ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (އެންއެސްސީ)ގެ ނާޖާއިޒު ފައިދާ، ސިޔާސީ މަންފާ ހާސިލު ކުރެއްވުމަށްޓަކާ އިމްރާން ނެންގެވި ކަމަށް ތުހުމަތު ކުރައްވާފައެވެ.

އެންއެސްސީއިން ނެރުނު ބަޔާނުގައި، ބޭރުގެ ނުބައި ރޭވުމެއްގެ ވާހަކަ ބަޔާން ކޮށްފައި ނުވާ ކަމަށާ، އިމްރާން އިޝާރާތް ކުރައްވާ ކިތާބީ ހެއްކަކީ، ފޮރިން މިނިސްޓްރީގެ މުވައްޒަފަކު ތައްޔާރު ކޮށްފައި ވާ އެއްޗެއް ކަމަށް މަރްޔަމް ނަވާޒް ވަނީ ވިދާޅުވެފައެވެ.

އިމްރަންއަކީ ގައްދާރެއް ކަމަށާ، އަވަސް މުސްތަގުބަލެއްގައި އެ މައްސަލާގައި އިމްރާންއާ ދެކޮޅަށް ޝަރިއަތް ހިންގޭނެކަމަށްވެސް މަރްޔަމް ނަވާޒް ވަނީ އިންޒާރު ކުރައްވާފައެވެ.

ޕާކިސްތާނުގެ ގައުމީ ސަލާމަތީ، ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ޒިންމާއެއް ކަމަށާ، އެ ކޮމިޓީއަކީ އިމްރާން ސަލާމަތް ކުރަން އޮތް ކޮމިޓީއެއް ނޫން ކަމަށްވެސް މަރްޔަމް ނަވާޒް ވަނީ ވިދާޅުވެފައެވެ.

މި ދަނޑިވަޅަކީ ޕާކިސްތާނުގެ ސިޔާސީ މަސްރަހު އިންތިހާއަށް ހަލަބޮލިވެ، ނުތަނަވަސް ކަމުގެ ތެރެއަށް ގައުމު ވެއްޓިފައި ވާ ދަނޑިވަޅެކެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަގާމު ރަސްމީ ގޮތުން އިމްރާންއަށް ގެއްލިވަޑައިގަތީ، އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓަކަށް އެހުމަށް ގާނޫނު ހަދާ މަޖިލީހުން ތައްޔާރު ވަމުން ދަނިކޮށް، އެ މަޖިލީސް އުވާލެއްވި ހިސާބުންނެވެ. އަދި އެކަމުގައި ރައީސް އާރިފް އާލްވީގެ ދައުރެއް ނުވަތަ އިޝާރާތެއް އޮތް ކަމަށްވެސް ހަބަރު ލިބެއެވެ.

ޕާކިސްތާނުގެ ރައީސް ވަނީ، ވަގުތީ ބޮޑުވަޒީރަކު ކަނޑައެޅެންދެން އެ މަގާމުގައި ހުންނަވާނީ އިމްރާންކަމަށް ވިދާޅުވެފައެވެ. ޕާކިސްތާނުގެ އެއްވެސް ބޮޑުވަޒީރަކަށް އަދި މިހާތަނަށް ދައުރު ފުރިހަމަ ކުރެއްވިފައެއް ނުވެއެވެ.