ހުޅުމާލޭ މޫދުގައި ހަބަރު ހުސްވެފައި އޮއްވާ ރޭ ފެނުނު މީހާއަށް ފުލުހުން ސީޕީއާރް ނުދޭ މައްސަލަ ހޫނު ވެއްޖެއެވެ.

ފުލުހުން ބުނީ، ހުޅުމާލެ މޫދުގައި ހަބަރުހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރި ކަމަށާއި އެ މީހާއަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އާއިލާއާ އޭނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، އެ މީހާއަށް އެ ހާލަތު ދިމާވި ގޮތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ރޭގެ ވަގުތެއްގައި ހުޅުމާލޭ ޓްރެކް ސަރަހައްދުގެ މޫދުގައި ހަބަރު ހުސްވެފައި އޮއްވާ ފެނިފައި ވަނީ ދިވެހި ފިރިހެނެކެވެ. ފުލުހުން ވަނީ އެ މީހާ ނަގައިގެން ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުން އެމީހާ ނަގައިގެންދާ ވީޑިއޯއެއް ވައިރަލް ވެފައިވާ އިރު، ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ފާޑު ކިޔަމުންނެވެ.

އެ ވީޑިއޯއިން ފެންނަނީ ހަބަރު ހުސްވެފައި އޮތް މީހާގެ މޫނުގައި ތަޅައި އެމީހާއަށް ގޮވާ މަންޒަރެވެ. އަދި އެއަށް ފަހު އެ މީހާ ނަގައިގަނެގެން ގެންދާ މަންޒަރެވެ. މި ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވުމާއެކު ފުލުހުންނަށް ދޭން ޖެހޭ މުހިއްމު ޓްރެއިނިން އެއް ނުދީ ހުރި ކަމަށް ބުނެ އާންމުން އަންނަނީ ފާޑުކިޔަމުންނެވެ، އެ ގޮތުން އެންމެ ކުޑަމިނުން އެމީހާއަށް ސީޕީއާރް ދޭން ވެސް ފުލުހުން ނޫޅުނު ކަމަށް އެއްބަޔަކު ވަނީ ބުނެފައެވެ.

މޫދުގައި އޮތް މީހާގެ ވިންދު ހުރިތޯ ބަލަނީ

ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާ އަތުގައި ހިފާ ދަމާފައި އެއްގަމަށް އަރުވަނީ ދެ ފުލުހެކެވެ. އެ ސަރަހައްދުގައި އާންމުންގެ މީހުންވެސް ތިބި އިރު، ފުލުހުންގެ ތެރެއިން އެކަކު އެމީހާގެ ކޯމަތީ ތަޅަމުން އެމީހާއަށް ގޮވަމުން ދިޔައެވެ. އަދި އެމީހާ ނޭވާ ލާތޯ ބެލުމަށް ކަރުދަށާ ދިމާލަށް ފުލުސް މީހާ ބޯތިރިކޮށްލާ މަންޒަރުވެސް ފެނެއެވެ. އެއަށް ފަހު އެއްގަމުގައި ހުރި އާންމުންގެ މީހަކު އެމީހާ މަރުވެފައި ތޯ އެހުމުން އެތަނުން ދެން ހުރި ފުލުހަކު އެމިހާގެ ވިންދު ހުރިތޯ ބަލަން އަތުގެ ކުޑަހުޅުކައިރީގައި ހިފާލައެވެ. އޭރުވެސް ދޭތެރެ ދޭތެރެއިން އެއް ފުލުހަކު އޭނާގެ މޫނުގައި ތަޅާއި ގޮވަމުން ދެއެވެ.

އެމީހާއަށް ސީޕީއާރް ނުދިނީ ކީއްވެތޯ ގިނަ ބަޔަކު އަހަމުންދާ އިރު، ސީޕީއާރް ދެނީ ނޭވާ ނުލައި އަދި ހިތުގެ ވިންދު ނުލިބޭ ކަން ކަށަވަރުވާ ހާލަތްތަކުގައި ކަން ފާހަގަ ކުރަން ޖެހެއެވެ. އެ ވީޑިއޯއިން ފެންނަ ފެނުމުގައި އެމީހާ ވިންދު ހުރިތޯއާއި ނޭވާލާތޯ ފުލުހުން ބަލާ މަންޒަރު ފެނެއެވެ. ސީޕީއާރް ނުދީނީ އެ ހާލަތަށް ނުދާތީ ކަމަށް ބެލެވެއެވެ. އެހެންކަމުން ދެން އޭނާ ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާ ދިނީއެވެ.