މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އައްޑޫ ސިޓީގައި ހުޅުވި ފުލުހުންގެ އެކެޑަމީގައި މިއަދު ކިޔަވައިދޭން ފަށައިފިއެވެ.

ފުލުހުންގެ އެކެޑަމީގައި މިއަދު ކިޔަވައިދޭން ފަށާފައިވާއިރު، އެ އެކެޑަމީގައި ކިޔެވުން ފެށި ފުރަތަމަ ކޯހަކަށް ވެފައިވަނީ އައްޑޫގައި މިދިޔަ ޖެނުއަރީ 23 ގައި ފަށާފައިވާ "ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން" ކޯހެވެ. ފުލުހުންގެ އެކެޑަމީ ހުޅުވުމާ ހަމައަށް އެ ކޯހުގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ އެމްއެންޔޫ ކެމްޕަހުގައެވެ.

ފުލުހުން ބުނީ، އެ ކޯހުގެ ކިޔެވުން ފުލުހުންގެ އެކެޑަމީގައި މިއަދު ފަށާފައިވާއިރު، ފަށާފައިވަނީ އެ ކޯހުގެ ދެވަނަ މޮޑިއުލް ކަމަށްވާ "ކްރިމިނޮލޮޖީ" މޮޑިއުލްގެ ކިޔެވުން ކަމަށެވެ. އަދި އެ ކޯހުގެ ފުރަތަމަ މޮޑިއުލްގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޔޫ ކެމްޕަހުގައި ކަމަށް ފުލުހުން ބުންޏެވެ.

އެއް އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ކޯސް ފަރުމާކޮށްފައިވަނީ އިންވެސްޓިގޭޝަން އޮފިސަރުންނަށެވެ. އެ ކޯހުގައި މެދު ދެކުނު ޕޮލިސް ރީޖަންގައި ހިމެނޭ ތ. އަތޮޅާއި ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ދެކުނު ޕޮލިސް ރީޖަންގައި މަސައްކަތްކުރާ ހުވަދޫ އަތޮޅާއި ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 27 އިންވެސްޓިގޭޝަން އޮފިސަރުން ބައިވެރިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ ބައެއް މޮޑިއުލްތައް

  • އެކެޑަމިކް ރައިޓިން
  • ލޯ އެންޑް ހިއުމަން ރައިޓްސް
  • ކްރިމިނޮލޮޖީ އަދި ކްރިމިނަލް ޖަސްޓިސް ސިސްޓަމް
  • އިންޓެވިސްޓިގޭޝަން ސްޕެސިފިކް ކްރައިމްސް
  • އިންވެސްޓިގޭޝަން މެނޭޖްމަންޓް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 2017 ވަނަ އަހަރު އަޅަން ފަށާފައިވާ ފުލުހުންގެ ޓްރޭނިން އެކެޑަމީގެ މަސައްކަތްތައް ނިމި ރަސްމީކޮށް ހުޅުވާފައި ވަނީ މިދިޔަ މަހުގެ 27 ގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އެ އެކެޑަމީގައި ހުންނާނެ ވަސީލަތްތަކުގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމޮޑޭޝަން ބްލޮކްތަކާއި، މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި، ޕީޓީ ގްރައުންޑާއި، ހެލިޕެޑާއި، ޓްރެއިނިން ސެންޓަރާއި، 800 މީހުންގެ ޖާގައިގެ ޖިމަކާއި، ފުޓްބޯޅަ ދަނޑަކާއި، ބާސްކެޓް ކޯޓަކާއި، ޓެނިސް ކޯޓާއި، 400 މީޓަރުގެ ޓްރެކާއި، 340 މީހުންގެ އޮޑިޓޯރިއަމަކާއި، 40 ފުލުހުންގެ ޖާގައިގެ އަށް ކްލާސްރޫމް ހިމެނެއެވެ.