އދ. ހަންޏާމީދޫ ބަނދަރު ހެދުމުގެ މަސައްކަތަކަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފަހު ޝިޕްމަންޓް ސައިޓަށް ގެންގޮސްފިއެވެ.

ހަންޏާމީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫގެ އެންމެ ފަހުގެ ތަފްސީލް ހާމަކުރަމުން އެމްޓީސީސީއިން ބުނީ މި މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހު ޝިޕްމެންޓް ޕްރޮޖްކެޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން މި މަޝްރޫއުގެ 77 ޕަސަންޓް މަސައްކަތް މިހާރު ފުރިހަމަކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 204 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި 266 މީޓަރު އެއްގަމު ތޮށި ހެދުމާއި 160 މީޓަރު ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

އޭގެ އިތުރުން 1330 ސްކެއާ މީޓަރު ޕޭމަންޓް ހެދުމާއި 6363.1 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމާއި 404 ކިއުބިކް މީޓަރު ނެރު ފުންކުރުމާއި 12 މޫރިން ބްލޮކްސް ޖެހުމާއި 2 ނެރުބައްތި ޖެހުން އަދި 14 ބަނދަރު ބައްތި ޖެހުން ހިމެނެއެވެ.

މި މަޝްރޫއަކީ 32.2 މިލއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.