ވޭތުވެދިޔަ 27 އަހަރަށް ބަލާއިރު މިއަހަރަކީ އެކުންފުނިން އެންމެ ގިނަ މަޝްރޫއުތަކެއް ހިންގާ އަހަރު ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
ޝާހު މިހެން ވިދާޅުވީ، އެ ކުންފުނީގެ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި މުވައްޒަފުންގެ ހާއްސަ އެސެމްބްލީގައި ވާހަކަ ދައްކަވަމުންނެވެ. ޝާހު ވިިދާޅުވީ، މިހާރު ރާއްޖޭގައި އޮތް ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކުންފުންޏަކީ އެމްޑަބްލިޔުއެސްސީ ކަމަށާއި، ވޭތުވެދިޔަ 27 އަހަރު ތެރޭގައި މި ދާއިރާއިން ގިނަ ގުނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން މި އަހަރަކީ އެމްޑަބްލިޔުއެސްސީގެ ހަޔާތުގައި ވެސް ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އެންމެ ގިނަ މަޝްރޫތައް ހިންގަމުން އަންނަ އަހަރު ކަމަށާއި މިހާރު 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުންދާ ކަމަށް ޝާހް ވިދާޅުވިއެވެ.
ޝާހް ވަނީ ފެނާއި ނަރުދަމާގެ ހިދުމަތް މެދު ކެނޑުމެއްނެތި 24 ގަޑި އިރު ރައްޔިތުންނަށް ފޯރުކޮށް ދިނުމުގައި އަދި ކުންފުނިން ހިންގާ މަޝްރޫތައް ހިންގުމުގައި މުވައްޒަފުން ކުރަމުން ގެންދާ ބުރަ މަސައްކަތާއި ހިތްވަރަށް ފާހަގަކޮށް އެ މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ހުޅުމާލޭ ފޭސް 2 ގައި ހިޔާ މަޝްރޫގެ ދަށުން ގާއިމް ކުރާ ޓަވަރުގެ މަސައްކަތް ނިންމައި، މި އަހަރު ޖޫން މަހުގައި މުވައްޒަފުންނާއި ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޑީ ޝާހު ވިދާޅުވިއެވެ.
އެމްޑަބްލިޔުއެސްސީއަށް 27 އަހަރު ފުރިގެންދާއިރު ކުންފުނިން ވަނީ ތަފާތު އެކި އެކި ރޮނގުތަކުން ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން، ވޯޓާ ސިކުރިޓީ އާއި، ފެނާއި ނަރުދަމާގެ ހިދުމަތުގެ ކެޕޭސިޓީ އާއި، މުވައްޒަފުންގެ އަދަދާއި އަދި މީހުން ބިނާ ކުރުމާއި، ޒަމާނީ ޓެކްނޮލޯޖީގެ ވަސީލަތްތައް ގާއިމްކުރުމާއި، އިންފްރާސްޓްރަކްޗާތައް ބިނާ ކުރުމާއި، ކުންފުނީގެ ހިންގުމާއި، ހިދުމަތްތައް ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށް ދިނުމުގައި އައިސްފައިވާ ކުރި އެރުންތައް ފާހަގަކޮށްލެވެއެވެ.
މާލޭ ސަރަހައްދުގެ އިތުރުން ކ.މާފުށި، ހދ.ކުޅުދުއްފުށި އަދި ރ.ދުވާފަރުގައި އެމްޑަބްލިޔުއެސްސީން މިހާރު އަންނަނީ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރު ކޮށްދެމުންނެވެ. އަދި ރ. ދުވާފަރުގައި ކަރަންޓުގެ ހިދުމަތާއި، ރައްކާތެރިކަމާ އެކު ކުނި ނައްތާލުމުގެ ހިދުމަތާއި، އަދި މަސްވެރިންނަށް އައިސް ފޯރުކޮށް ދިނުމުގެ ހިދުމަތް ވެސް ދަނީ ފޯރުކޮށް ދެމުންނެވެ.
އެމްޑަބްލިޔުއެސްސީ އުފެދިގެން އައީ ފެނާއި ނަރުދަމާ އަށް ހާއްސަ ކުންފުންނެއް ގޮތުގައި ނަމަވެސް މިއަދު އެމްޑަބްލިޔުއެސްސީއަކީ އިންޖީނިއަރިން، ޓްރޭޑިން އަދި މެނުފެކްޗަރިންގެ ދާއިރާއިން ވެސް ފާހަގަކޮށް ލެވޭ ކުންފުންޏެކެވެ. އެމްޑަބްލިޔުއެސްސީއަކީ އަމިއްލައަށް، ފެނާއި ނަރުދަމާ ނިޒާމު ފަރުމާ ކުރުމާއި، ގާއިމް ކުރުމާއި، އޮޕަރޭޓް ކުރުމާއި އަދި ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ ގާބިލް ކަން ވެސް ހޯދައި އެ މަސައްކަތް ވެސް ކުރަމުންދާ ކުންފުންޏެކެވެ. އަދި ހުޅުމާލޭގައި ކާރުހާނާއެއް ގާއިމްކޮށް، އެމްޑަބްލިޔުއެސްސީން އަންނަނީ ފުޅީގައި ބަންދު ކުރި ފެނާއި ޕްރިފޯމް އުފައްދަމުންނެވެ. މީގެ އިތުރުން ކ. ގުޅީފަޅުގައި ޕައިޕް ފެކްޓަރީއެއް ގާއިމްކޮށް، ދުނިޔޭގައި ނަން ހިނގާ ބްރޭންޑްތަކާއި އެއްފެންވަރެއްގައި އެމްޑަބްލިޔުއެސްސީން އަންނަނީ އެކިވައްތަރުގެ ޕައިޕް އުފައްދާ ވިއްކަމުނެވެ.
އެޕްރީލް 1، 1995 ގައި ވުޖޫދަށް އައިސްފައިވާ އެމްޑަބްލިޔުއެސްސީ އުފެދުމުގެ މައިގަނޑު މަގްސަދަކީ އެއިރު މާލެއަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލަތަކަށް ހައްލެއް ހޯދައި، މެދުކެނޑުމެއް ނެތި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށެވެ. ހަމައެއާއެކު ދިވެހި މުޖްތަމައުގެ ދުޅަހެޔޮ ކަމާއި، ލާބައާއި މަންފާއަށް އެހީތެރިވެދިނުމަށެވެ.