މ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުން ދިޔަ ދަރިވަރަކަށް ރުޅި އިސްކޮށް އިހާނެތިކޮށް ހިތި މައްސަލައިގައި ސަސްޕެންޑް ކޮށްފައިވާ މ. މުލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓު ހުސައިން އާމިރުގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ދައުލަތުން މެޖިސްޓްރޭޓާ އާމިރުގެ މައްޗަށް ދައުވާ އުފުލާފައިވަނީ މީގެ ފަސް އަހަރުކުރިން 2017 ވަނަ އަހަރު މ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުންދިޔަ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް އިހާނެތިކޮށް ހިތުމާ ގުޅިގެންނެވެ. މިކަން ހިނގައިދިއުމަށް މެދުވެރިވެފައި ވަނީ މެޖިސްޓްރޭޓަރު އާމިރުގެ ދަރިފުޅަކަށް އެ ދަރިވަރުގެ ފަރާތުން ދިމާވި ގަނާކުރުމުގެ އަމަލަކާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވާ ގޮތުން، މެދައުލަތުން ކުރި ދައުވާ ސާބިތުކުރުމަށްޓަކައި، މެޖިސްޓްރޭޓަރު އާމިރު އެ ދަރިވަރަށް އިހާނެތިކޮށް ހިތިކަން ސާބިތުކޮށްދޭން ޖެހޭނެއެވެ. ޝަރީއަތުގެ ކުރިމަތީގައި އޮތީ މެޖިސްޓްރޭޓް އާމިރު އައިސް އެ ދަރިވަރުގެ އަތުގައި ހިފިކަމަށް ދަރިވަރު ދިން ބަޔާން ކަމަށް ވާއިރު، އެ ބަޔާނަށް ބާރުލިބޭ އެއްވެސް ހެއްކެއް ނުލިބޭ ކަމަށް އެ ހުކުމްގައިވެއެވެ.

ހުކުމްގައިވާ ގޮތުން، އެ ދަރިވަރަށް މެޖިސްޓްރޭޓަރު އާމިރު އިހާނެތިކޮށް ހިތިކަމަށް ސާބިތުވާ މިންވަރަށް ކާފީ ހެކި ލިބިފައިނުވާތީ، ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތެއްނުވެއެވެ. އެހެންކަމުން މެޖިސްޓްރޭޓަރު އާމިރުގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް، އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ކުރެއްވި ހުކުމްގައިވެއެވެ.

ދަރިވަރަކަށް އިހާނެތިކޮށް ހިތާފައިވާ ކަމަށް ބުނެ މެޖިސްޓްރޭޓަރު އާމިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފައިވާއިރު، އެ މައްސަލަ ތަހުގީގުކުރުމަށް ފަހު މިދިޔަ ޖޫން މަހު ޖޭއެސްސީން ވަނީ މެޖިސްޓްރޭޓް އާމިރުގެ މައްޗަށް އެ މައްސަލަ ސާބިތުވާކަމަށް ނިންމައި، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް ތިން މަސްދުވަހުގެ މުއްދަތަކަށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ.