ސްރީލަންކާގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ބޮޑުވަޒީރު ފިޔަވާ އެހެން ހުރިހާ މެންބަރުން ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މަގާމުތަކުގެ ތެރެއިން 4 ވުޒާރާއަކަށް ބޭފުޅުން ހަމަޖައްސަވައިފިއެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ގާނޫނީ ހައިސިއްޔަތު ދަމަހައްޓަވާ، ހަމަޖެހުން ގާއިމު ކުރެއްވުމަށްޓަކާ، ރައީސް ގޮތަބާޔާ ރާޖަޕަކްސަ، 4 ވުޒާރާއަކަށް ވަޒީރުން އައްޔަން ކުރައްވާފައި ވަނީ، ފުރިހަމަ ކެބިނެޓެއް އެކުލަވާލެއްވެން ދެކަށް ކަމަށް މައުލޫމާތު ލިބެއެވެ.

ނޭވާ ހޮޅިއަށް އެޅިފައިވާ ލަންކާ ސަރުކާރު ދެމެހެއްޓެވުމަށްޓަކާ ގޮތަބާޔާ ވަނީ، އެ ގައުމުގައި ގުޅިފައިވާ ސަރުކާރެއް އެކުލަވާލެއްވުމާށް އިދިކޮޅު ސިޔާސީ ފަރާތްތަކަށްވެސް ފުރުސަތު ހުޅުވާލައްވާފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ފިޔަވާ، ވަޒީރުންގެ މަޖިލީހުގެ އެހެން ހުރިހާ މެންބަރުން އިސްތިއުފާ ދެއްވާފައި ވާ މި ދަނޑިވަޅަކީ ލަންކާ ތާރީހު ނުދެކޭ ވަރުގެ ފުން، އިގުތިސޯދީ އަނދަވަޅަކަށް ގައުމު ވެއްޓި، އެ ކަމުން ގައުމު ސަލާމަތް ކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުގެ އިސް ނެގުމާއެކު، ސްރީލަންކާގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ.

ވަޒީރުން އިސްތިއުފާ ދެއްވީ ގައުމުގައި ހޫނުވަމުން ދާ މަސްރަހު ފިނިކުރެއްވުމުގެ މަގުސަދުގައި ނަމަވެސް، އެކަން ހާސިލު ވެދާނެ ކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ވަޒީރުންގެ މަޖިލީސް މިހާރު އޮތް ގޮތަށް ބަލާއިރު، މާލީ ވަޒީރު ކަމުގެ މަގާމު އަދާ ކުރައްވާނީ ކުރީގެ ޖަސްޓިސް މިނިސްޓަރު އަލީ ސޮބްރީއެވެ. ކުރިން އެ މަގާމުގައި ހުންނެވީ ރައީސްގެ އަހު ބާސިލް ރާޖަޕަކްސައެވެ.

ފޮރިން މިނިސްޓްރީގެ އިތުރުން އެޑިއުކޭޝަން އަދި ހައިވޭޒް މިނިސްޓްރީގެ ވަޒީރުންގެ މަގާމުގައި ތިއްބަވާނީ ކުރިންވެސް އެ މަގާމުތައް އަދާ ކުރެއްވި ބޭފުޅުން ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި މައި އިދިކޮޅު ލީޑަރު ސަޖީތު ޕްރޭމަދާސަ ވަނީ، ވެދެއްވެން އޮތްހާ އެހީއެއް ފޯރުކޮށްދެއްވުމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއަށް ގޮވާލައްވާފައެވެ. ސްރީލަންކާއަށް ކުރިމަތިލާން ޖެހިފައިވާ މާލީ އަދި އިގުތިސޯދީ ހީނަރު ކަމުގެ ސަބަބުން ޒަރޫރީ ގިނަ ހިދުމަތްތަކެއްވެސް ފޯރުކޮށްދެވެމުން ނުދާ އިރު، މިވަގުތު ސްރީލަންކާއަށް ބޭނުންވާ އެހީ، އެންމެ ގާތުން ފޯރުކޮށްދެމުންދާ ބައިނަލްއަގުވާމީ ބައިވެރިއަކީވެސް އިންޑިއާއެވެ.