ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް އެ ގައުމުގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ކުރަމުން ދާ ހަނގުރާމަ، ދޮޅުމަހަށް ވުރެ ދިގުލާ ގޮސްފައި ވާ އިރު، ހަނގުރާމައިގެ ތެރެއަށް އުފަންވާ ކުދިންނަށް މިސައިލްތަކުގެ ނަމުން ނަން ދިނުމުގެ "ސަގާފަތެއް" ޔޫކްރައިންގައި ފަށައިފިއެވެ.

އެގޮތުން ޔޫކްރައިންއަށް ދާދި ފަހުން އުފަންވި އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކަށް، ޖަވެލިނާ އަދި ޖަވެލިންގެ ނަމުން ނަން ދީފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެ ނަންތަކަކީ ޔޫކްރައިންއަށް ހަމަލާ ދެމުންދާ ރަޝިއާއާ ދެކޮޅަށް ބޭނުން ކުރަމުން ދާ އެމެރިކާގެ ޖަވެލިން މިސައިލްތަކަށް ހާއްސަކޮށްގެން، އަލަށް އުފަންވި ކުދިންނަށް ދީ ފައިވާ ނަންތަކެއް ކަމަށް ހަބަރު ލިބެއެވެ.

ޔޫކްރައިންގެ ޖަސްޓިސް މިނިސްޓްރީއިންވެސް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އެގޮތުން ހަނގުރާމަ އަކީ ޔޫކްރައިންގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅިފައި ވާ ކަމެއް ކަމުގައި ގިނަ ބަޔަކު ދެކޭ ކަމަށާ، ދެވަނަ މަހަކަށް ހަނގުރާމަ ދިގުލާ ގޮސްފައި ވާ އިރު، ދަރިންނަށް ނަން ދިނުމުގައިވެސް ޖޭން، ޖަވެލިން އަދި ޖަވެލިނާ ފަދަ ނަންތައް ދޭން ފަށާފައި ވާ ކަމަށް، ޖަސްޓިސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރަޝިއާގެ އުދުވާންތަކުން ސަލާމަތް ވުމަށް ގިނަ އަދަދެއްގެ އަންހެނުން ބަންކަރުތަކުގައި ހިމާޔަތް ހޯދަމުން ދާއިރު، އެތަންތަނަށް ގިނަ އަދަދެއްގެ ކުދިންވެސް ވަނީ އުފަންވެފައެވެ.